އިޚްލާސްތެރިކަމާއެކީގައި ރައްޔިތުންނަށް ޚިދުމަތްކުރުން ނޫން ގޮތަކަށް މިސަރުކާރަކު ޖާގައެއް ނޯންނާނެ – ރައީސް ނަޝީދު

18 ފެބްރުއަރީ 2010

a-tifisal-17-02-10-30

މިސަރުކާރުގައި ތިބެ ނާޖާއިޒް ފައިދާނަގައި، ނޭދެވޭ އެއްވެސް އަމަލެއް ހިންގައިފިނަމަ އެބަޔަކަށް ހައްގު އަދަބުދެއްވާނޭ ކަމަށާއި، އިޚްލާސްތެރިކަމާއެކީ ރައްޔިތުންނަށް ޚިދުމަތްކުރުން ނޫންގޮތަކަށް މިސަރުކާރުގައި ޖާގައެއް ނޯންނާނޭ ކަމުގައި ރާއްޖޭގެ އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ބޯކޮށް ވެހެމުންދިޔަ ވާރޭގައި އެމްޑީޕީން ބުދަ ދުވަހުގެރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައި ވާރެޔާތެމިވަޑައިގެން ހުންނަވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ” އަޅުގަނޑުމެން ރާއްޖޭގެ ރައްޔިތުންނަށް ޔަގީންކޮށް އަރުވަން ބޭނުންވަނީ އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ މިރާއްޖޭގެ ޚަޒާނާގެ ލޯލާރިއެއްގައިވެސް ނުޖެހޭނަމޭ. މިސަރުކާރުން ނާޖާއިޒް ފައިދާއެއް، ނޭދެވޭ އެއްވެސް އަމަލެއް ހިންގައިފިނަމަ އެކަމެއް ހިންގި ބަޔަކަށް ވަގުތުން ހައްގު އަދަބުދެވޭނެޔޭ. ”
ރައީސް އިތުރަށް ވިދާޅުވީ ސަރުކާރުން ހެޔޮވެރިކަމެއްކޮށް ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދަވައިދެއްވާނޭ ކަމުގައެވެ. އަދި ސަރުކާރުގެ މައިގަނޑު 5 ވައުދު މިހާތަނަށް ފުއްދިފައިވާ މިންވަރުގެ މައްޗަށް ވެސް ރައީސްގެ ވާހަކަފުޅުގައި ބައްލަވާލެއްވިއެވެ. އެގޮތުން މަސްތުވާތަކެއްޗަށް ހުޅުވު ދޮރުތައް ބަންދުވަމުންދާ ކަމަށާއި، ބޭސް ސިޓީއަށް ސަލާންޖެހުން ކުޑަވަމުން ދިއުމުގެ އިތުރުން ރާއްޖޭގެ ރަށްތައް ދަތުރުފަތުރުން ގުޅާލުމުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިފައިވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ވެސް ބޯހިޔާވަހިކަމާއި، ދިރިއުޅުމުގެ އަގުތައް ތިރިކުރުމުގެ ވައުދުވެސް ފުއްދަވައިދެއްވާނޭ ކަމުގައި ރައީސް ވިދާޅުވިއެވެ.
” އަޅުގަނޑު ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރަށް ވެސް އަދި ޕާޓީގެ ޗެއާޕާސަނަށް ވެސް ޔަގީންކޮށް އަރުވަން ބޭނުންވަނީ އަޅުގަނޑުމެންނެއް އިރާދަކުރެއްވިއްޔާ ރައްޔިތުންގެ ހައްގުތަކަށް އަރައިނުގަންނާނަމޭ. އަޅުގަނދުމެން ހެޔޮގޮތުގައި ވެރިކަންކޮށްދީ، ވެފައިވާ ވައުދުތައް ފުއްދައިދޭނަމޭ.” ރައީސް ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ފޭދު ދާއިރާގެ މެންބަރު އަލްހާން ފަހުމީ އާއި، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޢަބްދުލް ޣަފޫރު މޫސާއާއި ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކުރެއްވި އިއްޒަތްތެރިއެއްގެ މަގާމުގައި މިހާރު ހުންނެވި އަހުމަދު ޢަބްދުﷲގެ އިތުރުން އެމްޑީޕީގެ އިސް ސަފުގައި ކުރިން ހަރަކާތްތެރިވި ބޭފުޅެއް ކަމުގައިވާ މިހާރުގެ މިނިސްޓަރ އޮފް ސްޓޭޓް ފޯ ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހަސަން ވެސް އެމްޑީޕީއާ ގުޅިވަޑައިގަތެވެ. އަދި މީގެ އިތުރުން ގިނައަދަދެއްގެ ޢާންމު މެންބަރުންވެސް ރޭގެ ޖަލްސާގައި އެމްޑީޕީއަށް ފޯމުފުރާފައިވެއެވެ.