ޤާނޫނު އަސާސީގެ ބާރު ކަނޑުވާލުމަށް މަސައްކަތްކުރާ މީހުންނަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިންޒާރު ދެއްވައިފި

29 އޮކްޓޯބަރ 2010

ރާމިޒް/ޖުނައިދު

އެމްޑީޕީގެ 2 ވަނަ ކޮންގްރެސް ހުޅުވުމުގެ ރަސްމިއްޔާތުގައި މޫސަ ވާހަކަ ފުޅު ދައްކަވަނީ ..މޫސަގެ ވާހަކަފުޅަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނު
އެމްޑީޕީގެ 2 ވަނަ ކޮންގްރެސް ހުޅުވުމުގެ ރަސްމިއްޔާތުގައި މޫސަ ވާހަކަ ފުޅު ދައްކަވަނީ ..މޫސަގެ ވާހަކަފުޅަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނު / ފޮޓޯ މައުރޫފް ޚަލީލް

ދިވެހިރާއްޖޭގައި މިހާރު ޢަމަލުކުރަމުންމިދާ ޤާނޫނު އަސާސީގެ ބާރު ކަނޑުވާލުމަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށާ، އެގޮތަށް މަސައްކަތްކުރަމުންދ ފަރާތްތައް ސުޕްރީމް ކޯޓާ ޙަވާލު ކުރާނެ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރ މޫސާމަނިކު ވިދާޅުވެއްޖެ އެވެ.
ރޭ ދަރުބާރުގޭގައި އޮތް އެމްޑީޕީ ކޮންގްރެސްގެ އިފްތިތާހީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ޤާނޫނު އަސާސީގެ ބާރު ކަނޑުވާލުމަށް އިދިކޮޅު ޑީއާރުޕީ މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވަމުން މޫސަ ވިދާޅުވީ “މިހާރު ޢަމަލުކުރަމުން މިދާ ޤާނޫނު އަސާސީއަކީ އަޅުގަނޑުމެންނާ އެމީހުން (ޑީއާރުޕީ) ބައިވެރިވެގެން ހަދާފައިވާ ޤާނޫނު އަސާސީއެއް. އެމީހުންނަށް ވަރަށް ރަނގަޅަށް އެނގޭނެ އޭގައި އޮތީ ކޯއްޗެއްކަމާއި، އޭތި ނިމިގެންދާނެ ގޮތްވެސް.”
ޑީއާރުޕީގެ ފަރާތުން އެފަދަ ފިނޑި ޢަމަލުތައް ފެންނަމުންދާތީ ރޭ ޑީއާރުޕީއަށް ވަރަށް ބޮޑަށް މޫސަ ފާޑު ވިދާޅުވިއެވެ. މީގެ ކުރިން ޤާނޫނު އަސާސީއެއް އޮތަސް ރައްޔިތުންނާ ދޭތެރޭ ސަރުކާރުން ކަންތައް ކޮށްފައިވަނީ ވެރިމީހާއަށް ފެންނަ ގޮތަކަށް ކަމަށާ، ވެރިކަމުގެ ދައުރަކީވެސް މުޅި ޢުމުރުކަމަށް ހަދައިގެން އުޅުނުއިރު އެކަންވެސް ނިމުމަކަށް ގެނައީ އެމްޑީޕީ ކަމަށް ބުނެ ޑީއާރުޕީއަށް ވަރަށް ވަރުގަދަ ބަހުގެ ޙަމަލާތަކެއް މޫސަ ދެއްވިއެވެ. އަދި ރައްޔިތުންގެ ބައިތުލްމާލު ހުސްކުރި މީހުންނަށް ދެނެއް އެފުރުޞަތެއް ނުދޭނެ ކަމަށާއި މައުމޫން ޢަބްދުލް ޤައްޔޫމުގެ ސަރުކާރުގެ ބައިތުލްމާލުގައި އޮތް 40 މިލިއަން ރުފިޔާ 12 ބިލިއއަނަށް އިތުރުވުމަކީ އޭނާގެ މޮޅުކަމެއް ނޫންކަމަށާއި އެފައިސާތައް އެމްޑީޕީ ސަރުކާރުން ވަރަށް ރަނގަޅަށް ބަލަހައްޓައި ނަތީޖާއެއްގެ ގޮތުން އެފައިސާއިން އިޤްތިޞާދުކުރައްވައިގެން ރައީސުލްޖުމްހޫރިއްޔާ، އުމުރުން ދުވަސްވީ ބޭފުޅުންނަށް އެހީތެރިވެދެއްވުމަށް އެފައިސާ ޚަރަދުކުރައްވަމުން ގެންދަވާކަމަށް މޫސަ ވިދާޅުވިއެވެ.
މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ދެނެއް އެއްވެސް ބަޔަކަށް ހިތުހުރި ގޮތަކަށް ޤައުމު ހިންގަން ފުރުޞަތެއް ނުލިބޭނެ ކަމަށާއި އެކަމުގެ ދޮރު ބަންދުކޮށްލެވުނީ އެމްޑީޕީން ނުކުމެ ކުރި މުޒާހަރާތަކުގެ ސަބަބުން ކަމަށްވެސް ސިފަކުރެއްވިއެވެ.