4 ނޮވެމްބަރ 2010
ރައީސުލްޖުމްހޫރުއްރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ މުޙަންމަދު ނަޝީދު، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް މޫސާ ޢަލީ ޖަލީލަށް، ޖިހާދުގެ ރަތް މެޑަލާއި ދިގުމުއްދަތެއްގައި ޚިދުމަތް ކުރުމުގެ މެޑަލް އިއްޔެ ދެއްވައިފިއެވެ.
މިކަމަށްޓަކައި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް.)ގެ އިންޓިގްރޭޓެޑް ހެޑްކުއާޓަރޒްގައި އިއްޔެ ބޭއްވެވި ރަސްމިއްޔާތުގައި މެޑެލާއި ސެޓްފިކެޓް ދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ޑިފެންސް ފޯސް މިހާރު މިއޮތް ހަރުދަނާ ގޮތުގައި ބިނާކުރެއްވުމަށް، މޭޖަރ ޖެނެރަލް މޫސާ ޢަލީ ޖަލީލް ކުރައްވާފައިވާ މަސައްކަތްޕުޅުތައް ފާހަގަކުރައްވައި، މޭޖަރ ޖެނެރަލް މޫސާ ޖަލީލަށް، ރައީސުލްޖުމްހޫރިއްޔާ މަރްޙަބާ ވިދާޅުވެ، މުބާރަކްބާދީ އަދާކުރެއްވިއެވެ.
ރާއްޖޭގެ ސިޔާސީ ނިޒާމު، ކުރިއަށްވުރެ ވަރަށް ބޮޑަށް ބަދަލު ވެގެންދާއިރުވެސް، ސިޔާސީ ނުފޫޒުން އެއްކިބާވެ، ހަރުދަނާކަމާއެކު، ސިފައިން، އެބޭފުޅުންގެ މަސްއޫލިއްޔަތު އަދާކުރައްވަމުން ގެންދަވަނީ، މުޅި ރާއްޖެއަށާއި، މިފަދަ ގޮތަކަށް ޤައުމީ ޙަޔާތް ބަދަލުވާ ކޮންމެ ޤައުމަކަށްވެސް ނަމޫނާއަކަށް ވާފަދަ ގޮތެއްގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، އެކިގޮތްގޮތުން ރާއްޖެއަށް ހުރި ތަފާތު ނުރައްކާތަކުން ރާއްޖެ ސަލާމަތްކުރެއްވުމަށް، ރާއްޖޭގެ ސިފައިން އިސްވެ ތިއްބަވައިގެން ރާއްވަވާފައިވާ ރޭއްވެވުންތަކާއި އިންތިޒާމްތަކަކީ، ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާ އަދި އިތުބާރު ކުރައްވާ ރޭއްވެވުންތަކަކާއި އިންތިޒާމްތަކެއްކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.