ހުރިހާ މިނިސްޓަރުންގެ އިތުބާރު ނެތްކަމަށް ފާސްކުރިޔަސް، ރައީސް ގިނިކަންޏާ އިންނަވައިގެން ވެސް މި ގައުމު ހިންގަވާނޭ ކަމަށް ރީކޯ މޫސަ ވިދާޅުވެއްޖެ

މައުމޫން ހައްޔަރުކުރުމަށް ރައީސަށާއި ހޯމް މިނިސްޓަރަށް ވެސް މޫސަ ގޮވާލެއްވި

ޅ.ހިންނަވަރުން އިބްރާހީމް ރާމިޒް

އެމްޑީޕީން މި ސަރުކާރު ހިންގަން ނިކުމެ ތިބީ ވަރަށް ހިތްވަރާއި އެކު ކަމަށާއި، ހުރިހާ މިނިސްޓަރުންގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނެގިޔަސް، ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު ގިނިކަންޏާ އިންނަވައިގެން ވެސް މި ގައުމު ހިންގަވާނޭ ކަމުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް (ރީކޯ) މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ރޭ މިރަށު ހިއްކި ބިމުގައި ބޭއްވި އެމްޑީޕީގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މޫސަ ވަނީ ކުރީގެ ރައީސް މައުމޫން މިގައުމުގެ އެތައް ބަޔަކަށް އަނިޔާވެރިވެފައިވާ ކަމަށާއި، ގައުމުގައި ފިތުނަ ފަސާދައުފައްދަން މަސައްކަތްކުރައްވާ ކަމަށް ވިދާޅުވެ މައުމޫން ހައްޔަރުކުރުމަށް ހޯމް މިނިސްޓަރ ހަސަން އަފީފަށާއި ރައީސުލްޖުމްހޫރިއްޔާއަށް ވެސް ގޮވާލައްވާފައެވެ.
” އަޅުގަނޑުމެން މިތިބީ ވަރަށް ހިއްވަރާއެކީ ނުކުމެ މިސަރުކާރު ހިންގަން. ހުރިހާ މިނިސްޓަރުން ދުއްވާލިޔަސް، ރައީސުލްޖުމްހޫރިއްޔާ އެކަނި އިންނެވިޔަސް މި ގައުމު ހިންގަވާނެ ރައްޔިތުންނާ އެކީގަ. އެމީހުންނަށް (އިދިކޮޅު ފަރާތްތަކަށް) އެ އުޅެނީ އޮޅިގެން. އަޅުގަނޑުމެންގެ އެ ހިއްވަރު އެބަހުރި.އަޅުގަނޑުމެންގެ ލޭ އެބަހުރި މި ގައުމުގަ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި ގައުމު އަނިޔާވެރިންގެ ބަޔަކަށް ދެނެއް ނުދޭނަން. އަޅުގަނޑުމެން މި ގައުމު ސަލާމަތުގެ މަގަށް ގެންދާނަން. ވަރަށް އާދޭހާ އެކީ މި ދަންނަވަނީ، އެންމެ ގޮނޑިއެއް ވެސް އިދިކޮޅު މީހަކަށް ދީފިއްޔާ އެކަމުގެ ހިތި ތިބޭފުޅުން ދެކޭނެ.” މޫސަ ވަރަށް ޖޯޝާއެކު ވިދާޅުވިއެވެ.
މޫސަ އިތުރަށް ވިދާޅުވީ މަތާ ޖަހައިގެން ނޫނީ ރައްޔިތުންނަށް ފައިދާ ހުރި އެއް ވެސް ޤާނޫނެއް ހެދިފައި ނެތް ކަމަށާއި، ރައްޔިތުންނަށް ފައިދާހުރި ޤާނޫނުތައް ހެދުމަށް މަސައްކަތްކޮށް މި ސަރުކާރު މިހާ ހިސާބަށް މި ގެނައީ އެމްޑީޕީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންގެ އެހީގައި ކަމަށާއި، އެކަމަށްޓަކައި އެ މެންބަރުންނަށް ޝުކުރުއަދާ ކުރައްވާ ކަމަށެވެ.
” ހިއްވަރު ކުރެވުނު. އަޅުގަނޑަށް ލިބުނީ ޖަވާހިރެއް ކަހަލަ ޕާލަމެންޓް ގްރޫޕެއް.އަޅުގަނދު ދަންނަވާނީ އެބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާއޭ. މި ސަރުކާރު މިހާ ހިސާބަށް މި ދަތި ހާލުގައި އެކި ޤާނޫނުތައް ހަދަމުން އަޅުގަނޑުމެން މި ގެނައީ އަޅުގަނޑުމެންގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންގެ އެހީއާ އެކީގަ.”
މީގެ އިތުރުން ޕާލަމެންޓްރީ ގްރޫޕަށް ރައީސް ނަޝީދު ދެއްވާ ލަފައާއި އިރުޝާދަށްޓަކައި އެމަނިކުފާނަށް ވެސް މޫސަ ޝުކުރުއަދާކުރެއްވިއެވެ.
ރޭ ހިންނަވަރުގައި ބޭއްވި މި ޖަލްސާއަކީ މިހާތަނަށް އެމްޑީޕީގެ ކެމްޕެއިންގައި ބޭއްވި އެންމެ ފޯރިގަދަ އެއް ޖަލްސާއެވެ. މިޖަލްސާއަށް ގިނަ އަދަދެއްގެ ބަޔަކު ހާޒިރުވިއިރު، އެމްޑީޕީގެ ކެމްޕެއިންޓީމާއި ރައީސުލްޖުމްހޫރިއްޔާ އަށް މިރަށުން ކިޔާފައިވަނީ ވެސް ވަރަށް ފުރިހަމަ މަރުހަބާއެއް ކަން ފާހަގަކޮށްލެވެއެވެ.