ސުޕްރީމް ކޯޓުގެ ޙުކުމަށް ތަބާވާ ކަމަށާއި އެޙުކުމުން ޢިބުރަތްތަކެއް ޙާޞިލް ކުރެވިއްޖެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވެއްޖެ

ޢަބްދުﷲ ޖުނައިދު

ރުހުން ނުލިބުނު ވަޒީރުންނަށް މަޤާމުގައި ދެމިނުތިއްބެވޭނެ ކަމަށް ސުޕްރީމް ކޯޓުން ރޭ ޙުކުމް ކުރެއްވުމުން، އެޙުކުމަށް ތަބާވެ ޙުކުމާއިގެން ކުރިޔަށް ވަޑައިގަންނަވާނެ ކަމަށް ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މިއަދުގެ ރޭޑިއޯ ޚިޠާބުގައި ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު އައްޔަން ކުރެއްވި އެންމެ ޤާބިލް ވަޒީރުންނަށް މަޖިލީހުން ރުހުން ނުދެއްވާ، މަޤާމުގައި ދެމިނުތިއްބެވޭނެ ކަމަށް ސުޕްރީމް ކޯޓުން ޙުކުމް ކުރެއްވުމުން އެމަނިކުފާނުގެ ވާޖިބަކީ އެޙުކުމް ބަލައިގަނެ އެއާއެއްގޮތަށް ކުރިޔަށް ދިޔުމެވެ.
އިދިކޮޅު ފަރާތްތަކުން ބޭނުންވާ ގޮތަށް ރޭ ސުޕްރީމް ކޯޓުން ޙުކުމް ކުރައްވާފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެޙުކުމާމެދު އެމަނިކުފާނު ހުންނެވީ ހިތްހަމަޖެހިވަޑައިގެން ކަމަށާ އެޙުކުމުން ކިތަންމެ ޢިބުރަތެއްވެސް ލިބިވަޑައިގެންނެވި ކަމަށެވެ.
ރައީސް ވިދާޅުވީ ވެރިކަމުގައި މިއަދާ ހަމަޔަށް އާދެވުނުއިރު ދިވެހިރާއްޖޭގެ ވެރިކަން ހިންގަމުން މިގެންދަނީ ވެރިކަމުން އެއްކިބާވެފައިވާ މުސްތަޤިއްލު ސުޕްރީމް ކޯޓެއް އުފެދިގެން ކަމަށާ އެއީ “އަޅުގަނޑުމެން ކުރި މަސައްކަތުން ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް” ކަމަށެވެ.
މަޖިލީހުގެ ރުހުން ނުލިބުނު އަދި ސުޕްރީމް ކޯޓުން ޑިފެކްޓޯ މުވައްޒަފުންތަކެއް ކަމަށް ނިންމާފައިވާ ބޭފުޅުން މިއަދުން ފެށިގެން ވަޒީރުކަމުގެ އެއްވެސް އިނާޔަތެއް ނުނަންގަވާނެ އެވެ.