ޚުދުމުޚްތާރު ވެރިކަމަކަށްފަހު އަމާންކަމާއެކު އިންތިޤާލީ އިންސާފު ގެނެވުނީ މަދު ގައުމަކަށް – ޒަކީ

ހއ. އިހަވަންދޫ އިން އިބްރާހީމް ރާމިޒް

އަނިޔާވެރި ޚުދުމުޚްތާރު ވެރިކަމަކަށްފަހު ސުލްހަވެރިކަމާ، އަމާންކަމާއެކު އިންތިޤާލީ އިންސާފު ގެނެވިފައިވަނީ މަދު ގައުމަކަށް ކަމުގައި އެމްޑީޕީގެ ރައީސް އިބްރާހީމް ޙުސައިން ޒަކީ ވިދާޅުވެއްޖެއެވެ.
ހުކުރު ދުވަހުގެ ރޭ މިރަށުގައި ބޭއްވި އެމްޑީޕީގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އިންތިޤާލީ އިންސާފް މި ގައުމަށް ގެންނަން ޖެހިފައިވާ ކަމަށާއި، އެހެން ނަމަވެސް އެ އިންސާފް ނުގެނެވިގެން އުޅެނީ އެކަމުގައި ގައުމުގެ އެންމެން އިޚާލާސްތެރިކަމާއެކު ބައިވެރިވާން ޖެހޭ ހިނދު އެކަމަށް އިދިކޮޅު ފަރާތްތަކުން އެއްބާރުލުން ނުދޭތީ ކަމަށެވެ. ޒަކީ ވިދާޅުވި އިންތިޤާލި އިންސާފު ސުލަހަވެރި ގައުމުތަކާއެކު ޤާއިމްކުރި މަދު ގައުމުތަކުގެ ތެރެއިން ސައުތު އެފްރިކާ އަކީ ވަރަށް ފާހަގަކޮށްލެވޭ ގައުމެއް ކަމަށެވެ.
” އިންތިޤާލީ އިންސާފް ނުގެނެވެނީ ކީއްވެގެންތޯ؟ މިއީ މިއަދު އެންމެން ކުރާސުވާލެއް. އަޅުގަނޑު ދަންނަވާނީ ރާއްޖެގައި އޮތް ޚުދުމުޚްތާރު ވެރިކަން ނިމި އިންތިޤާލީ އިންސާފް ގެނައުމަށް މިކުރާ މަސައްކަތް ކާމިޔާބުވާނީ އެންމެން މިކަމުގައި ބައިވެރިވެގެންނޭ. ގައުމުގެ އެންމެން މި ބަދަލުގަ ފުރިހަމައަށް ބައިވެރިވާންޖެހޭ. މި ބަދަލު އެންމެންގެ ބަދަލެއްގެ ގޮތުގަ ބަލައިގަންނަންޖެހޭ” ޒަކީ ވިދާޅުވިއެވެ.
މި ރަށު ބަނދަރު ސަރަހައްދުގައި ބޭއްވި މި ޖަލްސާގައި ޒަކީ އިތުރަށް ވިދާޅުވީ ޕާޓީ ޕޮލިޓިކްސް އަށް ވުރެ ގައުމި މަސަލްހަތު އިސްކުރަން ޖެހޭ ކަމަށާއި، އެގޮތަށް އެކަން ނުކުރެވިއްޖެ ނަމަ މި ވެރިކަމުގެ 5 އަހަރު ވެސް އުޅެން ޖެހޭނި މިހާރު މިއުޅޭ ގޮތަށް މާޒީއާއި އެކީގައި ކަމަށެވެ. މީގެ އިތުރުން ޒަކީ ވިދާޅުވީ ދިގު 30 އަހަރުގެ ޚުދުމުޚްތާރު ވެރިކަމެއް ނިމިގެން ދިޔައިރު ރާއްޖެގެ 70 އިންސައްތަ ރައްޔިތުން ތިބީ ޒަރޫރީ ބޭނުންތައް ކަމަށްވާ ފެނާއި، ނަރުދަމާ އިން މަޙްރުމް ވެފައި ކަމަށެވެ. އެހެން ކަމުން ރައްޔިތުންނަށް އެމްޑީޕީން ވެފައިވާ ވައުދުތައް ނުފުއްދައި އިންތިޚާބަކަށް ވަޑައިނުގަންނަވާނޭ ކަމަށް ޒަކީ ވިދާޅުވިއެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުންނާއި މިރަށުން އެމްޑީޕީގެ ޓިކެޓްގައި ކައުންސިލް އިންތިޚާބުގައި ވާދަކުރައްވާ ފަރާތްތައް ވެސް ވާހަކަދެއްކި މި ޖަލްސާގައި މިރަށުން އެމްޑީޕީއާ އަލަށް ގުޅިވަޑައިގެންނެވި ބޭފުޅުން އެޕާޓީއަށް ސޮއިކުރުން ވެސް ކުރިޔަށް ގެންދިޔައެވެ.