އަބަދުވެސް ތިޖޫރީގެ ފޫ ވެއްޓިފައި އޮންނަ ބައެއްގެ އަތްމައްޗަށް ކައުންސިލް ބަޖެޓް ދިނުމަކީ ގޯހެއް – ޝިފާޒް

އދ.މަހިބަދޫއިން އިބްރާހީމް ރާމިޒް

ވޭތުވެދިޔަ މާޒީގައި ވެރިކަންކުރި ފަރާތްތަކުގެ ތިޖޫރީ އަބަދުވެސް އޮންނަނީ ފޫވެއްޓިފައި ކަމަށާއި، އެފަދަ ބަޔަކާ ކައުންސިލް ބަޖެޓް ހަވާލުކުރުމަކީ ރައްޔިތުންނަށް ހެދޭ ވަރަށް ބޮޑު ގޯހެއް ކަމުގައި ބާރަށު ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.
އެމްޑީޕީން މިރަށު އިޖުތިމާޢީ މަރުކަޒުގައި ރޭ ބޭއްވި ފޯރިގަދަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޒުވާން މެންބަރު މުހައްމަދު ޝިފާޒް ވިދާޅުވީ މުޅި މި ސަރުކާރުގެ ތަރައްޤީގެ ޕްލޭން ބަރޯސާވެފައިވަނީ ލާ މަރުކަޒީ ބިލަށް ކަމަށާއި، އެ ބިލު ފާސްކޮށް ތަސްދީގުކުރެވިފައި އެވަނީ އެމްޑީޕީގެ މެންބަރުންގެ ހިއްވަރުން ކަމަށެވެ. އަދި ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ކުރުން ލާޒިމްވަނީ ތަފާތު 3 ސަބަބަކާހުރެ ކަމަށް ޝިފާޒް ވިދާޅުވިއެވެ.
އެގޮތުން އެމްޑީޕީއަށް ކައުންސިލްތަކުގެ މެޖޯރިޓީ ނުލިބިއްޖެނަމަ ޑިމޮކްރަސީގެ އެއް އަސާސް ކަމަށްވާ ރައްޔިތުންނާއި ގާތުން ވެރިކަން ހިންގުމުގެ މަސައްކަތް އެ ހަވާލުކުރެވެނީ ޑިމޮކްރަސީއަށް ނުފަރިތަ، ޑިމޮކްރަސިއާ ބީރައްޓެހި ބައެއްގެ އަތްމައްޗަށް ކަމަށާއި، އޭގެ ނަތީޖާއަކަށް ވާނީ ރާއްޖޭގައި ފައްކާވަމުން މިދާ ޑިމޮކްރަސީ ހީނަރުވެގެންދާނޭ ކަމަށް ޝިފާޒް ވިދާޅުވިއެވެ. މީގެ އިތުރުން ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގުމަކީ ޑީއާރުޕީގެ ސިޔާސަތެއް ނޫން ކަމަށާއި، ޒަމާނުއްސުރެ ވެރިކަމުގައި ތިބެ، އަބަދު ބަޖެޓް ތިޖޫރީގެ ފޫވެއްޓިފައިވާ ބައެއް އަތް މައްޗަށް ކައުންސިލްތައް އަތުވެއްޖެ ނަމަ ރައްޔިތުންގެ ފައިސާއަށް ކުރިން ވެސް ޚިޔަނާތްތެރިވީ ގޮތަށް ކުރިޔަށް އޮތްތާގައި ވެސް ޚިޔާނާތްތެރިވަމުންދާނޭ ކަމަށާއި، އެ ގޯސް ނުހެއްދެވުމަށް ޝިފާޒް މިރަށު ރައްޔިތުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.