އެމްޑީޕީއަށް 10 އަހަރު

ސިޔާސީ ޕާޓީއަކަށް 10 އަހަރަކީ ސިޔާސީ ގޮތުން ދޮށީ އުމުރެކެވެ. ފުރަތަމަ 50 ސޮއި، މިއަދު 46،000 ސޮޔަށްވެ، މިޕާޓީއަށް މިއަދު ދިވެހި ރައްޔިތުންގެ 105،181 ވޯޓު ލިބިގެން ދިޔައީ ހަމަ އެންމެ 10 އަހަރު ދުވަހުގެ ތެރޭގައެވެ.

މިއަދު ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީއަކީ ދިވެހި ރާއްޖޭގެ އެންމެ ކާމިޔާބު ސިޔާސީ ޕާޓީއެވެ. އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީއެވެ. އެންމެ ހިތްވަރުގަދަ މެންބަރުން ތިބި ސިޔާސީ ޕާޓީއެވެ. މިޕާޓީއަކީ ދިވެހި ޒުވާނުންގެ އުންމީދެވެ. އަންހެން ކަނބަލުންގެ އާރުކާޓީއެވެ. ދޮށީ އުމުރުގެ ރަށްވެހިންގެ މަދަދުގާރެވެ.
މިއަދު ފާހަގަކުރެވޭ އަހަރީ ދުވަހުގެ އަޒުމަކަށް ވާންވީ އަނެއްކާވެސް ދިވެހިންނަށް އުފާވެރި ރަންޒަމާނެއް ހޯދައިދިނުމުގެ އަޒުމެވެ.

ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އޮޑި މިސްރާބު ޖަހާފައި މިހުރީ، މާޒީގެ ފިލާވަޅުތަކުން ޢިބްރަތް ހާޞިލުކޮށް ދިވެހިންނަށް ހެޔޮވެރިކަމެއް، ހެޔޮގޮތްތަކެއް ހޯދައިދިނުމުގެ އުފާވެރި މަންޒިލަށެވެ.

މިވަގުތަކީ ހަފަރާތުން ގޮންޖެހުންތައް އަންނަމުންދާ ވަގުތެއް ކަމުގައި ވީނަމަވެސް، އެކުވެރި ބަދަހި ސަފުތަކަކާއެކު އަޅުގަނޑުމެން މިދަނީ ގަދަ ކަނޑުގެ ރާޅުތައް ބައްދަމުންނެވެ. ދިވެހިރާއްޖެ މިއަދު މިއޮތީ ނާމާން ތޫފާނެއްގެ އޮއިވަރެއްގެ މެދުގައެވެ. ކުރިންވެސް ނުވާނެކަމަށް ހީކުރި ގޮންޖެހުންތައް ބަލިކުރީ މިޕާޓީއެވެ. ދެންވެސް އެކަން ކުރާނީ ހަމަ މިޕާޓީއެވެ. މިއީ އެމް.ޑީ.ޕީ. އެވެ. އަޅުގަނޑުމެން ދާނީ ކުރިޔަށެވެ. ބާރަށް ކުރިޔަށެވެ.

ޕާޓީގެ އަހަރީ ދުވަހުގެ ހެޔޮއެދުންތައް ޕާޓީގެ ލޮބުވެތި އެންމެހައި މެންބަރުންނަށް ނުހަނު އިޚްލާޞްތެރިކަމާ ލޯތްބާއެކު އަރިސްކުރަމެވެ.

ޢަލީ ވަޙީދު
ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ޗެއަރޕާސަން