ރާއްޖެ ތަރައްޤީވިޔަނުދީ ރައްޔިތުން އިނދަ ޖައްސާލުމަށް ޑީއާރުޕީން ދަނީ މަސައްކަތްކުރަމުން – މާރިޔާ

ޑީއާރުޕީން ބޭނުންވަނީ ކުރީގެ ރައީސަށް އިތުރު ކާރުކޮޅެއް ހޯދަން ކަމަށް ވެސް މާރިޔާ ވިދާޅުވި

2 ނޮވެމްބަރ 2010

ރާމިޒް/ޖުނައިދު

އެމްޑީޕީގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ، އެޕާޓީގެ 2 ވަނަ ކޮންގްރެސްގައި ފޯޓޯއަކަށް ހުއްޓި ވަޑައިގެން .. ރޭގެ ޖަލްސާގައި މާރީ ވަނީ ޑީއާރުޕީން ބަޖެޓްފާސް ނުކުރުމަށް ކުރަމުންދާ މަސައްކަތް ވަރަށް ބޮޑަށް ކުށްވެރިކުރައްވާފައި  /ފޮޓޯ މައުރޫފް ޚަލީލް
އެމްޑީޕީގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ، އެޕާޓީގެ 2 ވަނަ ކޮންގްރެސްގައި ފޯޓޯއަކަށް ހުއްޓި ވަޑައިގެން .. ރޭގެ ޖަލްސާގައި މާރީ ވަނީ ޑީއާރުޕީން ބަޖެޓްފާސް ނުކުރުމަށް ކުރަމުންދާ މަސައްކަތް ވަރަށް ބޮޑަށް ކުށްވެރިކުރައްވާފައި /ފޮޓޯ މައުރޫފް ޚަލީލް

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ވެރިކަމުގައި މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ރާއްޖެއަށް ތަރައްޤީގެ ބޮޑެތި ބަދަލުތައް އަންނަމުންދާތީވެ، ރައްޔިތުން އިނދަ ޖައްސާލުމަށް ޑީއާރުޕީން މަސައްކަތް ކުރަމުންދާކަމަށް އެމްޑީޕީގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ހަރުގޭގައި އޮތް ސިލްސިލާ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރޭ މާރިޔާ ވިދާޅުވީ، ރައްޔިތުންގެ ޙައްޤުތައް ހޯދައި ދިނުމުގެ ގޮތުން ރަށްރަށާ އަތޮޅުތަކުގެ އިތުރުން މުޅި ރާއްޖެ ތަރައްޤީ ކުރުމަށް އެމްޑީޕީ ސަރުކާރުން އެކުލަވާލި ބަޖެޓްވެސް ފާސްވިޔަ ނުދިނުމަށް އިދިކޮޅު ޑީއާރުޕީން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެމީހުން އެގޮތަށް އެމަސައްކަތް ކުރަނީ ތިރީސް އަހަރުން އެސަރުކާރަށް ނުކުރެވުނު އެތައް ކަމެއް މަދު ދުވަސްތަކެއްގެތެރޭ މިސަރުކާރުން ކުރަމުންދާތީ، އެމްޑީޕީ ސަރުކާރުގެ އެތެރޭގެ ހަރުދަނާ ޑިމޮކްރަސީ ސިޔާސީ ގޮތުން ހަޖަމުކުރަން ދަތިވެގެން ކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.
“އަޅުގަނޑުމެން ނޫޅޭން ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރާކަށް. އެމީހުން (ޑީއާރުޕީ) ބުނީވެސް ތިމަންނާމެން ފާރަވެރިވާނަމޭ، ރައްޔިތުންނަށް ޖަވާބުދާރީވެސް ވާނަމޭ.ބަޔަކު 30 އަހަރު ވަންދެން ވެރިކަން ކުރިއިރު ނުވި ތަރައްގީ މިއަދު އަޅުގަނޑުމެން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކޮށް ނިންމާ ރައްޔިތުންނަށް ދައްކާފައި އެވަނީ ފަހަރެއްގައިވެސް ކެމްޕޭނަކާ ޖެހުމުން ރަށަކަށްގޮސް ހައިމާކުގެ ދަތްގަނޑު ބީއްސުވާލާ އުޞޫލަކުންނެއް ނޫން.” އެމްޑީޕީގެ ޗެއަރޕާސަން ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ ޑީއާރުޕީން ބަޖެޓް ފާސްކުރުމާ ދެކޮޅުހަދައިގެން އުޅޭއިރު އޭގައި އޮތް އެއްޗެއް ޚުދު އޭނާއަކަށްވެސް ނޭނގޭ ކަމަށެވެ. ނަމަވެސް ބަޖެޓް މަޖިލީހާ ހަމަޔަށްވެސް ނުދަނީސް، އެފާސް ނުކުރާނަމޭ ބުނެ ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަމުންދަނީ ޙަޤީގަތުގައި “ހަނީމޫން ޕީރިއަޑްގައި” އޮތް ސަރުކާރު ބަދަލުކޮށް ޑީއާރުޕީން އަލުން ވެރިކަމަށް އަންނަންވެގެން ކަމަށާއި، އަދި މިއީ ކުރީގެ ރައީސަށް ސެކިއުރިޓީ ހޯދުމަށް އިތުރު ކާރެއް ބޭނުންވެގެން، އެކަމާހެދި ތޮޅޭ ތޮޅުންތަކެއް ކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމްވެސް ރޭ ވިދާޅުވީ ކުރީގެ ރައީސަށް ސެކިއުރިޓީ ދިނުމަށް އިތުރު ކާރެއް ހޯދައިދިނުމަށް ޑީއާރުޕީން އެދެމުންދާ ކަމަށާ، ނަމަވެސް މިދުވަސްވަރު އެގޮތަށް އެކަން ކުރުމަކީ ޚަރަދުތައް ބޮޑުކަމެއް ކަމަށް ފެންނަ ކަމަށެވެ. އަދި “ރައީސުލް ޖުމްހޫރިއްޔާކަމުން ފައިބާފަވެސް އިސްރާފުކުރަން ނޫޅޭށޭ” ވިދާޅުވެ، ޑީއާރުޕީއަށް އަސްލަމް ފާޑު ވިދާޅުވިއެވެ. މީގެ އިތުރުން ޑީއާރުޕީން މިހާރު މުޒާހަރާއަކަށް ތައްޔާރުވަމުން އެދަނީވެސް، މިދެންނެވި ސިއްރުތައް އޭގައި އެކުލެވިގެން ވާތީ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.