29 އޮކްޓޯބަރ 2010
ޢަބްދުﷲ ޖުނައިދު

މުޅި ދެކުނު އޭޝިއާގައި އޮތް އެތެރޭގެ ޑިމޮކްރަސީ އެންމެ ހަރުދަނާ ސިޔާސީ ޕާޓީއަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ކަމަށް ޗެއަރޕާސަން މާރިޔާ އަޙުމަދު ދީދީ ވިދާޅުވެއްޖެ އެވެ.
މާރީ މިހެން ވިދާޅުވީ ރޭ ދަރުބާރުގޭގައި އޮތް އެޕާޓީގެ ކޮންގްރެސް ހުޅުވުމުގެ ހާއްސަ ރަސްމިއްޔާތުގައި ޕާޓީގެ ކޮންގްރެސް ރިޕޯޓް ހުށަހަޅަމުންނެވެ. މިރިޕޯޓުގައި އެމްޑީޕީގެ އެތެރޭގެ ސިޔާސަތު ހަރުދަނާކަން ފާހަގަކުރަމުން، 2008 ވަނަ އަހަރުގެ އެޕްރީލް މަހާ ހިސާބަށް އައިއިރުވެސް އެމްޑީޕީ އިސްނަގައިގެން އެކުލަވާލެވުނު އިންތިޤާލީ އިއްތިހާދުން ރިޔާސީ އިންތިޚާބަށް އެއް ކެނޑިޑޭޓަކު ނެރުމުގެ އެއްބަސްވުމަކާ ހަމަޔަށް ވާޞިލް ނުކުރެވުނުކަން ފާހަގަކުރެއްވި. އެދަނޑިވަޅުގައިވެސް އެމްޑީޕީން ޢަމަލުކޮށްފައިވަނީ ޕާޓީގެ އަސާސީ ޤަވާޢިދާއި އެތެރޭގެ ޑިމޮކްރަސީގެ އުޞޫލުތަކާ އެއްގޮތަށް ކަމަށާ، ކުރީގެ ސަރުކާރުގައި ތިބި ޝަރީޢަތުން އަދަބުދޭން ޖެހޭ މީހުންނަށް އެޙުކުމްތައް ތަންފީޒުކުރުމަށް ބަދަލުހިފުމުގެ ރޫހު ގެންގުޅުމުގެ ބަދަލުގައި ޤާނޫނީ ގިއުގަނޑުގެ ތެރެއިން އެކަންތައް ކުރުމަށް ޕާޓީން އަބަދުވެސް ސަރުކާރުގައި ދަންނަވަމުން ދިޔަކަމަށްވެސް ފާހަގަކުރެއްވި އެވެ.
އަލަށް އިންތިހާބު ކުރެވުނު ދާއިރާތަކުގެ ހިންގާ ކޮމިޓީތަކާއެކު ބޭއްވުނު މިބައްދަލުވުމުގައި، ހަރުދަނާ ސިޔާސީ އުޞޫލްތައް އަބަދުވެސް ގެންގުޅުމަށް ނަސޭޙަތްތެރިވަމުން އެމްޑީޕީގެ އަލަށް އެކުލަވާލެވުނު އަންހެނުންގެ ރޫޙަށާ ޕާޓީގެ ހުރިހާ ކޮމިޓީތަކުގެ ބުރަ މަސައްކަތްތައް ފާހަގަކުރައްވާ އެފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ކުރިޔަށް އޮތް އިންތިޚާބުގައި އެމްޑީޕީން ވީހާވެސް ގިނަ އަންހެން ބޭފުޅުން މަޤާމްތަކަށް ކުރިމަތިލައި ކާމިޔާބު ހޯއްދެވުމަށްވެސް އެދިވަޑައިގެންނެވއެވެ.