ރައީސް ޔާމީނުގެ ސިޔާސަތަކީ އެހެން ފިކުރަކަށް ނިސްބަތްވާ މީހުން ހައްޔަރުކޮށް އަނދަގޮނޑި ޖެހުން: އަލީ ނިޒާރު

ރައީސް ޔާމީނުގެ ސިޔާސަތުގައި އޮންނަނީ އެހެން ފިކުރަކަށް ނިސްބަތްވާ މީހަކު ނަމަ އެ މީހަކު ހައްޔަރުކޮށް އަނދަގޮނޑި ޖެހުން ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޢަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޓިކެޓުގައި ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް އާދީއްތަ ދުވަހުގެރޭ ތ. މަޑިފުށީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނިޒާރު ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ އަޑުއެހުމުގެ ގާބިލުކަން ރައީސް ޔާމީނުގެ ކިބައިގައި ނެތް ކަމަށާއި، އެމީހަކު ތާއީދުކުރާ ވިސްނުމަކާ އެއްކޮޅަށް ހުރުމަކީ ގާނޫނު އަސާސީން ކޮންމެ މީހަކަށް ވެސް ލިބިގެންވާ ހައްގެއް ކަމަށެވެ. ރައީސް ޔާމީނުގެ ސިޔާސަތުގައި އޮންނަނީ އެހެން ފިކުރަކަށް ނިސްބަތްވާ މީހަކު ނަމަ އެ މީހަކު ހައްޔަރުކޮށް އަނދަގޮނޑި ޖެހުން ކަމަށް އޭނާ ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ ރައީސް ޔާމީންއާ އެކީ ފެންނަނީ ބަނަ އަނދިރި ދުވަސްތަކެއް ކަމަށާއި، ކައުންސިލް އިންތިޚާބުގެ ނަތީޖާ އަންނަ ގޮތަކުން ކައުންސިލްތައް އުވާލުން ވެސް އެކަށީގެންވާ ކަމަށެވެ. އޭނާ ވިދާޅުވީ ހެޔޮވިސްނިވަޑައި ނުގަންނަވާ އެތައް މެންބަރަކު އަދިވެސް މަޖިލީހުގައި އެބަތިއްބެވި ކަމަށާއި، އެ މެންބަރުންގެ ވޯޓުން ކައުންސިލްތައް އުވާލަން ފާސްކުރުން އެކަށީގެންވާ ކަމަށެވެ.

ނިޒާރު ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވެސް އަދި އެހެނިހެން ކަންކަމުގައި ވެސް، ރައްޔިތުން ނިންމަންޖެހޭ ކަންތައްތައް އިޚްލާޞްތެރިކަމާ އެކު ނިންމައިފި ނަމަ ރައްޔިތުންނަށް މުސްތަޤްބަލް ލިބެން އެބައޮތް ކަމަށާއި، އެ ނޫން ގޮތަކަށް މަސައްކަތްކޮށްފި ނަމަ ކުރިޔަށް އޮތީ މާ ބަނަ ދުވަސްތަކެއް ކަމަށެވެ.

އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ބްލޮގަރ ޔާމީން ރަޝީދުގެ މަރަށް އިޝާރާތްކުރައްވައި ނިޒާރު ވިދާޅުވީ މިރާއްޖޭގެ އިޖުތިމާޢީ ވެށި ހަލާކުވެ ނިމިއްޖެ ކަމަށާއި، މީހުން މެރުން އާންމުވެ، މަރާލެވޭ މީހުންގެ އާއިލާތަކަށް އިންސާފު ހޯދައި ނުދޭ ކަމަށެވެ. އެ ގޮތުން ޔާމީން ރަޝީދު މަރާލިތާ ހަފްތާއެއްވާން ދާއިރު، އެއްވެސް މީހަކު ހައްޔަރުވެފައި ނެތް އިރު، އާއިލާއަށް ކުޑަވެސް ހިތްހަމަ ޖެހުން ލިބޭފަދަ ޚަބަރެއް ވެސް މި ސަރުކާރުން ނުދޭ ކަމަށް ނިޒާރު ވިދާޅުވިއެވެ. އަދި ރައްޔިތުންނަށް ޢަދުލު އިންސާފު ހޯދައި ނުދެވޭ ނަމަ، ވެރިކަމުގެ ބޭނުމަކީ ކޮބައިތޯ ނިޒާރު ސުވާލުކުރެއްވިއެވެ.