ބައެއް މީޑިޔާތަކުން އެމްޑީޕީ ބަދުނާމްކޮށް ވާހަކަދައްކަމުންދާތީ އެކަން ކުށްވެރިކުރުން

7 ފެބްރުއަރީ 2010
“ސަރުކާރު ހިންގާ އެމްޑީޕީގެ އެކްޓިވިސްޓުންތަކެއް” މިދިޔަ ހޯމަދުވަހު ސިވިލްސާވިސް ކޮމިޝަންގެ އޮފީހަށްވަދެ އަޑުގަދަކުރިކަމަށް ބުނެ ފަރުދީ ގޮތުން ބަޔަކު ހިންގާފައިވާ އަމަލެއް ޕާޓީގެ ބޮލުގައި އަޅުވައި މިޕާޓީ ބަދުނާމްވާ ގޮތަށް ބައެއް މީޑިޔާތަކުން ޚަބަރުފަތުރާފައިވާތީ އެކަމާ ހިތާމަކޮށް، މީޑިޔާގެ މި އަމަލު އެމްޑީޕީން ކުށްވެރި ކުރަމެވެ.
ކުރީގެ ސަރުކާރުގެ ދޯހަޅި ސިޔާސަތުގެ ސަބަބުން އިޤްތިޞާދީ ގޮތުން ގައުމު ވެއްޓިފައިމިވާ ފުންއަނދަވަޅުން އަރައިނުގަނެވެނީސް ސިވިލްސާވިސް މުވައްޒަފުންގެ ކުރީގެ މުސާރައިޔާދަކުރުމަށް އެކޮމިޝަނުން ކުރާ މަސައްކަތާ ދެކޮޅު ހެދުމުގެ ގޮތުން ބަޔަކު ސިވިލްސާވިސް ކޮމިޝަނުގެ އޮފީހަށް ވަދެ އަޑުގަދަ ކުރުމަކީ އެއްވެސް ހާލެއްގައި އެމްޑީޕީ އެކަމުގެ ޒިންމާ ނަގަންޖެހޭ ކަމެއް ކަމުގައި މިޕާޓީން ނުދެކެމެވެ. އަދި އެފަރާތްތަކާ މުޚާޠަބުކުރުމުގައި އެމްޑީޕީގެ އެކްޓިވިސްޓުންގެ ނަން ބޭނުންކޮށް ޕާޓީ ބަދުނާމްވާގޮތަށް ވާހަކަދެއްކުމަކީ މިޕާޓީން ވަރަށް ކަންބޮޑުވާ ކަމެކެވެ.
މިޕާޓީން އެއްވެސް ހާލެއްގައި ސަރުކާރުގެ ވެސް އަދި މިނިވަން މުޥައްސަސާއެއްގެ ވެސް ހުރުމަތް ކަނޑާލުމަށް އެއްވެސް ފަރާތަކަށް ހިތްވަރުދީފައެއް ނޯންނާނެއެވެ. އަދި މިފަދަ އަމަލެއް ބަޔަކު ކޮށްފައިވާނަމަ އެކަން ހިނގަން މެދުވެރި ސަބަބަކާއި، އެއަމަލު ހިންގިގޮތް ތަޙްޤީޤްކޮށް ޤާނޫނީ ގޮތުން ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލަމެވެ.