ފެބްރުއަރީ ފަސްވަނަ ދުވަހު މިއެޅެނީ މާލެ ތަރައްގީ ކުރުމުގެ ބިންގަލެއް – ރައީސް

އިބްރާހީމް ރާމިޒް

މި ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ބާއްވާ މާލެ ސިޓީ ކައުންސިލް އިންތިޚާބަކީ މާލެ ތަރައްގީވުމުގެ ބިންގާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މާލޭ ސިޓީ ކައުންސިލަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ މަޝްހޫރު ފިލްމީ ތަރި (ޖަންބު) ހަސަން އަފީފްގެ ރާނީ ކެމްޕެއިން ޖަގަހަ ހުޅުއްވައިދެއްވުމަށްފަހު ރޭ ރައީސް ދެއްކެވި ވާހަކަފުޅުގައި އެ ބިންގަލުގެ މަތީގައި މާލެ ތަރައްގީވެ، މާލެއަށް ތާޒާކަމާ އާރޯކަން ލިބޭނޭ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އުމުރުފުޅުން އެންމެ 21 އަހަރުން ފެށިގެން އެމަނިކުފާނު ލާމަރުކަޒީ އުސޫލަށް ވަކާލާތުކުރައްވަން ފެއްޓެވި ކަމަށެވެ. އަދި، އެމްޑީޕީން އަބަދުވެސް މަސައްކަތްކުރަމުން އައީ ރައްޔިތުންނަށް ބާރުވެރިކަން ދިނުމަށް ކަމަށާއި، ރައްޔިތުންގެ ފަރާތުން، ރައްޔިތުންގެ އިހްސާސްތަކާ އެކީގައި ވެރިކަން ކުރުމުގެ އުސޫލުތަކެއް ހޯދައި، ރައްޔިތުން އެއީ ވެރިންގެ ގޮތުގައި ބޭތިބުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

މާލޭގެ ބައެއް މައްސަލަތަކަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ މާލެ ބަދަލުކުރަން ވެއްޖެނަމަ ވެރިކަމުގެ ކިބައިގައި ހުރި ބާރު ދޫނުކޮށް މާލެ ތަރައްގީނުވާނެ ކަމަށާއި، މާލެ ބަދަލުވާނީ މާލޭގެ އިހްސާސްތައް ދަންނަ ބަޔަކާ މާލެ ހިންގުން ހަވާލުކޮށްގެން ކަމަށެވެ.

މި ރަސްމިއްޔާތުގައި އެމްޑީޕީގެ ކެމްޕެއިން ތީމް ލަވަ ނެރެދެއްވުން ވެސް އޮތެވެ. މިލަވަ ނެރުއްވައިދެއްވީ ރައީސް ނަޝީދުގެ އިތުރުން އެމްޑީޕީގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ އާއި، އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މޫސާ މަނިކެވެ.