ޚާދިމަކަށް ވާން ނުދަންނަ މީހަކަށް ގާއިދަކަށް ނުވެވޭނެ – ރައީސް

މާލެއާއި ހުޅުމާލޭގައި އަޅާ ފްލެޓްތަކުގެ ބިންގާ މި ނޮވެމްބަރު މަހު އަޅުއްވާނެ ކަމަށް ރައީސް ވިދާޅުވި

31 އޮކްޓޯބަރ 2010

ރާމިޒް

އެމްޑީޕީގެ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅު ދައްކަވަނީ ... 
ރައީސް މިރޭ ދެއްވި ސްޕީޗަކީ ލޭކައްކުވާލި ސްޕީޗެއް / ފޮޓޯ މައުރޫފް ޚަލީލް
އެމްޑީޕީގެ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅު ދައްކަވަނީ ...
ރައީސް މިރޭ ދެއްވި ސްޕީޗަކީ ލޭކައްކުވާލި ސްޕީޗެއް / ފޮޓޯ މައުރޫފް ޚަލީލް

މުޅި ރާއްޖޭގެ ތަރައްޤީއާއި ރައްޔިތުންގެ ހުރިހާ އުންމީދެއް ގުޅިފައިވާ ޕާޓީއަކީ އެމްޑީޕީ ކަމަށާއި، އެކަންތައް މަތިން އަބަދުވެސް ހަނދާންކޮށް ރައްޔިތުންނަށް ޚިދުމަތްކުރުން މަތީ ދެމިތިބެން ޖެހޭނޭ ކަމަށާއި އެހެންކަމުން ޚާދިމަކަށްނުވެ ގާއިދަކަށް ނުވެވޭނޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ 2 ވަނަ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތުގައި ރޭ ދަރުބާރުގޭގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ތިމާގެ މަޤާމުގެ ހައިބަތުގެ ސަބަބުން ރައްޔިތުންނަށްޓަކައި ކޮށްދޭންޖެހޭ ޚިދުމަތްތަކުގެ މަތިން ހަނދާން ނުވާ މީހާ އަކީ އެމްޑީޕީގެ ވެސް އަދި މިސަރުކާރުގެވެސް މީހެއް ނޫން ކަމަށެވެ. އަދި ކުރީގެ ސަރުކާރުން ދިގު އެތައް އަހަރެއްގެ އަޖަލުގައި ޖެހި ނުސިޔާނު ސިޔާސަތެއް ގެންގުޅުމުގެ ސަބަބުން ގައުމު ވަރަށް ފުން އަނދަވަޅަކަށް ވެއްޓިފައިވާ ކަމަށާއި، ރެއާ ދުވާލު އެމަނިކުފާނު މަސައްކަތްކުރައްވަމުން ގެންދަވަނީ އެކަމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ހުރަސްކޮށް، ގައުމާއިގެން އަމާން ބަނދަރަކަށް ދިއުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.
” ދިގު އެތައް އަހަރެއްގެ އަޖަލުގައި ޖެހި، އެނގިގެންނާއި ނޭނގި ހިނގާދިޔަ ނުސިޔާނު ސިޔާސަތުތަކެއްގެ ސަބަބުން ވެއްޓެމުން ވެއްޓެމުން ގޮސް، ދިވެހިރާއްޖެ ވެއްޓިފައި އޮތް ވަޅުގަނޑު ކިތަންމެހާވެސް ފުން. އެހެން ކަމުން އަޅުގަނޑުމެންގެ ކުރިމަތީގައި ހުރި ގޮންޖެހުންތައްވެސް އެހާމެ ގިނަ. މިކަންކަމުން މިރާއްޖެ މިންޖުކޮށް، ޤައުމާއިގެން އަމާން ބަނދަރަކަށް ދިއުން ނޫން އެހެން ގޮތެއް އަޅުގަނޑުމެންނަކަށް ނެތް. މިގޮތުން ރާއްޖެ ނަގާ ކޮޅަށްޖެހޭނޭ ކަމުގެ ފުރިހަމަ ޔަޤީންކަން އޭރުވެސް އަދި މިހާރުވެސް އަޅުގަނޑުމެންނަށް އޮވޭ. ރެއާ ދުވާލު ކެނޑިނޭޅި އަޅުގަނޑުމެން ކުރަމުން މިދަނީ އެމަސައްކަތް. ” ރައީސް ވިދާޅުވިއެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ “ނުވެހުރި އެތައް ކަމަކާއި، ހަޤީޤަތަކަށް ވުމަށް ރައްޔިތުން އެދިތިބި އުއްމީދުތައް އެންމެ ގާތުން ނަކަލު ކުރެވޭނެ ނިޒާމެއް އޮތީ އެމްޑީޕީގައި” ކަމަށާއި ދަތިތަކާއި އުނދަގުލާއި ހުރަސްތަކާއި އެކުވެސް ރައްޔިތުންގެ ބޭނުންތަކަށް އިޖާބަ ދިނުމަށް އެންމެ މުހިއްމު ކަމަކީ އެމްޑީޕީ ހިނގަމުންދާ ހަރުދަނާ ރިވެތި ޑިމޮކްރެޓިކް އުސޫލުން ހިނގަމުން ދިއުން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި މިސަރުކާރަށް މިވީ 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ހޯދުނު ކާމިޔާބީތައް ކުރީގެ ސަރުކާރުގެ 30 އަހަރާ ނުބައްދަލުކަމަށް ވިދާޅުވިއެވެ. އެގޮތުން މިވީ 2 އަހަރު ދުވަހުގެ ތެރޭގައި 27 ރަށުގެ ބަނދަރު ހަދާ ނިމިފައިވާ ކަމަށާއި، އިތުރު 11 ރަށެއްގެ ބަނދަރު ހެދުމުގެ މަސައްކަތް މިހާރުވެސް ހިނގަމުންދާ އިރު 3 ރަށެއްގެ ބަނދަރު މި ނޮވެމްބަރު މަހުގެ ތެރޭގައި ފެށޭނޭ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ވޭތުވެދިޔަ ދިގު 30 އަހަރުގެ ވެރިކަމުގައި ރާއްޖޭގައި ޤާއިމްކުރެވިފައިވަނީ ޖުމްލަ 8 ރަށުގެ ނަރުދަމާ ނަމަވެސް މިވީ 2 އަހަރު ދުވަހުގެ ތެރޭގައި 12 ރަށެއްގެ ނަރުދަމާ ނިޒާމް ޤާއިމްކޮށް ނިންމާ، އިތުރު 5 ރަށެއްގެ މަސައްކަތް މިހާރު ހިނގަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
އެމްޑީޕީ ސަރުކާރު ވެރިކަމަށް އައިއިރު އެ ސަރުކާރާ ހަވާލުވީ މާލޭ ބައިނަލް އަޤްވާމީ “ބާލިދީ” ބަނދަރު ކަމަށާއި، ވިއްސާރަ ދުވަސްވަރެއްނަމަ މުޅި އެއަރޕޯޓުގައި އޮންނަނީ ބާލިދީ އަތުރާފައި ކަމަށް ވިދާޅުވެ، މިފެށޭ ނޮވެމްބަރު މަހު ޙަޤީޤީ ސިފައިގައި ދުނިޔޭގެ ފެންވަރުގައި އެއަރޕޯޓް، ބައިނަލްއަޤްވާމީ ކުރުމުގެ މަރުހަލާ ފެށޭނޭ ކަމަށާއި، މީގެ އިތުރުން މާލޭގައި އަޅާ ފްލެޓްތަކުގެ ބިންގާ ނޮވެމްބަރު 10 ވަނަ ދުވަހު އަދި ހުޅުމާލޭގައި އަޅާ ފްލެޓްތަކުގެ ބިންގާ ނޮވެމްބަރު 11 ވަނަ ދުވަހު އަޅުއްވާނޭ ކަމަށް ރައީސް ވިދާޅުވިއެވެ.
ރޭގެ ރަސްމިއްޔާތުގައި އެމްޑީޕީގެ ވަގުތީ ރައީސް އިބްރާހީމް ޙުސައިން ޒަކީ ވެސް ވާހަކަފުޅު ދެއްކެވިއެވެ. އަދި މި ރަސްމިއްޔާތަށްފަހު އުސްފަސްގަނޑުގައި ރައީސް ވަނީ އެމްޑީޕީގެ ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ރަސްމީކޮށް އިފްތިތާޙްކޮށްދެއްވާފައެވެ. މިކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އެދިވަޑައިގެންނެވި އެމްޑީޕީގެ ކެމްޕެއިން ޑިރެކްޓަރ ޢަބްދުﷲ މާޖިދު އެވެ.