ރައީސް ޔާމީން މިހާރު ކޮންނަވަމުން އެ ގެންދަވަނީ އެމަނިކުފާނުގެ އަމިއްލަ ކަށްވަޅު: ޙަސަން އަފީފް

މި ސަރުކާރު އޮތީ ވަރަށް ބަލިކަށިވެފައި ކަމަށާއި، ރައީސް ޢަބްދުﷲ ޔާމީން މިހާރު ކޮންނަވަމުން އެ ގެންދަވަނީ އެ މަނިކުފާނުގެ އަމިއްލަ ކަށްވަޅު ކަމަށް އެމްޑީޕީ ސަރުކާރުގެ ހޯމް މިނިސްޓަރުކަން ކުރެއްވި ހަސަން އަފީފް ވިދާޅުވެއްޖެއެވެ.

މ. ކުނޫޒުގައި ހޯމަ ދުވަހުގެރޭ ބޭއްވި އިދިކޮޅު އިއްތިހާދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ހަސަން އަފީފް ވިދާޅުވީ މިއަދުގެ ސަރުކާރަކީ ކޮރަޕްޝަނާ ފަސާދަ އިންތިހާއަށް އެކުލެވޭ، ހައްދު ފަހަނައަޅާފައިވާ ސަރުކާރެއް ކަމަށާއި، އެއްވެސް ތާޢީދެއް ނެތް ބަލިކަށި ސަރުކާރެއް ކަމަށެވެ.

” އަނިޔާވެރި ކަމަކީ ﷲ ޙަރާމް ކުރައްވާފައިވާ ކަމެއް. އެފަދަ ވެރިއަކު ހަމަ ޔަގީނުން ވެސް ސަހަލު ގޮތެއްގައި ނިމިގެނެއް ނުދާނެ. މިއަދު ޢަބްދުﷲ ޔާމީން އެ ކޮންނަވަނީ އެ ބޭފުޅާގެ އަމިއްލަ ކަށްވަޅު. ޢަބްދުﷲ ޔާމީނުގެ ތާއީދެއް ނެތް. ޢަބްދުﷲ ޔާމީން ކަންތައް ކުރައްވާ ގޮތުން އެއީ ހަމަ މޫތައް ކަނޑާލާފައި ހުރި ގަހެއް. ހަމަ ކޮށްޕާލުމާ އެކު ވެއްޓިގެން ދާނެ. އެ ވަރުގެ މިހާރު ޙާލަތު އެ ހުރީ”. ހަސަން އަފީފް ވިދާޅުވިއެވެ.
މިސަރުކާރުގެ ކޮރަޕްޝަން އިންތިހާއަށް ގޮސްފައިވާ ކަމަށާއި، އެހެން ނަމަވެސް ސަރުކާރުން އެކަންތައްތައް ނުބައްލަވައި، ފަސްއަޅައި ފޮރުވަމުންދާ ކަމަށް ހަސަން އަފީފް ރޭގެ ޖަލްސާގައި ވިދާޅުވިއެވެ. މި ބޮޑެތި ކޮރަޕްޝަންތަކުގައި ބައިވެރިވި މީހުން ހޯދައި، އެ މީހުންނާ މެދު ފިޔަވަޅު އެޅުމަކީ ވެރިޔަކަށް ހުންނަ މީހެއްގެ މައްޗަށް ލާޒިމްކުރާ ކަމެއް ކަމަށާއި، އެފަދަ ކަމެއްގައި ވެރިކަމުގެ ފަރާތުން ޖެހިފައިވާނަމަ އެންމެ ރަނގަޅު ގޮތަކީ ކުށަށް އިޢުތިރާފުވެ، ލިބެންވާ އަދަބެއް ލިބިގަތުން ކަމަށް ވެސް ހަސަން އަފީފް ވިދާޅުވިއެވެ.

ރައީސް ޔާމީނަށް ވެރިކަން ހޯއްދަވައިދެއްވަން އެންމެ ބޮޑަށް މަސައްކަތް ކުރެއްވި ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްއާ މެދު އަމަލުކުރައްވާ ގޮތުން ވެސް ދިވެހި ރައްޔިތުން ރައީސް ޔާމީންގެ މޫނުފުޅު ދެކެން ވެސް ބޭނުން ނުވާ ކަމަށް ހަސަން އަފީފް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ފުރަތަމަ ޑިމޮކްރެޓިކް ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ފުލުފުލުން ދަޢުވާކުރަނީ ރައީސް ނަޝީދު ދުނިޔޭގެ ކުރިމަތީގައި މާބޮޑަށް މަޝްހޫރުވެ، ދިވެހި ރައްޔިތުންގެ މެދުގައި އެމަނިކުފާނު މާ ބޮޑަށް މަޤްބޫލުވުމުން އެކަމާ ހަސަދަވެރިވެގެން ކަމަށް ވެސް ހަސަން އަފީފް ވިދާޅުވިއެވެ.
މި ޖަލްސާގައި އޭނާ ވަނީ ދިވެހި ރައްޔިތުންގެ ފައިސާ ހިތުހުރި ގޮތަކަށް ޚަރަދުކޮށް، ދިވެހިންގެ މައްޗަށް އަނިޔާވެރިވުން ހުއްޓުވުމަށް، ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމްގެ ޔާމީނު ފެކްޝަނުގެ އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުދިނުމަށް ދިވެހިރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.