މެންބަރުންގެ ޚިޔާލު: ހަމްދަރުދީ ވަމެވެ!!

ފުނަމާ

ރާއްޖޭގައި ބޭރުފައިސާގެ ޚާއްސަކޮށް ޑޮލަރުގެ ކަޅުބާޒާރެއް އުފެދި ސާދަ ފަނަރައަށް ޑޮލަރުގެ އަގު އަރައިގެން އުޅޭ ވާހަކައާއި ފަޅުއޮޑި ފަހަރަށް އަރައިގެން ބައެއްމީހުން ޑޮލަރުގެ އުނގުވިޔަފާރި ކުރަމުން ގެންދާ ވާހަކަ އާންމުކޮށް ދައްކަމުން ގެންދާތާ އެތަކެއް ދުވަސްވެއްޖެއެވެ. ޑޮލަރު ލިބުން ދަތިވުމާ އަގުމައްޗައް ދިއުމުގެ ސަބަބުން ބާޒާރުގެ އަގުތައް ” އަތްނުފޯރާ ފަށަށް ” އަރައިގެން އުޅޭ ވާހަކަވެސް ދައްކާތާ މިހާރުމިވަނީ ގިނަދުވަސްތަކެއް ވެފައެވެ.
މިހެންމިކަން ވެފައި އޮއްވައި އެމްއެމްއޭ އާއި ސަރުކާރުން ޑޮލަރުގެ ކުރީގެ ބޭންޑު ދޫކޮށްލުމުން މިއަދު އަނެއްކާ މިއިވެނީ އޭގެ ސަބަބުން އަނެއްކާވެސް ތަކެތީގެ އަގުއުފުލި އެތަކެއް ދަތިތަކާއި ދިވެހި ރައްޔިތުން ކުރިމަތިލާން ޖެހޭނެވާހަކަ ދައްކާންފެށި ތަނެވެ. މީގެކުރީން އެބުނާ ވިޔަފާރިވެރީންނާއި ބޭރަށްދާ މީހުން ކަޅުބާޒާރުން ފަނަރަ ރުފިޔާގެ މަތީން ގަތް ޑޮލަރު މިއަދު އެހުރީ ހަމައެއަގުގައި ނުވަތަ އެއައްވުރެ ހެޔޮ އަގުގައި ބޭންކުތަކުން ގަންނާން ލިބޭށެވެ. ކުރީން ދަތީގައި ވަގަށް ޑޮލަރު ގަތްގަތުން މިއަދު މިވަނީ ފަސޭހަވެގެން ގޮސްފައެވެ. ވީމައި އެބުނާ މުދަލުގެ އަގު ބޮޑުވެގެން ދާންވީ ގޮތެއް އޮތްކަމަކަށް ނުދެކެމެވެ. ނަމަވެސް އެއްވެސް ކަމެއްގައި ކުރާންތިބި ބައެއްގެ ނިޔަތް ރަނގަޅު ނޫންނަމަ މިކަހަލަ ބަހަނާތައް ކިތަންމެހާވެސް ގިނަވާނެތާއެވެ.
އައިއެމްއެފް ފަދަ ދުނިޔޭގެ މާލީ އިދާރާތަކުން މިގެނައި ބަދަލައް މަރުހަބާ ކިޔާފައިވާއިރު ރާއްޖޭގެ ސިޔާސީ ޕާޓީއަކުން މިކަމާ އިދިކޮޅަށް އިހްތިޖާޖު ކުރާން ނުކުންނަ ނުކުތުމަކީ ތަންދޮރު ނުދަންނަ ކުޑަކުދީންނަށް އޮޅުވާލާން ކުޅޭ ޑްރާމާއެއް ކަމުގައި މެނުވީ ނުވާނެތާއެވެ. އެހެން ނަމަވެސް މިކަން މިކުރަނީ ސަބަބުތަކެއް ނެތި ނޫންކަމުގައިވެސް ގަބޫލުކުރާން ޖެހެއެވެ. ހަތަރު ބަޔަކަށް ބަހާލައިގެން މިސަރުކާރު ވައްޓާލުމަށް ކަންކަން ރާވައި ހިންގުމަށް ބަޔަކު އެއްމޭޒު ދޮށުގައި އިށީނދެ އެމްއޯޔޫގައި ސޮއެކުރި ދުވަސް އަޅުގަނޑުމެން އަދި ހަނދާނެއް ނުނެތެއެވެ. އެއްބަޔަކު ރައްޔިތުންގެ މަޖްލީހުގެ ތެރެއިން ގާނޫނުތައް ބަދަލުކޮއްގެން ސަރުކާރު ނޭވާހޮޅިއަށް އަޅުވާލަން އަނެއްބަޔަކު ތާއަބަދު ކޯޓުތަކުގެ ކިއޫގައި ތިބެގެން ސަރުކާރުން ކުރާކޮންމެ ކަމެއް ހުއްޓުވާލުން އަނެއްބަޔަކު މަގުމަތީގައި މުޒަހަރާ ކޮށް ހަމަނުޖެހުން ހިންގާން އަދި ފުންނާބުއުސް ވިޔަފާރި ވެރިޔާއަށް ބޭރުފައިސާގެ ދަތިކަން ގެނައުމަށް ހަވާލުކޮއްގެން ފެށި މަސައްކަތް ވެރިކަމުގެ ދަހިވެތި ކަމުގައި އުފެދުން ހައިޖާނު ގަނޑެއްގެ ތެރެއިން ހަފުސްވެ މިވަނީ ގޮސްފައެވެ. ގަންނާން އުޅުނު މެންބަރުން ނުގަނެވިގެން އުޅެނިކޮށް އެކަންވެސް ވަނީ ފަޅާ އަރާފައެވެ.
ޑިމޮކްރަސީގެ ޅަފަތުގައި މިކަން ނައްތާލަން މިފެށި މަސައްކަތް ތަކުގެ ސަބަބުން މުޅިގައުމު ހަމައިން ނެއްޓި ދިވެހި ރައްޔިތުން ނާމާން ކަމެއްގެ ތެރެއަށް ވެއްޓެމުން ދިޔަދިއުން މަޑުމަޑުން ބަދަލުވާން މިސްރާބު ޖަހައިފި ކަމުގެ ފެހި ސިގުނަލް ލިބޭން ފަށައިފައިވާ މިދުވަސްވަރު އަނެއްކާ ޑޮލަރާ ގުޅިގެން ސަރުކާރުން މިއެޅުއްވި ފިޔަވަޅާ ގުޅިގެން މިކަމުންވެސް އިތުރު ގުޖަޑެއް އުފައްދާން މިދަނީ ތައްޔާރުވަމުންނެވެ. އެންމެ ހިނދު ކޮޅަކަށްވެސް ދިވެހި ރައްޔިތުން ހަމަޖެހިލައިގެން ތިއްބަ ނުދިނުމަކީ ބައެއްގެ މަސްލަހަތު ކަމުގައި ވީނަމަވެސް ދިވެހި އެންމެހާ ރައްޔިތުންނަށް މިކަން ކަމުނުދާކަން އެބަޔަކަށްވެސް އެނގޭނެތާއެވެ؟
ތެދެކެވެ. މީހެއްގެ އަތުން ދެލައްކަ ޑޮލަރު ދަރަންޏައް ނަގައިގެން މިހާރު އެފައިސާ ދައްކާން ޖެހިދާނެ ކަމުގައި ހީވާ މީހަކަށް މިއަދު ޑޮލަރުގެ އަގު ހުރި ގޮތުން އެފައިސާ ދައްކާން ޖެހޭއިރު ޑޮލަރަކުން ތިންހަތަރު ރުފިޔާ ރަސްމީކޮށް ބޮޑުވީމައި އަށެއްކަ ލައްކަ ރުފިޔާ އިތުރައް ދައްކާން ޖެހިދާނެކަން އެނގޭތީވެ ކަންބޮޑުވާނެއެވެ. އަދި ބޭންކުތަކުން ނަގާފައިވާ ޑޮލަރުގެ ލޯނުތަކުން ދައްކާންޖެހޭ ފައިސާ ދެއްކުމުގައި އަތުން ދާންއޮތް މިންވަރު ދިވެހި ފައިސާއިން ބަލައިފިނަމަ އިތުރުވާނެތީވެ ބޮލުގައި ރިއްސާ ހުންއައުމަކީ ހަމަ ވެދާނެ ކަމެކެވެ. އެހެން ކަމުން މަގުމައްޗައް ނުކުމެ މުޒާހަރާވެސް ކުރާނެތާއެވެ. މިފަދަ މީހުންގެ އެކަންބޮޑުވުން ތަކާއި ޖެހިދާނެ ހާލަކަށްޓަކައި އަޅުގަނޑުމެންވެސް ހަމްދަރުދީ ވަމެވެ.