އޭޝިޔާ ޕެސިފިކް ޑިމޮކްރެޓިކް ޔޫނިއަންގެ މެންބަރަކަށް އެމްޑީޕީ ވެއްޖެ

1 ފެބްރުއަރީ 2010

new-image-600-x-450

އޭޝިޔާ ޕެސިފިކް ޑިމޮކްރެޓިކް ޔޫނިއަން (އޭޕީޑީޔޫ)ގެ މެންބަރަކަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ވެއްޖެ އެވެ. އެމްޑީޕީ، މިޖަމާޢަތުގެ މެންބަރަކަށްވީކަން ރަސްމީކޮށް އިއުލާންކުރީ މިއަދު ޓައިވާންގެ ވެރިރަށް ޓައިޕޭގެ ގްރޭންޑް ހަޔަޓް ހޮޓަލުގައި މިހާރު ކުރިޔަށްދާ އިންޓަނޭޝަނަލް ޑިމޮކްރެޓިކް ޔޫނިއަން (އައިޑީޔޫ)ގެ އެގްޒެކެޓިވް ބައްދަލުވުމުގައެވެ.
އައިޑީޔޫގެ ބައްދަލުވުމުގައި އެމްޑީޕީގެ ފަރާތުން ބައިވެރިވެ ވަޑައިގަންނަވަނީ ޕާޓީގެ ވަގުތީ ރައީސް އިބްރާހީމް ހުސައިން ޒަކީ އާއި، ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޝާހުގެ އިތުރުން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު އެވެ.
ޓައިވާންގެ ވެރިރަށް ޓައިޕޭގައި މިހާރު ކުރިޔަށްދާ އައިޑީޔޫގެ ބައްދަލުވުމުގައި، ގައުމުތަކުގެ ސިޔާސީ ހާލަތު ދެނެގަތުމާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޑިމޮކްރަސީ އަށަގެންނެވުމަށް ކުރަންޖެހިފައިވާ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރުމުގެ އިތުރުން އިންތިޚާބުތަކަށް ކެމްޕެއިންކުރުމުގައި ގެންގުޅޭނެ އުޞޫލުތަކާ ބެހޭގޮތުންވެސް ޕާޓީ ތަކުގެ އިސް ބޭފުޅުންގެ މެދުގައި މަޝްވަރާކުރެވޭނެއެވެ.
އޭޝިޔާ ޕެސިފިކް ޑިމޮކްރެޓިކް ޔޫނިއަންގެ މެންބަރަކަށްވުމަށް އެމްޑީޕީން ހުށަހަޅާފައިވަނީ ލަންޑަންގައި ބޭއްވުނު އިންޓަނޭޝަނަލް ޑިމޮކްރެޓިކް ޔޫނިއަންގެ އާންމު ބައްދަލުވުމުގައި 7 ޖުލައި 2009 ވަނަ ދުވަހު، އެމްޑީޕީގެ ޗެއާޕާސަން އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ އެވެ.