އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް ކަމަށް އަނެއްކާވެސް މޫސަ ހޮވިވަޑައިގެންފި

އިބްރާހީމް ރާމިޒް

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ އާ ދައުރުގެ ރައީސްކަމަށް އެގްރޫޕްގެ ކުރީގެ ވެސް ރައީސް، ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު (ރީކޯ) މޫސާ މަނިކު ހޮވިވަޑައިގެންފިއެވެ.

މިއަދު އެމްޑީޕީގެ މައި ސެކްރެޓޭރިއަޓް (ހ.ޝަރާޝާ) ގައި ބޭއްވި އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ އިންތިޚާބުގައި މޫސައަށް 16 ވޯޓު ލިބިވަޑައިގެންނެވި އިރު، އެ މަގާމަށް ދެން ވާދަކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެންބަރު އަޙުމަދު ހަމްޒާ އެމަގާމަށް ހޮވިވަޑައިނުގެންނެވީ މޫސައަށް ވުރެ އެންމެ 2 ވޯޓު މަދުވެގެންނެވެ.

ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ރައީސަކަށް ހޮވިވަޑައިގަތީ 23 ވޯޓުލިބިވަޑައިގެންނެވި ދިއްދޫ ދާއިރާގެ މެންބަރު އަހުމަދު ސަމީރާއި، 18 ވޯޓު ލިބިވަޑައިގެންނެވި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އެވެ. މި ގަމާމަށް ދެން ވާދަކުރެއްވި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދަށް ލިބިވަޑައިގަތީ 17 ވޯޓެވެ.

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ 3 ވިޕުންގެ ގޮތުގައި ހޮވުނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އާއި ހުޅުމީދޫ ދާއިރާގެ އިލިޔާސް ލަބީބާއި ބާރަށު ދާއިރާގެ މުހައްމަދު ޝިފާޒެވެ. މިއިން ކޮންމެ ކެންޑިޑޭޓަކަށް ވެސް 30 ވޯޓު ލިބިވަޑައިގެންނެވިއެވެ. މީގެ އިތުރުން އެގްރޫޕްގެ ސެކްރެޓަރީ ގެނެރަލް ކަމަށް ކުރިމަތިލެއްވި ހަމައެކަނި ފަރާތްކަމަށްވާ ކުރީގެ ވެސް ސެކްރެޓަރީ ޖެނެރަލް ހެންވޭރު ދެކުނު ދާއިރާގެ ހާމިދު ޢަބްދުލް ޣަފޫރާއި، ސެކްރެޓަރީ ޖެނެރަލްގެ ނަިއބު ކަމަށް ކުރިމަތިެއްވި ހަމަ އެކަނި ކެންޑިޑޭޓް ތިނަދޫ ދާއިރާގެ މުޙައްމަދު ގަސަމް ވެސް އިންތިޚާބުވެވަޑައިގެންނެވީ 30 ވޯޓު ލިބިވަޑައިގެންނެވެ.

މިއަދު މި ބޭއްވި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ އިންތިޚާބަކީ ވަރަށް ކާމިޔާބު އަދި އެހާމެ އިންސާފުވެރި އިންތިޚާބެއް ކަމަށް އެ އިންތިޚާބުގައި ވާދަކުރެއްވި ކެންޑިޑޭޓުން ވަނީ އިއްތިފާގު ވެފައެެވެ. މި އިންތިޚާބުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގައި ތިއްބަވާ 32 މެންބަރުންގެ ތެރެއިން 30 މެންބަރުން ވޯޓު ދެއްވިއެވެ. ރަށުން ބޭރުގައި އުޅުއްވުމުގެ ސަބަބުން މި ވޯޓުގައި ބައިވެރިވެވަޑައިނުގެންނެވުނީ މަހިބަދޫ ދާއިރާގެ މެންބަރު ރުގިއްޔާ މުޙައްމަދާއި، ގައްދޫ ދާއިރާގެ މެންބަރު ޒާހިރު އާދަމްއެވެ.