އިޢުލާން: ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލުމަށް އެމްޑީޕީ ޓިކެޓް ދިނުމަށް ބާއްވާ ޕްރައިމަރީތަކާ ބެހޭ

MDP/2010-023

ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލުމަށް އެމްޑީޕީ ޓިކެޓް ދިނުމަށް ބާއްވާ ޕްރައިމަރީތަކާ ބެހޭ

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކަށް ވާދަކުރުމަށް އެމްޑީޕީގެ ޓިކެޓްދޭނޭ ފަރާތްތައް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީތަކުގައި ވޯޓުލެވޭނީ އެރަށެއްގައި ވޯޓުލާ ދުވަހާ ހަމައަށް އިލެކްޝަންސް ކޮމިޝަނުގައި އޮންނަ އެމްޑީޕީގެ ދަފްތަރުގައި ރަޖިސްޓްރީކުރެވިފައިވާ އެރަށެއްގެ ރަށްވެހީންނަށްކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.އިލެކްޝަންސް ކޮމިޝަންގައި ރަޖިސްޓްރީކުރެވިފައިވާ މީހުން ކަމުގައި ބެލެވޭނީ، އެމްޑީޕީ ސެކްރެޓޭރިއަޓުން ދޫކުރާ އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީ ކުރެވިފައިވާ އެރަށެއްގެ މެންބަރުންގެ ލިސްޓްގައި ހިމެނޭ ފަރާތްތަކެވެ.
މީގެ އިތުރުން މިދެންނެވި ފަދަ ލިސްޓްގައި ނަން ނެތް ނަމަވެސް 1414 އަށް އެސްއެމްއެސް ކުރުމުންނާއި އިލެކްޝަންސްގެ ވެބްސައިޓުން އެމްޑީޕީގެ މެމްބަރެއްކަން ޔަޤީންވާނަމަ އެފަރާތްތަކަށް ފުރުސަތުދޭ ގޮތަށް އެމްޑީޕީގެ އިންތިޚާބުތަކާ ބެހޭ ކޮމިޓީން ވަނީ ނިންމާފައެވެ.
ލޯކަލް ކައުންސިލް އިންތިޚާބަށް އެމްޑީޕީގެ ޓިކެޓްގައި ކުރިމަތިލުމާއި ބެހޭ މަޢުލޫމާތު މިޕާޓީގެ ރަސްމީ ވެބްސައިޓް mdp.org.mv ގެ އިތުރުން www.votemdp.com އިން ވެސް ލިބިވަޑައިގަންނަވާނެ ވާހަކަދަންނަވަމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް އެމްޑީޕީގެ ކެމްޕެއިން އޮފީސް (މ.ރެޑްގްރާސްގެ) ނަންބަރު 3307752 ފޯނާއި ނުވަތަ މިއޮފީހުގެ ނަންބަރު 3340044 ނަންބަރު ފޯނާ ގުޅުއްވުންއެދެމެވެ.
4 ނޮވެމްބަރ 2010

– އެމްޑީޕީ ސެކްރެޓޭރިއަޓް –