ކައުންސިލް އިންތިކާބަށް ކުރިމަތިލި ކެންޑިޑޭޓުންގެ ކެނޑިޑެސީ ބާތިލް ކުރި މައްސަލަ ހައި ކޯޓަށް ހުށައަޅައިފި

2017 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 14 ޖެނުއަރީ 2017 ތާރީޚުގައި އޮންނާނެކަމަށް އިލެކްޝަންސް ކޮމިޝަން އިން އިއުލާން ކޮށްފައިވަނިކޮށް، އިންތިޚާބަށް ވާންޖެހޭ ތައްޔާރީތައް ވުމަށް އެކަށީގެންވާ ވަގުތު ނުލިބޭކަމަށް ބުނެ، ޕްރޮގްރެސިވް ޕާޓީ އޮފް ދަ މޯލްޑިވްސްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި، 14 ޖެނުއަރީ 2017 ތާރީޚުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު، އެތާރީޚުން ފެށިގެން 2 މަސް ދުވަހުގެ ފަހުގެ ތާރީޚެއްގައި ބޭއްވުމަށް އަމުރުކުރައްވާފައިވާތީކަމަށް ބުނެ، އިލެކްޝަންސް ކޮމިޝަންގެ ނަންބަރު (A)CA-2016/146 އިޢުލާނު އެކޮމިޝަންއިން ބާޠިލުކުރި މައްސަލަ އެމް.ޑީ.ޕީ ގެ ފަރާތުން ހައިކޯޓަށް މިއަދު ހުށައަޅައިފިއެވެ.
އަދި އެ އިޢުލާނުގެ ދަށުން އެމް.ޑީ.ޕީ ގެ ފަރާތުން އިންތިޚާބުގައި ވާދަކުރުމަށް ހުށަހެޅި ކެންޑިޑޭޓުންގެ ކެންޑިޑެސީ ބާޠިލުކުރައްވާފައިވަނީ އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނުގެ 21 ވަނަ މާއްދާގެ (ނ) އާއި، ސިވިލްކޯޓުގެ ނަންބަރު 2515/Cv-C/2016 ޤަޟިއްޔާގެ ޙުކުމާ ޚިލާފަށްކަމަށްވާތީ، އިލެކްޝަންސް ކޮމިޝަންގެ ނަންބަރު (A)CA-2016/146 އިޢުލާނުގެ ދަށުން ކުރިމަތިލައި، އިލްކެޝަންސް ކޮމިޝަންއިން ކެންޑިޑެސީ ޤަބޫލުކޮށްފައިވާ ކެންޑިޑޭޓުން އަލުން ކުރިމަތިލާންޖެހޭނޭ ކަމަށް އިލެކްޝަންސް ކޮމިޝަންއިން ނިންމާފައިވާ ނިންމުން ބާޠިލުކަމުގައި ކަނޑައަޅުއްވައި ދެއްވުއްވުމަށް ވެސް އެދިފައިވެއެވެ.
މީގެ އިތުރުން 2017 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 14 ޖެނުއަރީ 2017 ތާރީޚުގައި އޮންނާނޭކަމަށް އިލެކްޝަންސް ކޮމިޝަންގެ ނަންބަރު (A)CA-2016/146 އިޢުލާނުން އިޢުލާނުކޮށްފައި ވަނިކޮށް، އިލެކްޝަންސް ކޮމިޝަންގެ ނަންބަރު (A)CA-2016/146 އިޢުލާނު އެކޮމިޝަނުން ބާޠިލުކޮށް، އެ އިޢުލާނުގެ ދަށުން އެމް.ޑީ.ޕީގެ ފަރާތުން އިންތިޚާބުގައި ވާދަކުރުމަށް ހުށަހެޅި ކެންޑިޑޭޓުންގެ ކެންޑިޑެސީ ބާޠިލުކުރަން ނިންމާފައިވާ ނިންމުމަށް ޢަމަލުކުރުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިފައިވާ މިމައްސަލައާމެދު ފައިސަލާކުރުވަނި ނިންމުމެއް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމަންދެން ފަސްކުރުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރުކޮށްދިނުމަށް ވެސް މިއަދު އެމް.ޑީ. ޕީ އިން ވަނީ ހައިކޯޓްގައި އެދިފައެވެ.