އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންނާ އެމްޑީޕީން ބައްދަލުކޮށްފި

އިބްރާހީމް ރާމިޒް

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންނާ އެމްޑީޕީން އިއްޔެ މެންދުރުފަހު ބައްދަލުކޮށްފިއެވެ.
އެ ކޮމިޝަނުގެ އިސްވެރިންނާއެކު އިއްޔެ އެމްޑީޕީން ބޭއްވި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ މިއަންނަ އެޕްރީލް މަހުގެ 30 ވަނަ ދުވަހު އެޕާޓީގެ އެތެރޭގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވާތީ އެ އިންތިޚާބުގައި ވީހާވެސް ގިނަ ބަޔަކަށް ވޯޓުލުމުގެ ފުރުސަތު ދިނުމުގެ ގޮތުން މިހާރު އެމްޑީޕީން އިލެކްޝަނަށް ފޮނުވަމުންދާ މެމްބަރޝިޕް ފޯމުތައް ޕްރޮސެސްކުރުން އަވަސްކުރުމުގެ ގޮތުންނެވެ. އެގޮތުން އިލެކްޝަންސް މޮކިޝަނުން ވަރަށް ބޮޑު އެއްބާރުލުމެއް ދެއްވާނޭ ކަމަށް އެ ކޮމިޝަނުގެ ރައީސް ފުވާދު ތައުފީގް ވިދާޅުވި ކަމަށް އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް ޙަސަން ޝާހް ވިދާޅުވިއެވެ.
އެމްޑީޕީގެ އިންތިޚާބު 2011 ގެ ގަވައިދު ބުނާ ގޮތުން އެމްޑީޕީގެ އިންތިޚާބުގައި ވޯޓުލެވޭނީ މި މާރޗް މަހުގެ 30 ވަނަ ދުވަހުގެ ކުރިން އިލެކްޝަންސް ކޮމިޝަނުގައި އޮންނަ އެމްޑީޕީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މެންބަރުންނަށެވެ. ޝާހު އަދި ވިދާޅުވީ މި ތާރީޚްގެ އެންމެ ލަސްވެގެން 1 ހަފްތާކުރިން އިލެކްޝަންސް ކޮމިޝަނަށް ފޯމުތައް ފޮނުވުމަށް އެކޮމިޝަނުން އިލްތިމާސްކުރާ ކަމަށެވެ.