ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ އެމްޑީޕީ ޓިކެޓަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

ރައްޔިތުންގެ މަޖިލީހުގެ މ.ދިއްގަރު ދާއިރާއިން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން ގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޓިކެޓްގައި ވާދަކުރުމަށް ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ކުރިމަތިލުމުގެ ފުރުސަތު އެޕާޓީން މިއަދު ހުޅުވާލައިފިއެވެ.

ދިއްގަރު ދާއިރާގެ އެމްޑީޕީ ޓިކެޓް ބޭނުންވާ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމުގެ ޝަރުޠު ފުރިހަމަވާ މެންބަރުން 26 އޭޕްރީލް 2015 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 3 ޖެހުމުގެ ކުރިން އިލެކްޝަންސް ކޮމިޝަނަށް ހުށައަޅަންޖެހޭ ލިޔުންތަކާއި، އެމްޑީޕީގެ ޓިކެޓަށް އެދޭ ފޯމް ފުރިހަމަކޮށް އެމްޑީޕީގެ ޤައުމީ ސެކްރެޓޭރިއަޓް (ހ. ޝަރާޝާ، މާލެ) އަށް ހުށަހެޅުމަށް އެމްޑީޕީގެ އިޢުލާނުގައިވެއެވެ.
ރައްޔިތުންގެ މަޖިލިސް އިންތިޚާބަށް އެމްޑީޕީގެ ޓިކެޓްގައި ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން ފުރަންޖެހޭ އެފްލިކޭޝަންފޯމް ރަސްމީ ގަޑީގައި އެމްޑީޕީ އޮފީހުން ދޫކުރާނެ ކަމަށާއި، އަދި މި ފޯމު އެމްޑީޕީގެ ރަސްމީ ވެބްސައިޓް www.mdp.org.mv އިން ޑައުންލޯޑްކުރެވޭނޭ ކަމަށް ވެސް އެމްޑީޕީން ބުނެއެވެ.

މިޕްރައިމަރީގައި ވާދަކުރައްވަން ބޭނުންފުޅުވާ މެންބަރުން އިލެކްޝަންކޮމިޝަނަށް ހުށަހަޅަންޖެހޭ ކުށުގެރިކޯޑު ސާފުކޮށް ނިންމުމަށާއި، މި ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވުމަށް ޝަރުތު ހަމަވާ، އެއްބޭފުޅަކަށްވުރެ ގިނަ ބޭފުޅުން ކުރިމަތިލައްވައިފިނަމަ، އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާނޭ ކެންޑިޑޭޓަކު ކަނޑައަޅާނީ 27 އޭޕްރީލް 2015 ވާ ހޯމަ ދުވަހު ބާއްވާ ޕްރައިމަރީއަކުން ކަމަށް ވެސް އެ އިއުލާނުގައިވެއެވެ.