ކުޅުދުއްފުށީ ޑީއާރުޕީގެ އިސް ހަރަކާތްތެރިއަކު އިތުރު މެންބަރުންތަކަކާ އެކު އެމްޑީޕީއާ ގުޅިއްޖެ

– ރަށާއި އަތޮޅުގެ ތަރައްޤީއަށް ލޯބިކުރާ ޑީއާރުޕީގެ ގިނަ އަދަދެއްގެ އިސް ހަރަކާތްތެރިން މިހާރަކަށް އައިސް އެމްޑީޕީއާ ގުޅެމުން އެބަދޭ

އިބްރާހީމް ރާމިޒް

adam-shareef-2

މަތި އުތުރު ޕްރޮވިންސްގެ ހދ.ކުޅުދުއްފުށީ ޑީއާރުޕީގެ އިސް ހަރަކާތްތެރިއެއް ކަމުގައިވާ އާދަމް ޝަރީފް 50 މެންބަރުންނާއެކު އަންގާރަދުވަހުގެރޭ އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ.
އާދަމް ޝަރީފް (ސީނިޔާޒް) އެމްޑީޕީއަށް ސޮއިކުރެއްވީ ކުޅުދުއްފުށީ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަބްދުލް ޣަފޫރު މޫސާއާއި، މިނިސްޓްރީ އޮފް ފޮރިންގ އެފެއާޒްގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ނަސީމާއި، މަތިއުތުރު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ހުނައިފްއާއި، އެމްޑީޕީގެޤައުމީ މަޖިލީހުގެ ހއ. ކެލާދާއިރާގެ ރައީސް އިބްރާހީމް ރަޝީދާއި، ވިލިމާފަންނު ދާއިރާގެ ނާއިބުރައީސް އަބްދުލް ހަމީދު އަބްދުލް ކަރީމް އަދި އެމްޑީޕީގެ ފިޔަވަޅުއަޅާ ކޮމިޓީގެ މެންބަރު ފުރަހަނި ޝުޢައިބު ޢަލީގެ ހާޒިރުގައެވެ.
ޑީއާރުޕީގައި އާދަމްޝަރީފް ހުންނަވައިގެން ހިންގިހަރަކާތްތަކުން އެމްޑީޕީގެ ބައެއްމެންބަރުންނަށް އެއްވެސް ގެއްލުމެއް އަދި ހިތްހަމަނުޖެހުމެއް ލިބިފައިވާނަމަ އެކަމަށް އެމްޑީޕީގެ އެންމެ މެންބަރުންނާއި ޚާއްޞަކޮށް ކުޅުދުއްފުށީގެ އެމްޑީޕީ އެކްޓިވިސްޓުންގެ ކިބައިން ސީނިޔާޒް މާފަށް އެދިލެއްވިއެވެ. އަދި އާދަމްޝަރީފް އެމްޑީޕީއާއި ގުޅިވަޑައިގެން މި ލޯކަލްކައުންސިލް އެމްޑީޕީއަށް ހޯއްދަވައިދެއްވުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވިއެވެ.
ޑީއާރުޕީއަކީ އެއްވެސް ސިޔާސަތެއް އެކަށައެޅިފައިނެތް ޕާޓީއެއްކަމާއި، ޑީއާރުޕީގައި ވަރަށް ބޮޑަށް ކޮރަޕްޝަނާއި އާއިލީ ވެރިކަން އަށަގެންފައިވާކަން އާދަމް ޝަރީފް ފާހަގަ ކުރެއްވިއެވެ. އަދި ޑީއާރުޕީގައި ވަކިބަޔަކަށްނޫނީ މަސައްކަތް ކުރުމަށް ފުރުސަތު ލިބިފައިނުވާކަމަށާއި، ޒާތީ ކަންކަމާއި ހަސަދަވެރިކަން ޑީއާރުޕީގައި ވަރަށްބޮޑަށް އަށަގެންފައިވާކަމާއި، އެކަމުގެ ސަބަބުން ޑީއާރުޕީއާއި ރައްޔިތުންނަށް ވަރަށް ބޮޑެތި ގެއްލުންލިބޭތަން ފެނިފައިވާކަމަށް އާދަމްޝަރީފް ވިދާޅުވިއެވެ.
މިހާރަކަށް އައިސް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިބި ހަރުދަނާ ދުރުވިސްނޭ ބޭފުޅުން ވަރަށް ގިނައަދަދަކަށް އެމްޑީޕީއާއި ގުޅިވަޑައިގެން ރާއްޖޭގެ ތަރައްޤީއަށް ސަރުކާރުން ރާވާފައިވާ ޤައުމީ ތަރައްޤީގެ އޮނިގަނޑު ތަންފީޛްކޮށްދެއްވުމަށް ބައިއަތު ހިތްޕަވަމުން ގެންދާކަން ފާހަގަކުރެއެވެ. ޚާއްޞަކޮށް ޑީއާރުޕީގެ ވަރަށް ގިނަމެންބަރުން އެމްޑީޕީއަށް ވޯޓުދެއްވާނެކަމަށް ވިދާޅުވަމުންގެންދަވައެވެ. އެއީ މުޅިޤައުމަށާއި އަމިއްލަ ރަށަށް ކުރިއެރުން ހޯދުމަށެވެ.