ނޫސް ބަޔާން: އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު ޢަބްދުލްޣަފޫރު މޫސާގެ އިމްތިޔާޒް ނަގާލުމަށް ޑީއާރުޕީން މަސައްކަތްކޮށްފައިވާތީ އެކަން ކުށްވެރިކުރުން

ވަގުތުން ނެރުމަށް
MDP-2010-PR-0031ނަންބަރު:
ތާރީޚް: 8 ނޮވެމްބަރ 2010 (ހޯމަ)

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު ޢަބްދުލްޣަފޫރު މޫސާގެ އިމްތިޔާޒް ނަގާލުމަށް ޑީއާރުޕީން މަސައްކަތްކޮށްފައިވާތީ އެކަން ކުށްވެރިކުރުން

mdp-logo

ޑީއާރްޕީން ދާދިފަހުން ކުޅުދުއްފުށީގައި ބޭއްވި ޖަލްސާއެއްގައި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި ކުޅުދުއްފުށީ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޢަބްދުލްޣަފޫރު މޫސާއަށް ނިސްބަތްވާ ގޮތަށް ޑީއާރުޕީގެ އިސް މެންބަރަކު ހަޑި ހުތުރު ވާހަކަތަކެއް ދައްކާފައިވާތީ އެކަން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.
އެ ޖަލްސާގައި ޑީއާރުޕީގެ އިސް މެންބަރަކު ޢަބްދުލްޣަފޫރު މޫސާގެ އިމްތިޔާޒުތަކަށް އަރައިގަނެ ގެއްލުންތައް ލިބޭ ގޮތަށް ހަޑިހުތުރު ވާހަކަތައް ދައްކާފައިވާތީ އެ މައްސަލަ ބައްލަވައި އެވާހަކަދެއްކި ފަރާތާއި، އެޖަލްސާ އިންތިޒާމްކޮށް ހިންގި، ޑީއާރްޕީއާ މެދު ފިޔަވަޅު އަޅައިދިނުމަށް އެދިވަޑައިގެން ޣަފޫރުވަނީ ފުލުހުންނަށް ވެސް މިމައްސަލަ ހުށަހަޅާފައެވެ.
މިޕާޓީން ދެކޭ ގޮތުގައި، ޑީއާރުޕީގެ މެންބަރުންގެ ކިބައިން ފެންނަމުންމިދާ ފިނޑި ޢަމަލުތަކަކީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ އިޚްލާސްތެރި މެންބަރުން ރައްޔިތުންގެ މަޖިލީހުގައި ކުރަމުންދާ އަގުހުރި މަސައްކަތްތަކަށް ހުރަސްއަޅައި އެބޭފުޅުންނަށް ބިރުދެއްކުމަށް ޤަސްދުގައި ހިންގަމުން ގެންދާ ނާތަހުޒީބު ޢަމަލުތަކެކެވެ.
މިފަދަ ޢަމަލުތައް ޑީއާރުޕީއާއި އެޕާޓީއާއި ގުޅިފައިވާ ފަރާތްތަކުން ކިތަންމެ ވަރަކަށް ތަކުރާރުކުރަމުން ގެންދިޔަ ނަމަވެސް ރާއްޖޭގައި ޑިމޮކްރަސީ ފައްކާކުރުމަށް އެމްޑީޕީގެ މެންބަރުން ކުރަމުންދާ ބުރަ މަސައްކަތަށް ކުޑަވެސް މަޑުޖެހުމެއް ނާންނާނެއެވެ.
މިފަދަ ދަނޑިވަޅުތަކުގައި ވެސް، އިދިކޮޅު ފަރާތްތަކަށް ފުރިހަމަ ޑިމޮކްރަސީގެ ނަމޫނާދައްކަވާ އާރުކާޓީންގެ ގޮތުގައި އަބަދުމެ ދެމިތިބުމަށް މަސައްކަތްކޮށް، އެމްޑީޕީން ރާއްޖެއަށް ގެނައި ޑިމޮކްރަސީ ފައްކާކޮށް އެ ޑިމޮކްރަސީގެ ފޮނިމީރުކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މަސައްކަތްކުރުން މަތީ ދެމިތިބުމަށް މިޕާޓީގެ ލޮބުވެތި މެންބަރުންނަށް އިލްތިމާސްކުރަމެވެ.
ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް