އެމްޑީޕީގެ ހުރިހާ މެންބަރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅެއް ފޮނުވަން ފަށައިފި

2 ފެބްރުއަރީ 2010

letter

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ދިވެހިރައްޔިތުންގެ ތަނަވަސް އަޣްލަބިއްޔަތަކުން ހޮވިވަޑައިގެންފައިވާ ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ ޚާއްސަ ސިޓީފުޅެއް އެޕާޓީގެ ހުރިހާ މެންބަރުންނަށް ފޮނުވަން ފަށައިފިއެވެ.
އެމްޑީޕީގެ ސަރުކާރަށް އެއް އަހަރުފުރުމާ ގުޅިގެން ފޮނުއްވަވާ މި ސިޓީފުޅުގައި އެމްޑީޕީގެ މެންބަރުން ޕާޓީއަށްއ ދެއްވަމުން ގެންދަވާ ތާއީދާއި އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައިވެއެވެ. އަދި މިވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި އޯގާތެރި ދިވެހިރާއްޖެ އެއް ބިނާކުރުމަށްޓަކައި ސަރުކާރުންކޮށްފައިވާ ބައެއް މަސައްކަތްތުގެ މައްޗަށާއި، މިހިނގާ 2010 ވަނަ އަހަރު އެންމެ އިސްކަމެއްދެއްވައިގެން ކުރައްވާނޭ މައިގަނޑު 5 ކަމެއްގެ މައްޗަށްވެސް ބައްލަވާލައްވާފައިވެއެވެ.
” ފެންނަން އޮތް ޙަޤީގަތަކީ، ދިވެހިރާއްޖޭގެ ވެރިކަމަކީ 2008 ވަނަ އަހަރުގެ ނޮވެމްބަރު 11 ވަނަ ދުވަހާ ހަމަޔަށް ޚުދުމުޚްތާރުވެރިކަމެއް ކަމެވެ. މިޚުދުމުޚްތާރުވެރިކަން ޑިމޮކްރެޓިކް ވެރިކަމަކަށް ބަދަލުވެގެން ދިޔައީ އަޅުގަނޑުމެން އެންމެންގެ ބުރަ މަސައްކަތުންނެވެ.” ރައީސްގެ ޚާއްސަ ސިޓީފުޅުގައި ވެއެވެ. ” މިވެރިކަން ރައްޔިތުންގެ އަތްމައްޗަށް ރަގަޅަށް މަހާލުމަށްޓަކައި ފާއިތުވި އަހަރު އަޅުގަނޑުމެންގެ ސަރުކާރުން މިވަނީ ޑިމޮކްރަސީއާއި އިންސާނީ ހައްޤުތައް ފުޅާކޮށް، ބިރުދެއްކުމާއި އުސޫލެއްނެތި ހައްޔަރުކުރުމުގެ ޖެއްސުންތަކުން އެއްކިބާވެތިބެ، ރައްޔިތުންނަށް ތާހިރު ދިރިއުޅުމެއް އުޅުމުގެ މަގު ފަހިކޮށްދީފައެވެ.”
އެމްޑީޕީގެ ޗެއާޕާސަންކަންވެސް ކުރައްވާފައިވާ މިހާރުގެ ރައީސް މުހައްމަދު ނަޝީދުގެ ސިޓީފުޅުގައި މަސްތުވާތަކެއްޗަށް ހުޅުވި ދޮރުތައް ބަންދުކުރުމުގެ ވައުދާ ގުޅިގެން ކުރެވުނު މަސައްކަތްތަކަށް ބައްލަވާލެއްވުމުގެ އިތުރުން މަދަނައިގެ ޚިދުމަތް ފުޅާވަމުންދާ ވަރަކަށް ބޭސްފަރުވާ އަށް ސަލާންޖެހުން ނައްތާލުމުގެ ވަޢުދު ފުރިހަމަވެގެންދާނޭކަން ޔަޤީންކުރައްވާ ކަމުގައި ބަޔާންކުރައްވާފައިވެއެވެ. އަދިހަމަ އެހެންމެ ރާއްޖޭގެ ރަށްތައް ދަތުރުފަތުރުން ގުޅުވުމުގެ ވައުދު ފުރިހަމަކުރެއްވުމަށް ކުރައްވަމުންގެންދަވާ މަސައްކަތުގެ މައްޗަށާއި، ތިމާވެއްޓާއި ހަކަތައިގެ ދާއިރާއިން ދިވެހި ސަރުކާރަށް އެތައް މިލިއަން ޑޮލަރުގެ ހިލޭ އެހީއާއި ލޯނު އެހީ ލިބޭނޭގޮތް ހަމަޖެހިފައިވާ ކަމަށްވެސް މިސިޓީފުޅުގައި ހާމަކުރައްވާފައިވެއެވެ.
” އަޅުގަނޑުމެން ގެންނަން މިފެށި މާސިންގާ ބަދަލުތަކުގެ ކޮޅުމަތި މިހާރުވެސް އަޅުގަނޑަށް މިރާއްޖޭގެ ހުރިހާ އަތޮޅުތަކަކުން ފެންނަންފަށައިފިއެވެ. ކަމެއްގެ ކޮޅުމައްޗަކީ ބޮޑުކަމެއް ފެށުމުގެ އަލާމާތަށްވާއިރު، މިފެށި ކަންތައް ފުރިހަމަކުރުމަށް އެތައްކަމެއް ކުރަންޖެހިފައިވެއެވެ.” ރައީސް ނަޝީދުގެ އަމިއްލަފުޅު ހައިސިއްޔަތުން އެމްޑީޕީގެ މެންބަރުންނަށް ފޮނުވާ ސިޓީގައި ވެއެވެ.
މިސިޓީފުޅާއެކު އެމްޑީޕީއަށް މެންބަރުން ލަފާދޭ ފޯމެއްވެސް ހިމަނުއްވާފައިވެއެވެ. މިފޯމަކީ އެމްޑީޕީއާއި އެޕާޓީގެ މެންބަރުންނާއި ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް އެމްޑީޕީގެ ސަރުކާރުގެ މަޤްބޫލުކަން ޕާޓީގެ މެންބަރުންގެ މެދުގައި އޮތް މިންވަރު ދިރާސާކުރެއްވުމަށް ހިމަނުއްވާފައިވާ ފޯމެކެވެ.
ރައިސުލްޖުމްހޫރިއްޔާގެ މިސިޓީފުޅު ދެކުނު ޕްރޮވިންސްގެ ރަށްތަކަށް ފޮނުވާފައިވާ އިރު އެހެން ޕްރޮވިންސްތަކަށް ސިޓީފޮނުވުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް އެމްޑީޕީ ސެކްރެޓޭރިއަޓްގައި ވަރަށް ހަލުވިކަމާއެކު ކުރިޔަށް އެބަދެއެވެ.