މެންބަރުންގެ ޚިޔާލު: އެމްޑީޕީގެ ކޮންގްރެސް ލޮލުންދެކި އަތުން ހިފުމުން ލިބުނު ތަޖުރިބާ

31 އޮކްޓޯބަރ 2010

ފުނަމާ

mdp-congres-30-10-2010-2151

އެމްޑީޕީގެ ދެވަނަ ކޮންގްރެސްގައި ބައިވެރިވެލައި ލޮލުންދެކި އަތުން ހިފާލުމުން ގިނަ ކަންތައްތަކެއް ތަޖުރިބާ ކުރެވި ގަބޫލުކުރެވިއްޖެއެވެ. އެނގި ހާމަވެގެންދިޔަ އެއްކަމަކީ ހަމަގައިމުވެސް އެމްޑިޕީގެ މެންބަރުންގެ ބާރަކީ ސަހަލު އެއްޗެއް ނޫންކަމެވެ. އިންޓާނަލް ޑިމޮކްރަސީއަކީ ކޮންއެއްޗަކަށް ކިޔާ ނަމެއްކަން އެނގި ހާމަވެގެން ދިޔައެވެ.
އެއްކަމަކަށް ބަލާލަމާތޯއެވެ. ގައުމީ މަޖްލިސްއިން ފާސްކޮށް ކޮންގްރެސްއަށް ތަސްދީޤު ކުރުމަށް ހުށައެޅި ދާއިރާގެ ރައީސުން ކަނޑައަޅާނެ ގޮތާބެހޭ މައްސަލަޔަކީ އެންމެ ޚިޔާލުތަށް އެވަށައި އެނބުރުނު މައްސަލައެވެ. އިދާރީ ދާއިރާތަކުގެ ރައީސުންގެ ގޮތުގައި އެދާއިރާއަކަށް ރައްޔިތުންގެ މަޖްލިސްއަށް ހޮވިފައިވާ އެމްޑީޕީގެ މެންބަރުން ދާއިރާގެ ރައީސުންގެ ގޮތުގައި މިހާރުވެސް ހަމަޖައްސާފައިވާ ވުމާމެދު އެއްވެސް ޝަކުވާއެއް އެއްވެސް މެންބަރަކު ނުކުރެއެވެ. ނަމަވެސް މިނޫންދާއިރާތަކުގައި މިހާރު އިންތިޚާބުވެފައިވާ ދާއިރާ ރައީސުން އެދާއިރާއެއް މިހާރު ތަމްސީލުކުރާ މިޕާޓީގައި ނުހިމެނޭ ރައްޔިތުންގެ މަޖްލިސްގެ މެންބަރަކު ޕާޓީއަށް ސޮއިކޮށްފިނަމަ އޮޓަމެޓިކުން ޕާލަމެންޓާރީ މެންބަރަށް އެމަޤާމު ލިބިގެން ދިޔުމަކީ ގިނަ މެންބަރުންގެ މެދުގައި ބޭއިންސާފެއް ކަމުގައި ދެކެމުން ދިޔައެވެ. ސަބަބަކީ އެގޮތަށް މިހާރު ތިއްބެވި ދާއިރާގެ ރައީސުންނަކީ އެމްޑިޕީގެ ޚިދުމަތުގައި މިންނަތް މަސައްކަތްތަކެއް ކުރައްވައިގެން މެންބަރުންގެ ރުހުމާއެކު އިންތިޚާބަކުން ވަޑައިގެން ތިއްބެވި ރައީސުން ކަމުގައި ވުމުން އެގޮތަށް އެކަން ކުރުމާމެދު ގިނަ މެންބަރުން ހިންހަމަ ނުޖެހެނީއެވެ.
ސުވާލަކީ ޕާޓީގެ އިސްސަފުގައި ތިއްބެވި ފަރާތްތަކުން އެގޮތަށް އެކަން ބަދަލުކުރުމަށް ހުށައެޅުއްވީ ކިހާވަރަކަށް ވިސްނަވާފަބާވައެވެ؟ ޝައްކެއްވެސް ނެތެވެ. އެއް ނަޒަރަކުން ބަލާއިރު ރައްޔިތުންގެ މަޖްލިސްގެ އެންމެ މެންބަރަކީވެސް ވިސްނާލައިފިނަމަ މިޕާޓީގެ އެންމެ އަގުބޮޑު އެއް މެންބަރެވެ. މަޖްލިހުގެ މެޖޯރިޓީ މިޕާޓީއަށް ކުރިއެކޭ އެއްގޮތަށް މިއަދުވެސް މާދަމާވެސް މުހިންމެވެ.
ވެރިކަމަށް މިޕާޓީއައިއިރު މެންބަރުންގެ އަދަދު ވިހިހާހުން ދަށުގައި އޮވެފައި މިދެއަހަރުގެ ތެރޭގައި ސާޅީސްހާހުން މައްޗަށް އަރައި ރާއްޖޭގައި އެންމެ މެންބަރުންގިން “ބޮޑުޕާޓީގެ” ލަގަބު ލިބި ވެރިކަމުގެ އާރާ ބާރު އޮތްއިރުވެސް މިސަރުކާރު “ބަލިފަޔަށް ބުރަވާން” ޖެހިފައި މިވަނީ މަޖްލިހުގެ މެޖޯރިޓީ ނެތުމުންނެވެ. މަޖްލީހުގައި އެތިއްބެވި މިޕާޓީގެ މެންބަރުންގެ އެހީތެރިކަން ސަރުކާރަށް ލިބޭ މިންވަރުން މެނުވީ މިއަދު މިހާސިލްކޮށްފައިވާ މިންވަރު ހާސިލް ކުރުމަކީ ވާނޭ ކަމެއް ނޫނެވެ. އެހާމެ އަގުހުރި ޚިދުމަތްތަކެއް މިޕާޓީއަށް އެމެންބަރުން އެގެންދަވަނީ ކޮށްދެއްވަމުންނެވެ. މިއަދު މިޕާޓީން ރީކޯ މޫސައެކޭ އިއްޔެ ޕާޓީއާއި ގުޅިވަޑައިގެންނެވި އާދިލްއެކޭވެސް އެއްމިނެއްގައި ހަމަހަމަކަމާއެކު މިޕާޓީ ބަލައިގަނެއެވެ. އެއީ މިޕާޓީގެ އިސްތަނބުތަކުގެ ސާބިތުކަން ހާމަކޮށްދޭ ހެއްކެކެވެ. ޕާޓީގެ ޗެއަރ ޕާސަން ޕާލަމެންޓަރީ ގުރޫޕުގައި އިންނަވާނީ އެގުރޫޕުގެ ރައީސްއަށްވުރެ ތިރީގައެވެ. މިއީ ރަނގަޅު މިސާލެކެވެ. ޔަޤިނުންވެސް މިޕާޓީގެ އެންމެ އިއްޒަތްތެރީންނަކީ ޕާލަމެންޓާރީ ގުރޫޕޭ ދެންނެވުމަކުން މިޕާޓީގެ ފަރާތުން މިއަދު ވެރިކަމުގައި ހުންނެވި ރައީސް ނަޝީދުވެސް އަދިކިއެއްތަ މިޕާޓީގެ ވަޒީރެއްވިޔަސް އަދި އާންމު މެންބަރެއް ވިޔަސް ހިތުގައި ކުޑަވެސް އެއްޗެއް ނުލާނެއެވެ. އެހެން ނަމަވެސް ޕާޓީގެ މެންބަރެއްގެ މަޤާމުގައި ދާއިމްވެހުންނެވި ދާއިރާއެއްގެ ރައީސް އެހެން ޕާޓީއަކުން މިޕާޓީއާ ގުޅިވަޑައި ގަންނަވާ ޕާލަމެންޓަރީ މެންބަރަކަށް ޓަކައި ގުރުބާން ކުރާން އަމިއްލައަތުން ފާހަގަ ޖަހާލަން ޖެހުމުން ގިނަ މެންބަރުންނަށް މިކަން ހަޖަމުކުރާން ހާދަބޮޑަކަށް އުނދަގޫވީއެވެ. މިކަމުންް އެނގެނީ މެންބަރުންގެ މެދުގައި އޮތް ބަދަހި ގުޅުމެވެ. ލާމަސީލު މިސާލެއްކަމުގައި މިޕާޓީގެ މެންބަރުން ލިޔެލާން ޖެހުނީއެވެ. ނަމަވެސް މާދަމާވެސް އެފަދަ ރައްޔިތުންގެ މަޖްލީހުގެ މެންބަރަކު މިޕާޓީއާއި ގުޅި ވަޑައިގެންފިނަމަ އެދާއިރާއެއްގެ ރައީސަކަށް ހުންނެވި ކޮންމެ ބޭފުޅަކުވެސް ހިތުން ރުހުމުން އެމަޤާމު ދޫކޮށް ލައްވާނެއެވެ. މިގޮތައް ދަންނަވާން ޖެހެނީ މިމާއްދާ ފާސްކުރެއްވުމަށް ލޮލުން ބޮލުން އެދިގެން އެންމެ ބޮޑަށް އުޅުއްވީ އެފަދަ ދާއިރާތަކުގެ ރައީސުންކަން ޔަޤީނުންވެސް އެނގޭތީއެވެ.
ކަން ކޮންމެ ގޮތަކަށް ނިމިގެން ދިޔަސް ކޮންގްރެސްގެ އެއްވެސް ފަރާތަކުން މިކަމުގައި އެއްވެސް ޝަކުވާއެއް ނެތި މެންބަރުން ނިންމެވިގޮތް ގަބޫލުކުރެއްވިކަން އެއީވެސް މިޕާޓީގެ އެމައްޗަށް ބިނާވެފައިވާ ޑިމޮކްރަސީގެ ހަރުދަނާކަން ދަށްކުވައިދިން ކަމެކެވެ. މިނޫންވެސް ރާއްޖޭގައި އާދަޔާ ޚިލާފު ކިތަންމެ ކަމެއް މިކޮންގްރެސްގައި ފާހަގަކުރެވުނެވެ. ހުރިހާ ކަމަކަށް އަލިއަޅުވާލުމަކީ މިފަދަ ކުރު ލިޔުމެއްގައި ކުރެވޭނެ ކަމެއް ނޫނެވެ.
ދާއިރާތަކުން ޝުޢޫރު ފާޅުކުރުމަށް ހުޅުވާލެވުނު ފުރުސަތުގައިވެސް ރިޔާސަތުގައި އިންނެވި ޕާޓީގެ ޗެއަރ ޕާސަން ގެންގުޅުއްވި ހަމަހަމަކަމަކީ ބޭރުން މިކަން ދެކެފި މީހަކު އަޖާބުވެދާނެ ކަމެކެވެ. ރައީސް ނަޝީދު އޭނާގެ ދާއިރާގެ ފަރާތުން ވާހަކަ ދެއްކެވުމަށް ކިޔޫ ތަރުތީބުން ފުރުސަތު ހޯއްދެވިއިރު ލިބިވަޑައިގެންނެވި ދެމިނެޓު ހަމަވުމާ އެކު މައިކް ކަނޑާލުމުން އަޖާބުވި މެންބަރަކު ނުފެނެއެވެ. އަދި ރައީސް ނަޝީދުވެސް އެކަން ފާހަގައެއް ނުކުރައްވައެވެ. މިފަދަ ކިތަންމެ ކަމަކުން މިކޮންގްރެސް އަކީ މިޕާޓީގެ އަސްލު ހައިބަތު ދައްކުވައިދިން ކޮންގްރެސް އެއްކަމުގައި ގަބޫލުކުރާން ޖެހެއެވެ. މެންބަރުން ފިސާރި އެމްޑިޕީގެ ރޫހުގައި ޚިޔާލު ފާޅުކޮށް އެކުވެރިކަމާއެކު އެހާމެ ކާމިޔާބު ކަމާއެކު ނިންމާލި މިކޮންގްރެސްއިން އިދިކޮޅު ޕާޓީތަކުން ދަސްކުރާންޖެހޭ ކިތަންމެ ފިލާވަޅެއް ލިބިދިނެވެ. މިޕާޓީއަކީ ވަކި މީހެއްގެ ވަށައިގެން އެނބުރުމެއް ނެތި ފިސާރި ގޮތެއްގައި ހިންގާން ބޭނުންވާ ޕާޓީއެއް ކަމާއި އެއް މެންބަރަކާ އަނެއް މެންބަރަކާ އޮންނާންވީ ގުޅުން ފިސާރިޔަކަށް ދައްކުވައިދޭ ޕާޓީއެއްކަން ހާމަކޮށްދީފިއެވެ. ފުރާފުރިހަމަވެ މިޤައުމުގެ ކުރިމަގަށްޓަކައި އެންމެ އެކަށޭނަ ޕާޓީއަކީ މިއީކަން މުޅިގައުމަށް މިޕާޓީގެ މެންބަރުން ހާމަކޮށްދީފިއެވެ. މިވިންދާއި އިހްސާސްތައް ބައެއްގެ ކިބައިގައި ހަރުލައްވައި ދިނުމުގައި މިންނެތް މަސައްކަތްތަކެއް އިސްނަންގަވައިގެން ކުރެއްވީ ކޮންބަޔެއްކަން އެމްޑީޕީގެ ކޮންމެ މެންބަރަކަށްވެސް ޔަޤީނުންވެސް އެނގޭނެއެވެ. އެހެންކަމުން އެމްޑިޕީގެ އިސްސަފުގައި އެތިއްބެވި އެއްވެސް މެންބަރަކާމެދު ކުޑައިމީސް ބަހެއްގެ އަޑުއިވުމަށްވެސް މިޕާޓީގެ މެންބަރަކު ނޭދޭނެކަން އިދިކޮޅު ފަރާތްތަކާ އެފަރާތްތަކުގެ އަވާގައި ޖެހިފައިތިބި މީހުންނަށް ފިސާރި ރަނގަޅަށް މިކޮންގްރެސްއިން ބައިވެރީން ހާމަކޮށްދީފިއެވެ.
ކީރިތި ﷲ މިޕާޓީގެ އެންމެހާ މެންބަރުންނަށާ އަދި ދިވެހި އެންމެހާ އަޚުންނަށާއި އިޚުތުންނަށް އަދަށްވުރެ ފަހި މާދަމާއެއް މިންވަރު ކުރަށްވާށިއެވެ. ހެޔޮވިސްނުމުގައި މިމިސްރާބުން ދީލައިނުލައި ކުރިޔަށް ދިއުމުގެ ހެޔޮތައުފީޤު އަޅުގަނޑުމެންގެ ވެރީންނަށް ދެއްވާށިއެވެ. އެވެރީންގެ ގޮވާލުންތަކަށް ފިސާރި އިޚްލާސްތެރި ކަމާ ވިސްނުންތެރި ކަމާއެކު ހެޔޮހިތުން އަމަލު ކުރާ ބައެއްކަމުގައި އަޅުގަނޑުމެން ލައްވާށިއެވެ. އާމީން.