އެމްޑީޕީގެ ޗެއަރޕާސަން އަށް ށ.އަތޮޅުން ދެންނެވި މަރުހަބާއަށް އެކަމަނާ ޝުކުރު އަދާކުރައްވައިފި

އިބްރާހީމް ރާމިޒް

އެމްޑީޕީގެ ޗެއަރޕާސަން މާރިޔާ ދީދީ ށ.ފީވަކުގައި - ށ. އަތޮޅުން މާރިޔާ އަށް ވަރަށް ހޫނު މަރުހަބާއެއް ދެންނެވި
އެމްޑީޕީގެ ޗެއަރޕާސަން މާރިޔާ ދީދީ ށ.ފީވަކުގައި - ށ. އަތޮޅުން މާރިޔާ އަށް ވަރަށް ހޫނު މަރުހަބާއެއް ދެންނެވި

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ ދާދި ފަހުން ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އަރިހުގައި ށ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅުން ދެންނެވި މަރުހަބާއަށް އެކަމަނާ ޝުކުރު އަދާކުރައްވައިފިއެވެ.
ށ.މިލަންދޫ ދާއިރާ އާއި، މި ދަތުރުގައި މާރިޔާ ވަޑައިގެންނެވި 3 ރަށް ކަމަށްވާ ށ. ފީވަކާއި، ނަރުދޫ އަދި މިލަންދޫ އިން ވެސް އެކަމަނާއަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައިވެއެވެ. އަދި އެރަށްރަށުގެ އެމްޑީޕީ ގޮފިތަކުގެ މެންބަރުން އިސްނަގައިގެން މި 3 ރަށް ވެސް ވަނީ އެމްޑީޕީގެ ރަންރީނދޫ ކުލައިން ވަރަށް ފުރިހަމައަށް ޒީނަތްތެރިކޮށްފައެވެ.
މި 3 ރަށުގެ އެމްޑީޕީ ގޮފިތަކާއި އެމްޑީޕީ މިލަންދޫ ދާއިރާގެ ރައީސް އަށް މާރިޔާ ފޮނުއްވި ޝުކުރުގެ ސިޓީފުޅު ގައި އެކަމަނާ އެރަށް ރަށަށް ކުރެއްވި ދަތުރުފުޅުގައި “އެރަށްރަށުގެ އެމްޑީޕީ މެންބަރުންނާއި ގޮފިތަކާއި،އެ ދާއިރާއިން ކީ ހޫނު މަރުހަބާއާއި، ބެހެއްޓެވި މެހުމާންދާރީއަށް ޓަކައި ފަށްފަށުން ޝުކުރު ދަންނަވާ” ކަމަށް ވިދާޅުވެފައިވެއެވެ.
” އަދި ހަމަ އެހެންމެ އެމްޑީޕީން ރާއްޖެއަށް ތަޢާރަފްކޮށް ފައްކާ ކުރަމުން މި ގެންދާ ޑިމޮކްރަސީގެ ފޮނިމީރުކަން ތިޔަ ރަށުގެ ލޮބުވެތި ރައްޔިތުންނަށް ފޯރުކޮށްދެއްވުމަށް ކެނޑިނޭޅި ކުރައްވަމުން ތިޔަ ގެންދަވާ ބުރަ، އަދި އިޚްލާސްތެރި މަސައްކަތަށް ވެސް ނިހާޔަތަށް ޝުކުރު ދަންނަވަމެވެ.” މާރިޔާގެ ސިޓީފުޅުގައި ވެއެވެ.
މީގެ އިތުރުން، މާތް ﷲ ގެ ވާގިފުޅާއެކު އެމްޑީޕީގެ ލޮބުވެތި މެންބަރުންގެ ބައިވެރިވުމާއި އެހީތެރިކަމާއެކު، ރައީސުލް ޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ ޒަޢާމަތުގައި ކުރިޔަށް އޮތް ދުވަސްތަކަކީ މާ ފަހި، މާ ފާގަތި، އަދި މާ އުފާވެރި ދުވަސްތަކަށް ވާނޭ ކަމަށް އުއްމީދުކުރައްވާ ކަމަށް މާރިޔާ އަޙުމަދު ދީދީ މިއަދު ފޮނުއްވި ސިޓީ ފުޅުގައި ވެއެވެ.