ވިލު ރީފް ރިޒޯޓްގައި ރަމްޒީ ކައިވެނިކުރި ދެ މީހުންގެ ކިބައިން ރައީސް، މަޢާފަށް އެދިވަޑައިގެންފި

30 އޮކްޓޯބަރ 2010

1-hep

ވިލު ރީފް ރިޒޯޓްގައި ކުރި ރަމްޒީ ކައިވެންޏެއްގައި، ވަރަށް ދެރަކޮށް ކަންތައް ހިނގާފައިވާތީ، މިކައިވެނި ކުރި ދެމީހުންނަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ފޯނުން ގުޅުއްވައި، މަޢާފަށް އެދިވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާ، މިއަދު މެންދުރުފަހު އެ ދެމަފިރިންނާ ފޯނުން ގުޅުއްވައި، މި ޢަމަލުގެ ސަބަބުން އެކަމުގެ ހިތާމަ މުޅި ރާއްޖެއަށް ލިބިފައިވާ ކަމަށާއި، ރާއްޖޭގެ އެންމެން، މިކަމަށްޓަކައި އެދެކަނބަލުންގެ އަރިހުން މަޢާފަށް އެދޭ ކަމުގައި ވިދާޅުވިއެވެ. އަދި މި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަޙްޤީޤް ކުރައްވަމުން ގެންދަވާ ކަމަށާއި، މި ކަމުގައި ބައިވެރިވާ ކަމަށް ތުހުމަތު ކުރެވޭ ދެމީހުން މިހާރު ތިބީ ކޯޓް އަމުރެއްގެ ދަށުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ތަޙްޤީޤަށް ހައްޔަރުކުރައްވާފައި ކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ބިދޭސީން ރާއްޖޭގައި ކުރާ މިފަދަ ރަމްޒީ ކައިވެންޏާއި، ބިދޭސީ ކައިވެންޏާ ބެހޭ ހަރުދަނާ ގަވާއިދުތަކެއް އެކުލަވާލެއްވުމުގެ މަސައްކަތް ސީދާ އެމަނިކުފާނު ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން އެ ދެކަނބަލުންނަށް ދެއްވިއެވެ. އަދި ކުރިއަށް އޮތް ހަފްތާ ތެރޭގައި މިފަދަ ހަރުދަނާ ގަވާއިދެއް އެކުލަވާލައްވައި ސަރުކާރުން ޢާންމު ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެމަނިކުފާނުގެ ޚާއްޞަ މެހްމާނުންގެ ގޮތުގައި، އެ ދެމީހުންނަށް ފަސޭހަ ވަގުތެއްގައި، އަލުން ރާއްޖެއަށް ޒިޔާރަތް ކުރެއްވުމަށް އެ ދެކަނބަލުންނަށް ދަޢުވަތު ދެއްވިއެވެ.
އެ ދެމީހުން ދެއްކި ވާހަކައިގައި މި މައްސަލަ ފުރިހަމައަށް ތަޙްޤީޤު ކުރައްވައި، މިކަމާބެހޭ ގަވާއިދުތައް ހަރުދަނާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިސްކަން ފާހަގަކުރައްވައި، އެމަނިކުފާނަށް ޝުކުރު އަދާކުރެއްވިއެވެ. އަދި، މީޑިއާގެ އެކިފަރާތްތަކުން، މި މައްސަލައާ ގުޅިގެން، އެ ކައިވެނީގެ ފޮޓޯތަކާއި ވީޑިއޯ، އެ މީހުންގެ ހުއްދަނެތި އެކިގޮތްގޮތަށް ޢާންމު ކުރަމުންގެންދާތީ، އެކަމުގެ ސަބަބުން އިތުރު ނުތަނަވަސްކަމާއި ލަދުވެތިކަން ކުރިމަތިވަމުންދާތީ، އެކަން ހުއްޓަވައިދެއްވުމަށް ބާރުއަޅުއްވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އެދިފައިވެއެވެ.

މިކަމާ ގުޅިގެން، އެ ދެ މީހުންގެ ޒާތީކަންކަމަށާއި، އެއީ ކޮން ބައެއްކަން ޢާންމު ނުކުރެއްވުމަށް އެދިވަޑައިގަންނަވާ އެދިވަޑައިގެންނެވުމަށް އިޙްތިރާމް ކުރެއްވުމަށް ޚަބަރު ފަތުރާ ވަސީލަތްތަކުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އެދިވަޑައިގެންފިއެވެ. އަދި މިކަމާ ގުޅޭ ފޮޓޯއާއި ވީޑިއޯ، އެ ދެކަނބަލުންގެ ހުއްދަނެތި ޢާންމު ނުކުރެއްވުމަށާއި، މިކަމާބެހޭ ޚަބަރު ގެނެސްދިނުމުގައި އެ ދެކަނބަލުންނަށް އިޙްތިރާމް ކުރެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ފޯނު ކޯލް ނިންމަވާލެއްވީ، މި މައްސަލައިގެ ތަޙްޤީޤު ކުރިއަށްދާގޮތުގެ މަޢުލޫމާތު އެމަނިކުފާނުގެ އޮފީހުން، އެ ދެމަފިރިންނަށް ދެއްވަމުން ގެންދަވާނެ ކަމަށް ވިދާޅުވަމުންނެވެ.

ޖެނީވާގައި ހުންނަ އ.ދ.ގެ އޮފީސްތަކަށާއި، ސްވިޓްޒަރލެންޑަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު އިރުތިޝާމް އާދަމްވެސް، އެ ދެ ޓޫރިސްޓުންނަށް އިއްޔެ ފޯނުން ގުޅުއްވާ ދިވެހި ސަރުކާރުގެ ފަރާތްޕުޅުންވަނީ މަޢާފަށް އެދިވަޑައިގެންފައެވެ.