ބިދޭސީންގެ ކައިވެނީގެ ކަންކަން ފުރިހަމަ އުސޫލެއްގެ ތެރެއިން ރާއްޖޭގައި ހިންގޭނެ ނިޒާމެއް ދާދި އަވަހަށް ޤާއިމު ކުރައްވާނެ ކަމުގައި ރައީސް ވިދާޅުވެއްޖެ

29 އޮކްޓޯބަރ 2010

ބިދޭސީންގެ ކައިވެނީގެ ކަންކަން ފުރިހަމަ އުސޫލެއްގެ ތެރެއިން ރާއްޖޭގައި ހިންގޭނެ ނިޒާމެއް ދާދި އަވަހަށް ޤާއިމު ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިއަދު އެމަނިކުފާނު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި، މިދިޔަ ހަފްތާގެ ތެރޭގައި ރާއްޖޭގެ ރިޒޯޓެއްގައި ކުރި ރަމްޒީ ކައިވެންޏެއްގައި ވަރަށްދެރަކޮށް ކަންތައް ހިނގާފައިވާތީ، ކުރިއަށް އޮތް ތާނގައި އެފަދަ ކަންކަން އެގޮތަށް ހިނގިޔަ ނުދެއްވުމަށް ސަރުކާރުން އަޅުއްވަން ގަސްދު ކުރައްވާ ފިޔަވަޅުތަކާބެހޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން، މިނިސްޓްރީ އޮފް ޓޫރިޒަމާއި، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގައި ދަންނަވައިގެން، ރާއްޖޭގައި ބިދޭސީން ކައިވެނިކުރާއިރުގައި ކަންކަން ހިންގާންޖެހޭ އުޞޫލުތަކެއް ކަނޑައަޅުއްވައި، ހުރިހާ ރިޒޯޓުތަކަށް އިރާދަކުރެއްވިއްޔާ އެ އުޞޫލުތައް އަންގަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޓުއަރިޒަމް އިންޑަސްޓްރީގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންވެސް، އަދި އިންޑަސްޓްރީގެ މެނޭޖްމަންޓްވެސް، ބިދޭސީ ކައިވެނިތަކާއި އަދި އެނޫންވެސް ރިޒޯޓުތަކުގައި ހިންގާ އެންމެހާ ކަންކަން ހިންގާނެ ގޮތުގެ އުޞޫލުތަކެއް ކަނޑައަޅުއްވާފައި އޮންނަން ޖެހޭނެ ކަމަށާއި، އެ އުޞޫލުތަކާ އެއްގޮތަށް ނޫނިއްޔާ ކަންކަން ހިނގައިގެން ނުވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ވިސްނުންތެރިކަމާ އެކީގައި ނޫނިއްޔާ މިހާރު އެއްވެސް ކަމެއް ކުރުމަކީ، ބުއްދިވެރި ކަމެއް ނޫންކަމަށް ވިދާޅުވެ، ރިޒޯޓުތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ނަސޭހަތްތެރިވެވަޑައިގަންނަވަމުން، ޓުއަރިޒަމާ ގުޅޭގޮތުން ކަންކަން ހިންގާއިރުގައި އެ އިންޑަސްޓްރީގައި މަސައްކަތް ކުރައްވާ ބޭފުޅުންވެސް، ރަނގަޅު ވިސްނުމާއެކުގައި އަދި ފުރިހަމަ ގޮތުގައި ކަންކަން ނުކުރައްވައިފިނަމަ ލިބޭ ގެއްލުން ވަރަށްބޮޑުވާނެކަމަށް ވިދާޅުވިއެވެ. އަދި ފަތުރުވެރިކަމުގެ ޞިނާޢަތަކީ، ރާއްޖޭގެ އިޤްތިޞާދުގެ އެންމެ މުހިންމު ބައިކަން ބަޔާންކުރައްވަމުން، އެ ޞިނާޢަތަށް ކަމޭނުހިތައިފިނަމަ، އެ ނަގާލެވެނީ އަޅުގަނޑުމެންގެ މުސްތަޤްބަލް އެކަނިނޫން ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

މި މައްސަލައާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވާހަކަފުޅުދައްކަވަމުން، ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިން، އެމީހުންގެ ކައިވެނި ރާއްޖޭގައި ކުރުމަށް ބޭނުންވީމާ، އެމީހުންނަށް ދިވެހިބަސް ނޭނގޭތީވެ، އެކަމުގެ ވާހަކަތައް އޮޅުވާލައިހެދުމަކީ، އަދި އެކަމުގައި ހަޖޫ ހަދައި، އެކަމަކީ ފުރައްސާރަވާ ކަމެއްގެ ގޮތުގައި ވާހަކަ ދައްކައި ހެދުމަކީ، ވަރަށް ދަށު ދަރަޖައިގެ ކަމެއްކަން ސިފަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިއަދުގެ ރޭޑިއޯ ހިޠާބުގައި ރޭ ފެށުނު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ކޮންގްރެސްގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިއެވެ. މިގޮތުން، ސިޔާސީ ޕާޓީތަކުގެ އެތެރޭގެ ޑިމޮކްރަސީގެ މުހިންމުކަމުގެ މައްޗަށް ވާހަކަފުޅުދައްކަވަމުން، އެހެން ޕާޓީތައްވެސް ހަމަ އެމް.ޑީ.ޕީ.ގެ މިސާލުން އަދި ދުނިޔޭގައި އެކަންކަން ކޮށްފައި އޮތް ގޮތުގެ މިސާލުން މިސާލު ނަގައި، އެ ޕާޓީތަކުގެ ކަންކަންވެސް ހަރުދަނާކޮށް ފުރިހަމަ ކުރަމުން ގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.