މައުމޫނު ޑީއާރުޕީގެ ފަރާތުން ވެރިކަމަށް އައުމަށް އުމަރު އާންމުކޮށް އެދުނުތާ ދެތިން ދުވަސް ތެރޭގައި އުމަރު މަގާމުން ވަކިކުރުމަކީ ޤަބީލާ ވެރިކަމަށް ތަން ނުދިނުމަށް ޑީއާރުޕީން އެޅި ވަރަށް ޒިންމާދާރު ފިޔަވަޅެއް – އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް

2 ޑިސެމްބަރ 2010

އިބްރާހީމް ރާމިޒް

moosa-225-x-312

ޑީއާރުޕީގެ އެތެރޭގެ ކޯޅުން ހައްލަކަށް އެޅުވުމަށްޓަކައި ސިޔާސީ މައިދާނަށް ކުރީގެ ރައީސް މައުމޫން ނުކުންނެވުމަށް އެޕާޓީގެ ޑެޕިއުޓީ ލީޑަރު އުމަރު ނަސީރު މީޑިއާގައި ގޮވާލެއްވިތާ ދެތިން ދުވަސްތެރޭގައި އުމަރު ނަސީރު ޑީއާރުޕީން ވަކިކުރުމާ ގުޅިގެން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް (ރީކޯ) މޫސާ މަނިކު އެކަމަށް މަރުހަބާ ވިދާޅުވެއްޖެއެވެ.
ރާއްޖޭން ބޭރުގައި ހުންނަވައިގެން މިއަދު ހަވީރު އެމްޑީޕީ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި މޫސަ ވިދާޅުވީ ” މައުމޫނު ޑީއާރުޕީގެ ފަރާތުން ވެރިކަމަށް އައުމަށް އުމަރު އާންމުކޮށް އެދުނުތާ ދެތިން ދުވަސް ތެރޭގައި އުމަރު ނަސީރު މަގާމުން ވަކިކުރުމަކީ ޤަބީލާ ވެރިކަމަށް ތަން ނުދިނުމަށް ޑީއާރުޕީން އެޅި ވަރަށް ޒިންމާދާރު ފިޔަވަޅެއް” ކަމަށެވެ. އަދި މިއީ ” ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގަޔާއި، އެހެނިހެން ސިޔާސީ ފޯރަމްތަކުގައި ޑީއާރުޕީގައި އޮންނަ ޔާމީނަށް ވާގިދޭ ފެކްޝަނުން ޔާމީން ވެރިކަމަށް ގެނައުމަށް ކުރަމުންދާ މަސައްކަތަށް ގޮންޖެހުމަށް އެޅި ވަރަށް މުހިއްމު ފިޔަވަޅެއް” ކަމުގައެވެ.
މޫސަ އިތުރަށް ވިދާޅުވީ ” އުމަރުމެން ކަހަލަ ތާކުންތާކު ނުޖެހޭ އަދި ރާއްޖޭގައި އޮތް އެންމެ ބޮޑު އިދިކޮޅު ޕާޓީ ބައިބައިކުރަން މަސައްކަތްކުރާ ކަމަށް އަބަދުވެސް ތުހުމަތުކުރެވޭ މީހަކު އެ ޕާޓީން ބޭރުކޮށްލުމަކީ އެޕާޓީން އެޅި ވަރަށް ޒިންމާދާރު ފިޔަވަޅެއް. އަޅުގަނޑު ޑީއާރުޕީގެ މިނިންމުމަށް ފުރިހަމަޔަށް ތާއީދުކުރަން. އަޅުގަނޑު ދަންނަވާނީ މިއީ މައުމޫނުގެ އާއިލާގެ ނުފޫޒުން ޑީއާރުޕީ ސަލާމަތްކުރުމަށް އެޕާޓީން އެޅި ވަރަށް ހަރުދަނާ ފިޔަވަޅެކޭ”
ވަރަށް ތަނަވަސް އަޣްލަބިއްޔަތަކުން ޑީއާރުޕީގެ ލީޑަރަކަށް އިންތިޚާބުވުމަށްފަހު ވެސް އަދި އޭގެ ކުރިން ވެސް އެޕާޓީއަށް ދީލަތިކަމާއެކު އެހީތެރިވެވަޑައިގަންނަވަމުން ގެންދިއުމުގެ އިތުރުން ތަސްމީން ވަނީ “ފުނޑުފުނޑުވަމުންދާ” ޕާޓީއެއްގެ ގޮތުގައި ގިނަބަޔަކު ސިފަކުރަމުންދާ ޑީއާރުޕީ ނެގެހެއްޓުމަށް ބުރަމަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ތަސްމީންގެ ދީލަތި އެހީއާއެކު ރަށްރަށުގައި މިފަހަކަށް އައިސް ޑީއާރުޕީން ޖަލްސާތައް ބާއްވަމުންދާކަން މޫސަ ފާހަގަކުރެއްވިއެވެ.
އިދިކޮޅު އެހެން ލީޑަރުންނާ ޚިލާފަށް ތަސްމީން ފާހަގަކުރެވިފައިވަނީ މަޑުމައިތިރި ސިޔާސަތެއް ގެންގުޅުއްވާ ހަރުދަނާ ބޭފުޅެއްގެ ގޮތުގައި ކަމަށާއި، ޖީއެމްއާރުގެ މައްސަލައިގައި ވެސް ތަސްމީން ބޮޑަށް އިސްކަން ދެއްވީ ޤައުމީ މަސްލަހަތަށާއި، ރާއްޖޭގެ އިޤްތިސާދަށް އެކަމުން ނޭދެވޭ އަސަރެއް ނުކުރާނޭ ގޮތަށް ކަމަށާއި، މިހާރު ދިވެހިރައްޔިތުން އެންމެ ކަންބޮޑުވަމުންދާ ސޯމާލިޔާގެ ކަނޑުފޭރޭ މީހުން ރާއްޖެއިން ފެންނަމުންދާ މައްސަލައިގައި ވެސް ސަރުކާރާއެކު ތަސްމީން ވާހަކަދެއްކެވުމަށް ތައްޔާރަށް ހުންނެވިކަން ހާމަކުރެއްވީތީ އެކަމަށް މަރުހަބާ ވިދާޅުވާ ކަމަށް ވެސް މޫސަ މިއަދު ވިދާޅުވިއެވެ.
އައިޑީޕީގެ ރައީސް ކަމުގައި ހުންނެވުމަށްފަހު ޑީއާރުޕީއާ ގުޅިވަޑައިގެން އައިޑީޕީ އުވާލުމަށް ނާކާމިޔާބު އެތައް މަސައްކަތްތަކެއް ކުރެއްވި ޑީއާރުޕީގެ ކުރީގެ ޑެޕިއުޓީ ލީޑަރު އުމަރު ނަސީރު މީގެ 3 ދުވަސްކުރިން މީޑިއާގައި ވިދާޅުވީ ރާއްޖޭގައި އޮތް އެންމެ ބޮޑު އިދިކޮޅު ޕާޓީ ކަމަށްވާ ޑީއާރުޕީގެ އެތެރޭގައި އުފެދެމުންދާ މައްސަލަތައް ހައްލު ކުރެވޭނެ ހަމައެކަނި ބޭފުޅަކީ ކުރީގެ ރައީސް މައުމޫނު ކަމަށާއި އެ މައްސަލަތައް ހައްލު ކުރެވޭނީ މައުމޫން ސިޔާސީ މައިދާނަށް ނުކުންނެވުމުން ކަމަށެވެ.
ކުރިންވެސް ހީކުރެވިފައިވާ ގޮތަށް ޑީއާރްޕީގެ ޑެޕިއުޓީ ލީޑަރު އުމަރު ނަސީރު ޕާޓީން ވަކި ކުރުމަށް މިއަދު އެޕާޓީގެ ޑިސިޕްލިނަރީ ކޮމެޓީން ނިންމި ނިންމުން ގަބޫލުފުޅުނުކުރައްވާ ކަމަށާއި، އުމަރު ނަސީރަކީ އަދިވެސް ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ” ދެންހުންނާނީ ސިޔާސީ ހަލަބޮލިކަމާ ދުރުވެ ހަމަހިމޭން ކަމާއެކުގައި” ކަމަށް ވިދާޅުވެ ސިޔާސީ ދާއިރާއާ ދުރަށް ޖެހިވަޑައިގެންނެވި ކަމަށް އިޢުލާންކުރައްވާފައިވާ އެޕާޓީގެ ޒައީމް މައުމޫނު އަބްދުލް ގައްޔޫމް ވަނީ ވިދާޅުވެފައެވެ.