އެމްޑީޕީ އިންތިޚާބު 2011ގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހަމަވާނެ

އިބްރާހީމް ރާމިޒް

އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގެ ވޯޓުލުން ކުރިޔަށް ދަނީ. މިފަހަރުގެ އިންތިޚާބުގައި އެމްޑީޕީގެ އިސް ސަފުގައި ގުނާލެވޭ ވަރަށް ގިނަ ފަރާތްތަކުން ވާދަކުރައްވާ ..
އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގެ ވޯޓުލުން ކުރިޔަށް ދަނީ. މިފަހަރުގެ އިންތިޚާބުގައި އެމްޑީޕީގެ އިސް ސަފުގައި ގުނާލެވޭ ވަރަށް ގިނަ ފަރާތްތަކުން ވާދަކުރައްވާ ..

މިއަންނަ އެޕްރީލް މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އިސް މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހަވީރު 4.00 ގެ ނިޔަލަށް ހަމަވާނެއެވެ.
މި އިންތިޚާބުގައި ވާދަކުރުމަށް ވަރަށް ގިނަ އަދަދެއްގެ ފަރާތްތަކުން ކުރިމަތިލައްވަމުން ގެންދަވާ ކަމަށާއި، މިހާތަނަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތެރޭގައި އެމްޑީޕީގެ އިސް ސަފުގައި ހަރަކާތްތެރިވެލައްވާ ގިނަ ފަރާތްތައް ހިމެނޭ ކަމަށް އެޕާޓީން މައުލޫމާތުދެއެވެ.
ވާދަވެރި އިންތިޚާބަކަށް ވެގެންދާނޭ ކަމަށް ބެލެވޭ މި އިންތިޚާބުގައި ޕާޓީގެ ރައީސް އާއި ނާއިބް ރައީސްގެ އިތުރުން ޗެއަރޕާސަންގެ ނާއިބު އިދާރީ އާއި ޗެއަރޕާސަންގެ ނާއިބު މާލީ އަދި އިސްލާމްދީނުގެ މަޝްވަރާ މަޖިލީހުގެ 5 މެމްބަރުންނާއި އިސްތިއުނާފް ފަނޑިޔާރު މަޖިލީހުގެ 9 މެމްބަރުން އިންތިޚާބުކުރުމަށް ހަމަޖެހިފައިވެއެވެ.
މީގެ އިތުރުން ޒުވާނުންގެ ހިއްވަރުގެ ރައީސް އާއި ނާއިބްރައީސް އާއި، އަންހެނުންގެ ރޫހުގެ ރައީސާ އާއި ނާއިބްރައީސާ އިންތިޚާބުކުރުމަށް ހަމަޖެހިފައިވާއިރު، މިފަހަރުގެ އިންތިޚާބުގައި ދާއިރާ ތަކުގެ ރައީސުންނާއި،ޕްރޮވިންސް ރައީސް އާއިޕްރޮވިންސް ނާއިބްރައީސް ހޮވުމަށް ވެސް އެޕާޓީން ވަނީ ނިންމާފައެވެ.
މި މަގާމުތަކުގެ ތެރެއިން އެމްޑީޕީގެ ހުރިހާ މެންބަރުންގެ ވޯޓުން ހޮވުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ރައީސާއި ނައިބު ރައީސް އެވެ. 2 ނައިބު ޗެއަރޕާސަން ހޮވާނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ބޭއްވި އެމްޑީޕީގެ 2 ވަނަ ކޮންގްރެސްގައި ބައިވެރިވި މެމްބަރުންގެ ވޯޓުންނެވެ. އިސްލާމްދީނުގެ މަޝްވަރާ މަޖިލީހުގެ 5 މެމްބަރުންނާއި، އިސްތިއުނާފް ފަޑިޔާރު މަޖިލީހުގެ 9 މެމްބަރުން ހޮވުމަށް ހަމަޖެހިފައިވަނީ ގައުމީ މަޖިލީހުގެ މެންބަރުންގެ ވޯޓުންނެވެ. ޒުވާނުންގެ ހިއްވަރުގެ ރައީސް އާއި ނައިބު ރައީސް ހޮވުމުގެ ފުރުސަތު ޒުވާނުންގެ ހިއްވަރުގައި ރަޖިސްޓްރީވާ ޒުވާނުންނަށް އެކަނި ހުޅުވާލާފައިވާއިރު، އަންހެނުންގެ ރޫހުގެ ރައީސާ އާއި، އެރޫހުގެ ނައިބު ރައީސާ ހޮވުމަށް ހަމަޖެހިފައިވަނީ ވެސް އަންހެނުންގެ ރޫހުގައި ރަޖިސްޓްރީވާ އަންހެން މެންބަރުންގެ ވޯޓުންނެވެ. އަދި ދާއިރާތަކުގެ ރައީސުން އެދާއިރާގައި ހިމެނޭ އެމްޑީޕީގެ ހުރިހާ މެންބަރުންގެ ވޯޓުން ހޮވާއިރު، މި ފަހަރު މުޅިން އަލަށް ހޮވާ މަގާމުތަކުގެ ތެރޭގައި ހިމެނޭ ދެ މަގާމު ކަމަށްވާޕްރޮވިންސްގެ ރައީސާއި ނައިބު ރައީސް ހޮވުމަށް ހަމަޖެހިފައިވަނީ އެޕްރޮވިންސެއްގެ އެމްޑީޕީ މެންބަރުންގެ ވޯޓުންނެވެ.