މެންބަރުންގެ ޚިޔާލު: ވައިފައްސިޔަ ނުވަނީސް ފަލިތައް އެހެނުލާށެވެ!!!!.

3 ނޮވެމްބަރ 2010

ފުނަމާ

އަނިޔާވެރި ކަމުގެ ސަބަބުން ދިރިއުޅެވެން ނެތިގެން މިނޫން ހާލަތެއް ގާއިމް ކުރުމުގެ މަތިވެރި އުންމީދުގައި ހިއްވަރުގަދަ ކެޔޮޅަކާއެކު އަޅުގަނޑުމެން މިއެދޭ ތަސަށްވުރަށް ވާސިލްވުމުގެ ގޮތުން ” އަނެއް ދިވެހިރާއްޖޭގެ ” ބަނދަރަށް ދިއުމުގެ ދަތުރުފެށީ މީގެ މަދު އަހަރުތަކެއްގެ ކުރީންނެވެ.
ދަތުރުގައި އޮޔާވަޔާ އަޅުގަނޑުމެންނާ އިދިކޮޅަށް އޮވެ ކަނޑުގަދަވެ ރާޅުބޮޑުވުމުން ރިޔާތަކުގައި ސީދާމަގުން ކުރިޔަށް ނުދެވި އަނބުރާ ހޭރިޔާ ކޮށްވެސް ކުރިނުލިބުމުން ފަޅުވެރީންކޮޅު މާޔޫސްވެ އޮޑި ދީލާލުމަށް ގޮވާލިހިނދު ތަޖުރިބާކާރު މާލިމީ ފިސާރި ހިކްމަތް ތެރިކަމާ ކެއްތެރިކަމާ ވިސްނުންތެރި ކަމާއެކު ފަޅުވެރި ކުދީންނަށް ހިއްވަރުދީ އޮޑީގެ ފަލިތައް ފެނުއަޅުވާލައި އޮޔާ ވަޔާ ރާޅާ ދެކޮޅަށް ސީދާމަގުން އޮޑިޔައިގެން ކުރިޔަށް ދާން މަސައްކަތް ފެށިއެވެ. ބައެއް ފަހަރަށް އޮޑިޔަށް ބިންދާލާ ރާޅުގެސަބަބުން ދެންމެ ދެންމެ އޮޑިއަޑިޔަށް ހިނގައިދާނެހެން ހީވި ކިތަންމެ ފަހަރެއް ދިޔަޔަސް މާލިމީއާއި ފަޅުވެރީން ފިސާރި ސާބިތުކަމާއެކު އޮޑީގެ ދިޔަ ހިއްކައި ފަލީގައި ކުރިޔަށް ދިޔައީއެވެ.
” ގުލްޒާރުގާ ނަޔާމަގޭ ނޫރާނީމާ ފޮޅޭނެޔޭ، ބުލްބުލްތަކާ ކޮކާތަކާ ފަރިވާއިރުން އުޅޭނެޔޭ”
މާލިމީ ގެ މިއަންބާގައި ފަޅުވެރީން ހިފާލައި ފިސާރިޖޯށުގައި އޮޑިޔައިގެން ކުރިޔަށްގޮސް އަނެއްދިވެހިރާއްޖޭގެ މަލަމަތި ފެނުނުއިރު ކުރިޔަށްވުރެ ކަނޑުގަދަވެ ރޯލިބާރުވެ ދަތުރަށް ހުރަސްއެޅިއްޖެއެވެ. މިހިނދު ކުޅަދާނަ މާލިމީ އަންބާ ބަދަލުކޮށް ފަޅުވެރިކުދީންގެ ލޭކަށްކުވާލިއެވެ.
“ވަތަންއެދޭގޮތައް ދަމާހެ ހެޔޮހިތުން މިޖާނުދޭން، ވަތަނުގެ އާޒުވާނުނޭ ފަށާށެ އަދު އިޖާބަދޭން”
އައިފޯރިޔާ ޖޯޝުގައި އެއްނަރަށް ފޫގަޅައިގެން އެންމެ ފަޅުވެރީން ފަލިތަކަށް ބެހިލައި ދަރެއްނުދީ ހިފަހަށްޓާލުމުން އިސާހިތު އޮޑިޔައިގެން އަނެއްދިވެހިރާއްޖޭގެ ކަނޑުއޮޅިޔަށް އޮޑީގެ ކުރި މިސްރާބުން ކައްސާނުލައި ސީދާކޮށްފިއެވެ.
ފަޅުވެރިކުދީންނަށް އައިސްފައިވާ ވަޖިދުގައި މިހިސާބަށް އާދެވުނީ ކިހިނެއްކަމެއްވެސް ނޭނގި ތިއްބައި މާލިމީ އެގޮވާ އިއުލާނު ކުރީ ކަނޑުއޮޅީގެ ތެރެއަށް އޮޑިވަންނަކަމާ އަމާންބަނދަރު ނުހިފެނީސް ފަލިތަކަށް ދުލެއް ނުދިނުމަށެވެ. ކަނޑުއޮޅިޔަށް އޮޑިވަންކަން ފަޅުވެރީންނަށް އެނގުމާއެކު ވީއުފަލެއްގައި އެމީހަކަށް އެމީހަކު ތެދުވެ ހިންދަމާލައި ކުޅިބަލާން ފަށައިފިއެވެ. މާލިމީ ހަރުއަޑުން އެގޮވައި ނަގަނީ މާގިނައިރެއްނުވެ އަނެއްދިވެހިރާއްޖޭގެ އަނމާން ބަނދަރަށް އޮޑިޔައިގެން ވަނުމަށް ހިއްވަރުކޮށް ފަލިތަކަށް އިތުރަށް ބުންވަރު ގެނައުމަށެވެ.
އަތުގައި ފޮޅުލައި ފޮޅުކެނޑި މުށްބާރު ކޮށްލާން ނުކެރޭ ހިސާބަށް ގޮސްފައިވާއިރުވެސް ބައެއް ފަޅުވެރީން އެތިބީ ހަމަ ހިންދަމާ ނުލައެވެ.
ވިސްނާ ލައްވާށެވެ. އަޅުގަނޑުމެންގެ މަންޒިލަށް ވާސިލްވުމަށް މިކުރިދަތުރުގައި އަޅުގަނޑުމެން މިކަނޑައްތުކުރީ އާދަޔާ ޚިލާފު ގަދަ ކަނޑުތަކެވެ. މާތް ދޭވަތާއިންގެ މާތް އަމުރުފުޅާ އިރާދަފުޅުން ކަނޑުނުވެ މިހިސާބަށް މިވަނީ އާދެވިފައެވެ. ހާދަ ހިއްވަރަކާއި ނުގުޑާފަދަ އަޒުމެއްގައި ސާބިތުވެ ތިބެވުނީތީވެއެވެ. މާލިމީގެ ހިކްމަތްތެރި ކަމުންނާއި ފަޅުވެރީންގެ ނުގުޑާ ހިއްވަރުގެ ސަބަބުން މިދަތުރު ނިންމާލައި ހިންހަމަ ޖެހިގެން އަމާންބަނދަރަށް މިއޮޑިޔައިގެން ދެވުމުގެ ވަގުތު މިދަނީ ކުޑަތަން ވަމުންނެވެ. ނަމަވެސް މިހިސާބުން ހިއްވަރަށް ކުޑަވެސް ބަދަލެއް ގެނެސް ދުލެއް ދީފިނަމަ ކަނޑުއޮޅީން ބޭރަށް ނެރެފައިފައިވާ އޮއިވަރާއި ނަގާ މުގުރަމުންމިދާ ބިޔަރާޅުތަކުގެ ތެރޭގައި އޮޑިޔައިގެން ކުރިޔަށް ނުދެވި ފެންނާން އެއޮތް އަނމާން ބަނދަރު ނުހިފި ފަޅުވެރި ކުދީންލޮޑުވެ މާލިމީގެ ހުރިހާ މިންނަތެއް ފުނޑުފުނޑުވެގެން ހިނގައިދާނެކަން ވިސްނައި ކުޅިބަލާން ނުތިބެ ފައްޔަކަށް އެރޭވަރަށް އިތުރު ކުދީން އަރައި ހިއްވަރު އާކޮށްލާށެވެ. ކަނޑުއޮޅީން އޮޑިއެތެރެވާއިރު ވައިމިހުރިގޮތުން އޮޑީގެ ރިޔާތައް ކޮށާލައި ފެންނާންއެއޮތް ބަނދަރަށް ދަތިކަމެއްނެތި އޮޑިޔައިގެން ވަދެ ބަނދަރުކޮށްލާކަށް ދެން ގިނައިރެއް ނުނަގާނެއެވެ. ބޭނުމީ ހިއްވަރު ދޫކޮށް ނުލުމެވެ. ވަށައިގެން ފެންނާން މިފެށި ހިތްތަކަށް އުފާދެނިވި މަނާޒިރުތަކަށް އަނެއް ދިވެހިރާއްޖޭގެ ރީތި ކުލަމަންޒަރުތަކަށް މިތާތިބެ ގެއްލި ނުގޮސް ހިކިފަސްތަނަށް ވާސިލްވުމަށް އިތުރު ހިއްވަރެއް ކޮށްލުމެވެ. ” ކުރާކަމެއް ކަމުދަންޏާ މުރާލިކުދީންނަކަށް ތުރާލެއް ނުވާނެޔޭ” ބުނެ މާލިމީގެ ގޮވާލުންތަކަށް ސާބިތުކަމާ އެކު އިޖާބަދިނުމެވެ. އަނެކާގެ ބުންވަރާ ތިމާގެ ބުންވަރާ އަޅާނުކިޔައި ތިމާގެ ކިބައިގައި ހުރިއްޔާ ހުރި ބުންވަރަކާއި ފަންވަރެއް އެންމެ ފަހުވަގުތުވެސް ދައްކާލުމެވެ. އިރާދަ ކުރެއްވިއްޔާ މާގިނައިރެއް ދެންނުވެ ކަނޑުއޮޅީން އެތެރެ ވެދާނެއެވެ.
އެމްޑިޕީގެ ލޮބުވެތި މެންބަރުންނޭވެ! ނަމަނަމަ ކަނޑުއޮޅީން އެތެރެވެ އޮޑި ވައިފައްސިޔަކޮށްލެވެންދެން ފަލިތަށް އެހެނުލައްވައްޗެވެ. އެހިސާބަށް ދިއުމުން އަރާމާއެކު ހިންދަމާލައި އަތްފަޔަށް ހޭހަން ކުރަން ފެށިޔަސް މިޖެހޭ ނަލަރޯޅީގައި ވައިފައްސިޔަ ކޮށްލުމުން ” މަދާމަގުން ތަންދޭށޭ ” ގޮވަމުން ” މިއޮޑި ފަޅުވެރީންނާއިއެކު ” އަނެއް ދިވެހި ރާއްޖޭގެ ” އަތްފޯރާފަށުގައި އެއޮތް ބަނދަރަށް ވަނުމަށް ހުރަހެއް ނޯންނާނެއެވެ. އެއީ މިދެކޭ ހުވަފެންތަކުގައި މިފެންނަފަދަ މާމުއިގެ ކޯރުތައް ދެމެމުންދާ ރަސްދަނބު ރުކުގެ އެއްތައް ތާއަބަދު ފޮޅެމުންދާ ބިމުގެ ތެރެއިން ޖަވާހިރުތައް ކޯދުލައި ފޮޅިގެން އަރާފަދަ ނިއުމަތްތައް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ލިބިގެންދާނެ ” އަނެއް ދިވެހިރާއްޖެއެވެ” ތިރީސް އަހަރުގެ އަނިޔާވެރިކަމުގައި ވެރިމީހާގެ ލައްޒަތަށްޓަކައި ދިވެހި އަޚުންނާއި އިޚުތުންގެ ” މިނިކޭ ރާއްޖެ ” އަށް އަނބުރައި ދާކަށް ހަމައެކަކުވެސް ބޭނުމެއް ނުވާނެއެވެ.