ރިޔާސީ އިންތިޚާބާއި ކުރިމަތިލާއިރު އެމްޑީޕީގެ ސިޔާސަތު ޤަބޫލުކުރާ އެއްލައްކައަށްވުރެ ގިނަ ރައްޔިތުން މި ޤައުމުގައި ބައިތިއްބާނަން – އަލްހާން

އިބްރާހީމް ރާމިޒް

alhaan-450-x-3001

2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި ކުރިމަތިލާއިރު އެމްޑީޕީގެ ސިޔާސަތު ޤަބޫލުކުރާ އެއްލައްކައަށްވުރެ ގިނަ ރައްޔިތުން މި ޤައުމުގައި ތިބޭނޭ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށް އެމްޑީޕީގެ ނައިބު ރައީސް ކަމަށް ވާދަކުރައްވާ ފޭދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
ހުކުރު ދުވަހުގެރޭ އާރޓިފިޝަލް ބީޗްގައި “އަނެއް ދިވެހިރާއްޖެ މެކުހަށް” މި ނަމުގައި ބޭއްވި އަލްހާންގެ ކެމްޕެއިން ރަސްމީކޮށް ފެށުމުގެ ހަފްލާގައި އޭނާ ވިދާޅުވީ އެމްޑީޕީގެ ނައިބު ރައީސް ކަން ލިބިވަޑައިގެންފިނަމަ، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބޔކުރުމަށް ބޭނުންވާ 51 ޕަސެންޓާ އެއްވަރަށް އެމްޑީޕީގެ މެންބަރޝިޕް އިތުރުކުރައްވާނޭ ކަމަށާއި، އަދި އެކަން ހާސިލްކުރުމަށް ކަންތައްކުރާނޭ ގޮތުގެވިސްނުމާއި ފިކުރު އެބަހުރިކަމަށާއި އެހެން ކަމުން ޕާޓީގެ ނައިބު ލީޑަރު ކަމަށް އިންތިހާބު ވެވަޑައިގެންފިނަމަ ތުރާކުން ފެށިގެން އައްޑުއާ ޖެހެންދެން އެމްޑީޕީގެ ސިޔާސަތު ވިއްކަން ދަތުރުކުރައްވާނޭ ކަމަށެވެ.
މި ޖަލްސާގައި ރާއްޖޭ ގެ އިޖުތިމާއީ ހާލަތަށް ބައްލަވާލައްވަމުން އަލްހާން ވިދާޅުވީ މި ޤައުމުގައި މިއަދު ޒުވާނުން ހިންގަމުންދާ މާރާމާރީއާއި ބޮޑެތި ޖަރީމާތަކުގެ ބަދުނާމު އެމްޑީޕީގެ ބޮލުގައި އެޅުވެން ނޯންނާނެ ކަމަށާއި، އެފަދަ ނޭދެވޭ އަމަލުތަކައީ ނިމިގެންދިޔަ ތިރީސް އަހަރުގެ ”އިންސާފެއް ހަމައެއް ލަމައެއްނެތް” ސިޔާސަތުގެ ތެރެއިން އުފެދުނު ބައްޔެއް ކަމަށެވެ.
” މިޤައުމުގެ ޒުވާނުން ހިމާޔަތް ކުރަން އެބަޖެހޭ. މި ރާއްޖޭގައި ކުށްތައްގިނަވެ ވަޅި ހަރާ އަނެއް ކަމެއްކޮށް ހަދާކަމީ އަޅުގަނޑުމެންގެ މި ޖީލު ތަރުބިއްޔަތު ކުރުމަށް ސިޔާސަތެއް ކަނޑައަޅަން ޖެހޭ ކަމުގެ ހެއްކެއް. އަޅުގަނޑު މި ކުށްތަކުގެ ބަދުނާމެއް، މި ހިނގާ ޖަރީމާތަކުގެ ބަދުނާމެއް މި ޕާޓީގެ ބޮލުގައެއް ނާޅުވާނަން. އަޅުގަނޑު ދެކެނީ އެއީ މި ދިޔަ ތިރީސް އަހަރުގެ ތަޖްރިބާ ކަމަށް. މި ދިޔަ ތިރީސް އަހަރު ގެ އިންސާފެއް ހަމައެއް ލަމައެއްނެތް ސިޔާސަތުގެ ތެރެއިން އުފެދުނު ބައްޔެއް ކަމަށް.” އަލްހާނު ވިދާޅުވިއެވެ.
މި ޖަލްސާގައި އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕްގެ ގިނަ އަދަދެއްގެ މެންބަރުން ވަނީ އެމްޑީޕީގެ ނައިބު ރައީސްކަމަށް އަލްޙާން ހޮއްވެވުމަށް ތާއީދު ކުރައްވާކަން ޢިއުލާން ކުރައްވާފައެވެ.