16 ފެބްރުއަރީ 2010
މީޑިއާ އާއި އަދުލު އިންސާފު ގާއިމް ކުރުމުގެ ދާއިރާ ފަދަ މިނިވަން މުސްތަޤިއްލު މުޥައްޞަސާތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފުން ވަގުތުން ހުއްޓާލުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ގޮވާލައްވައިފިއެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު މިކަމަށް ގޮވާލެއްވީ އެޕާޓީގެ ހަރުގޭގައި ހޯމަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ދިވެހި ދައުލަތުގެ އެހެން އެއްވެސް ބާރަކަށް އެބާރުގެ މައްޗަށް ގަދަނުވެވޭގޮތަށް، ދިވެހިރާއްޖޭގައި އަދުލު އިންސާފު ގާއިމްކުރުމުގެ ބާރު ލިބިގެންވާ ފަރާތަކީ ރާއްޖޭގެ ޖުޑިޝިއަރީ ކަމަށް ކަނޑައަޅާފައިވަނީ އެމްޑީޕީގެ މެންބަރުންގެ ބުރަ މަސައްކަތުންކަމުގައި މޫސަ ވިދާޅުވިއެވެ. ކަންމިހެން ހުރި ނަމަވެސް އެބާރުގެ ބޭނުން ނަހަމަ ގޮތުގައި ބައެއް ފަނޑިޔާރުން ހިފަމުންދާކަމަށާއި، އެބޭފުޅުންގެ ޒިންމާ ފުރިހަމަ ގޮތުގައި އަދާނުކުރެއްވެނީ ކޮޓަރިކޮޅު ކުޑަވެގެން ކަމުގައި ވިދާޅުވުމަކީ ގަބޫލުކުރެވޭނޭ ކަމެއް ނޫން ކަމުގައި މޫސަ ވިދާޅުވިއެވެ. އަދި މިނިވަން މުޥައްޞަސާތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފަމުން ދިޔުން މިހާރުން މިހާރަށް ހުއްޓާލުމަށް އެ މުޥައްޞަސާތަކަށް މޫސަ ގޮވާލެއްވިއެވެ.
މީގެ އިތުރުން ދިވެހިރާއްޖޭގައި ކުރިން ވެރިކަންކުރެއްވި ފަރާތްތަކުން ވެރިކަން ހިންގި ދުވަސްވަރު، ދިވެހިރާއްޖޭގައި މިނިވަންކަން ނެތުނީ ދިވެހި ގައުމިއްޔަތާއި، ރައްޔިތުން އެދޭ ގޮތް ފާޅުގައި ހާމަކުރުމުގެ މިނިވަންކަން ނެތުމުގެ ސަބަބުން ކަމުގައި މޫސަ ވިދާޅުވިއެވެ. ޤާނޫނު އަސާސީ އިން ލިބިދީފައިވާ މިނިވަންކަން ނިގުޅައިގަނެ، ބައެއް މީޑިޔާތަކުން މީޑިއާގެ މިނިވަންކަމުގެ ބޭނުން ނަހަމަ ގޮތުގައި ހިފަމުންދާ ކަމަށާއި، މިނިވަން މުޥައްޞަސާތަކުން އެމުޥައްޞަސާތަކުގެ އިމުން ބޭރުގައި މަސައްކަތް ކުރަމުންދާ މައްސަލައިގައި އެފަރާތްތްކާމެދު ޤާނޫނީ ފިޔަވަޅުއެޅެން ޖެހޭނޭ ކަމުގައި މޫސަ ވިދާޅުވިއެވެ.
އެމްޑީޕީ ހަރުގޭގައި ކޮންމެ ހޯމަ ދުވަހެއްގެރޭ ބާއްވަމުން އަންނަ ސިލްސިލާ ޖަލްސާތަކުގެ ތެރެއިން ރޭގެ ޖަލްސާ ޚާއްޞަކޮށްފައިވަނީ ގައުމީ ދުވަސް ފާހަގަކުރުމަށެވެ. މި ޖަލްސާގައި ވާހަކަ ދެއްކެވި ހުރިހާ ބޭފުޅުންވެސް ވަނީ ގައުމީ ދުވަހުގެ ޒިކުރާ އާކުރުމުގެ ގޮތުން ވާހަކަ ދައްކަވާފައެވެ.