ބައިނަލް އަޤްވާމީ މުޖުތަމައުގައި އެމްޑީޕީއަށް ދެވިފައިވާ މަޤާމް އެތައް ދަރަޖައެއް އުފުލިފައިވާ ކަމަށް އެޕާޓީގެ ޗެއަރޕާސަން ވިދާޅުވެއްޖެ ބައިނަލް

29 އޮކްޓޯބަރ 2010

ރާމިޒް

resize_imagephp

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ 2 ވަނަ ކޮންގްރެސް ރިޕޯޓުގައި ހިމެނިފައިވާ މުއްދަތަކީ ރާއްޖޭގެ ސިޔާސީ މައިދާނުގައި ބޮޑެތި ކާމިޔާބީ ހާސިލްކޮށްފައިވާ ދުވަސްވަރެއް ކަމަށާއި، ބައިނަލް އަޤްވާމީ މުޖުތަމައުގައި އެމްޑީޕީއަށް ދެވިފައިވ މަޤާމް އެތައް ދަރަޖައެއް އުފުލިފައިވާ ކަމަށް އެޕާޓީގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ ވިދާޅުވެއްޖެއެވެ.
ރޭ ބޭއްވި އެމްޑީޕީގެ 2 ވަނަ ކޮންގްރެސްގައި އެޕާޓީގެ ކޮންގްރެސް ރިޕޯޓް ހުށަހަޅުއްވަމުން މާރިޔާ ވިދާޅުވީ އެމްޑީޕީގެ މެނިފެސްޓޯއަކީ ދަރީންނާއި ދަރީންގެ ދަރީންނާ ހަމައަށް މިޤައުމު ގެންދިއުމަށް ބޭނުންވާ ސިޔާސަތުތަކާ ޙިކުމަތު ޢަމަލީ ހިމެނޭ ތަސައްވުރެއް ކަމަށާއި، ރިޔާސީ ކެމްޕެއިންގައި ރާއްޖޭގެ ރައީސް ކަމަށް އެމްޑީޕީގެ ކެންޑިޑޭޓް އިންތިޚާބުވެވަޑައިގަތުމަކީ އެއިންތިޚާބުގައި އެމްޑީޕީ ގެންގުޅުނު ސިޔާސީ ދުރުވިސްނުމުގެ ނަތީޖާ ކަމަށް މާރިޔާ ވިދާޅުވިއެވެ.
ޗެއަރޕާސަން އިތުރަށް ވިދާޅުވީ ނިމިގެންދިޔަ އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގައި ދާއިރާތަކުގެ ހިންގާ ކޮމިޓީގެ މަޤާމްތަކަށް ހޮވިވަޑައިގެންނެވި އަންހެން ބޭފުޅުންގެ އަދަދު މަދުވުމުން އެކަމާ ހިތާމަކުރައްވާ ކަމަށާއި، އަދި މިހާރު ހޮވިފައިވާ ދާއިރާތަކުގެ އަންހެނުންގެ އިންތިޤާލީ ކޮމިޓީގެ މެންބަރުންނަށް މާރިޔާ މަރުހަބާ ވިދާޅުވިއެވެ. އަދި ޕާޓީގެ ކޮމިޓީތަކުގެ އިތުރުން ޕާޓީގެ އެހެން ހުރިހާ ގުނަނެއްގެ މަސައްކަތް ފާހަގަކުރައްވައި އެފަރާތްތަކަށް ހައްޤު ޝުކުރުއަދާކުރެއްވިއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާއާއި ދައުލަތުގެ ވަޒީރުންނަށް ވެސް މާރިޔާ ވަނީ ވަރަށް ބޮޑަށް ޝުކުރުއަދާކުރައްވާފައެވެ.
ޗެއަރޕާސަންގެ ވާހަކަފުޅުގައި ޑިމޮކްރެސީގެ އެންމެ ރީތި މިސާލަކީ އެމްޑީޕީ ކަމަށާއި އެއީ އެ ޕާޓީގެ އެތެރޭގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައި ކުރާ ބުރަ މަސައްކަތުގެ ނަތީޖާކަން ފާހަގަކުރެއްވިއެވެ. އަދި އެމްޑީޕީއަކީ ދިވެހިރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށާއި އިލެކްޝަންސް ކޮމިޝަންގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ޕާޓީގެ މެންބަރުންގެ އަދަދު 18 މަސްދުވަހުގެ ތެރޭގައި ދެގުނައަށް އިތުރުވެ 41000 އަށް އަރާފައިވާ ކަން އެކަމަނާ އުފަލާއެކު ފާހަގަކުރެއްވިއެވެ.
މި ޖަލްސާގައި އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް ވެސް ވަނީ ވަރަށް ފުރިހަމަ ތަޤްރީރެއް ކުރައްވާފައެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ޑީއާރުޕީގެ ދޯހަޅި ސިޔާސަތތަކުުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އެ ޕާޓީގެ މެންބަރުން ދުވަހެއް ދުވަހަކަށް މަދުވެ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެމްޑީޕީއާ ގުޅެމުންދާކަން ފާހަގަކުރެއްވިއެވެ. އަދި އެމްޑީޕީއަށް ގޮންޖަހާލެވޭނޭ ވަރުގެ ސިޔާސީ ބުރަދަނެއްހުރި މީހަކު މި ގައުމުގައި ނުހުންނާނެ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.
945 މަންދޫބުން ބައިވެރިވެވަޑަައިގަންނަވާ އެމްޑީޕީގެ ދެވަނަ ކޮންގްރެސްގެ މާދަމާގެ ދަންފަޅި ފެށޭނީ މެންދުރު ފަހު 2.30 ގައެވެ. މިދަންފަޅީގައި އިޞްލާޙުކޮށްފައިވާ އެމް.ޑީ.ޕީ.ގެ އަސާސީ ޤަވާއިދު ފާސްކުރުމާއި، ކޮންގްރެސްއިން ތަޞްދީޤުކުރަން މަތިކޮށް، ޤައުމީ މަޖިލީހުން ފާސްކޮށްފައި ހުރި ޤަރާރުތަކާމެދު ގޮތެއް ނިންމުމުގެ އިތުރުން ކޮންގްރެސްއިން އިންތިޚާބު ކުރުން ލާޒިމްކުރާ މަޤާމްތަކުގެ އިންތިޚާބު، އިންތިޤާލީ މަރުޙަލާގައި ބޭއްވުމާބެހޭ ޤަރާރު ހުށަހެޅުން އޮންނާނޭ ކަމަށް އެމްޑީޕީން ބުނެއެވެ