އެމްޑީޕީން އަބަދުވެސް އަގުބޮޑެތި އެއްޗެތި އޭގެ ހަމަ އަގުގައި ބަލައިގަންނާނޭ ކަމުގައި އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ވިދާޅުވެއްޖެ

9 ފެބްރުއަރީ 2010

haruge-600-x-378

އެމްޑީޕީ ހަރުގޭގައި ހޯމަދުވަހުގެރޭ ބޭއްވި އެޕާޓީގެ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން އެމްޑީޕީން އަބަދުވެސް އަގުބޮޑެތި އެއްޗެތި އޭގެ އަގުގައި ބަލައިގަންނާނޭ ކަމުގައި އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ ވަރަށް އަވަހަށް އެމްޑީޕީއާ ގުޅިވަޑައިގަންނަވާނޭ ކަމަށް މީޑިޔާއަށް ހާމަކުރެއްވުމާ ގުޅިގެން އެކަމަށް އިޝާރާތްކުރައްވައި ދެއްކެވި ވާހަކައިގައި މޫސަވަނީ އަލްހާން އެމްޑީޕީއާ ގުޅިވަޑައިގަންނަވާކަން ހާމަކުރެއްވުމާ ގުޅިގެން އެކަމަށްޓަކައި އެމްޑީޕީގެ ނަމުގައި އަލްހާނަށް މަރުހަބާ ދަންނަވާފައެވެ.
” ދާދި އަވަހަށް އަޅުގަނޑުމެންނަށް މިޕާޓީން އަލްހާން ފަހުމީ ފެންނާނޭ ކަމަށް އެބޭފުޅާ ވިދާޅުވެފައިވާތީ އެމްޑީޕީގެ ހުރިހާ މެންބަރުންގެ ނަމުގައި އެބޭފުޅާއަށް ތަހުނިޔާ ދަންނަވަން. އަޅުގަނޑު ވަރަށް ފާޅުގައި މިދަންނަވަނީ އަލްހާން ފަހުމީ އަކީ، އަޅުގަނޑުމެންނަށް ވަރަށް ބޭނުންތެރި ބޭފުޅެއް. ” ގިނަ އަދަދެއްގެ އެމްޑީޕީ މެންބަރުންނާ މުޚާޠަބުކުރައްވައި މޫސަ ވިދާޅުވިއެވެ. ” (އަލްހާން އަކީ) ވަރަށް ޒުވާން، ވަރަށް ވިސްނޭ، ވަރަށް ކަންކަން ކުރެވޭނެ، ވަރަށް ޤާބިލް ބޭފުޅެއްކަމަށް އަޅުގަނޑު ގަބޫލުކުރަން. އަޅުގަނޑުމެން އަލްހާން ފަހުމީ އާ މެދު ކަންތައްކުރާނީ ޑިމޮކްރަސީގެ ހަމަތަކާ އުޞޫލުތަކުގެ މަތިން.”
މޫސަގެ ވާހަކައިގައި އިތުރަށް ވިދާޅުވީ އެމްޑީޕީ އަކީ މިހާރު ރައްޔިތުންގެ މަޖިލީހުގައި އެންމެ މެންބަރުން ގިނަ ޕާޓީކަމަށާއި، ސައްޙަ މެންބަރުންގެ ގޮތުގައި މިހާރު 28 މެންބަރުން އެމްޑީޕީގައި ތިއްބެވިއިރު، ނުސީދާ އަދަދު 32 ކަމަށް ވިދާޅުވެ، ކައިރި މުސްތަޤްބަލެއްގައި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، މައިނޯރިޓީ ލީޑަރުކަމުން މެޖޯރިޓީ ލީޑަރުކަމަށް ބަދަލުވާނޭ ކަމަށް މޫސަ ވިދާޅުވިއެވެ. އަދި އޭގެތެރެއިން މިވަގުތު ޕާޓީއާ ރަސްމީކޮށް ގުޅިވަޑައިގެންފައި ނުވާ ބޭފުޅުން ޕާޓީއާ ރަސްމީކޮށް ގުޅިވަޑައިގެންފައި ނުވަނީ މިވަގުތަށް ހާމަކުރެވެން ނެތް ސިއްރުތަކެއްގެ ސަބަބުން ކަމުގައި ވެސް މޫސަ ވިދާޅުވިއެވެ.
މީގެ އިތުރުން ޚާރިޖީ ވަޒީރުގެ އިތުބާރުނެތްކަމުގެ މައްސަލައިގައި ބައިނަލްއަޤްވާމީ މުޖުތަމަޢަށް އެމްޑީޕީ ސަރުކާރާމެދު ރައްޔިތުންގެ އިތުބާރު އޮތްކަން ހާމަކުރުމުގައި، އެމްޑީޕީން ދެއްކި އެއްބާރުލުމާ، ސިވިލްސާވިސް މުޥައްޒަފުންގެ މުސާރައިގެ މައްސަލައިގެ އިތުރުން ދިޓީވީއާއި ދިއެފްއެމް އިން ޑީއާރުޕީގެ މުޒާހަރާގައި ކުޅުނު ރޯލާއި ބެހޭގޮތުން ވެސް މޫސަ ވާހަކަ ދެއްކެވިއެވެ.
މިޖަލްސާގައި ވާހަކަ ދެއްކެވި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންވަނީ ބައެއް މުޥައްސަސާތަކުން އެ މުވައްސަސާތަކުގައި މަސައްކަތްކުރައްވާ އެމްޑީޕީގެ މެންބަރުންނަށް ޖެއްސުންކޮށް އެކިގޮތްގޮތުން ފިއްތުންތައް ކުރިމަތިކުރުވަމުންދާތީ، އެކަން ވަގުތުން ހުއްޓާލުމަށް އިލްތިމާސްކުރމުގެ އިތުރުން މާލެ އެކޭ އެއްފަދައިން އަތޮޅުތަކުގެ ރައްޔިތުންނަށްވެސް ސަބްސިޑީ ލިބޭނޭ މަގުފަހިކޮށްދިނުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.
މި ޖަލްސާގައި ޚާރިޖީ ވަޒީރު ޑރ. އަހުމަދު ޝަހީދުވެސް ވާހަކަފުޅު ދެއްކެވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި އެމްޑީޕީގެ އެތެރޭގެ ޑިމޮކްރަސީގެ ހަރުދަނާކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް އެމްޑީޕީންކުރި މަސައްކަތަށާއި، ރާއްޖޭގައި ގާއިމްކުރެވިފައިވާ ޑިމޮކްރަސީ ފައްކާކުރުމަށް އެޕާޓީން ކުރަމުންދާ މަސައްކަތުގެ މައްޗަށްވެސް ޑރ. ޝަހީދު ބައްލަވާލެއްވިއެވެ.
އެމްޑީޕީން އެޕާޓީގެ ހަރުގޭގައި ކޮންމެ ހޯމަ ދުވަހެއްގެރޭ ބާއްވަމުން އަންނަ ސިލްސިލާ ޖަލްސާތަކަށް އާންމު މެންބަރުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާކަން ފާހަގަކުރެވެއެވެ.