އަޅުގަނޑުމެންނަށް މިރާއްޖޭގައި ބޭނުން ކުރެވެން އޮތީ އިންސާނީ ވަސީލަތުގެ ދެބައިކުޅަ އެއްބައިކަމަށް ދެކެވިއްޖެ ނަމަ މި ރާއްޖެ އިން ހޯދޭނީ ވެސް މި ރާއްޖޭގެ މުއްސަނދި ކަމުގެ ހަމަކަށަވަރުން ދެބައިކުޅައެއްބައި – ރައީސް ނަޝީދު

28 އޮކްޓޯބަރ 2010

ރާމިޒް

picture-1651

ޤައުމެއް ތަރައްޤީވެ ކުރިއަރައިގެންދާނީ އެޤައުމެއްގެ އެންމެން ތަރައްޤީގެ މަސައްކަތްތަކުގައި ބައިވެރިގެން ކަމަށާއި، ރާއްޖޭގައި ބޭނުން ކުރެވެން އޮތީ އިންސާނީ ވަސީލަތުގެ ދެބައިކުޅަ އެއްބައިކަމަށް ދެކެވިއްޖެ ނަމަ މި ރާއްޖެ އިން ހޯދޭނީ ވެސް މި ރާއްޖޭގެ މުއްސަނދި ކަމުގެ ދެބައިކުޅައެއްބައި ކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރޭ ދަރުބާރުގޭގައި އެމަނިކުފާނާއި، އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ލައިލާ އަލީ އެމްޑީޕީގެ 2 ވަނަ ކޮންގްރެސްގެ ބައިވެރިންގެ ތެރެއިން އެމްޑީޕީގެ ދާއިރާތަކުގެ އިންތިޤާލީ ހިންގާ ކޮމިޓީތަކުގެ ރައީސާއިންނާއި ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
“އަޅުގަނޑުމެންނަށް މިރާއްޖޭގައި ބޭނުން ކުރެވެން އޮތީ އިންސާނީ ވަސީލަތުގެ ދެބައިކުޅަ އެއްބައިކަމަށް ދެކެވިއްޖެ ނަމަ މި ރާއްޖެ އިން ހޯދޭނީ ވެސް މި ރާއްޖޭގެ މުއްސަނދި ކަމުގެ ހަމަކަށަވަރުން ދެބައިކުޅައެއްބައި. އެހާލުގައި އަޅުގަނޑުމެން މިތިބީ.. މި ދަތީގައި އަޅުގަނޑުމެން ހޭދަކުރާން ޖެހުނު އެންމެ ބޮޑު އެއްސަބަބަކީ ހަމަ އަންހެނުންނަށް އެކި އެކި މަސައްކަތްތަކުގައި ފުރުސަތު ހަނިވެފައިވީ ކަން” އެމްޑީޕީގެ ޓިކެޓްގައި ރާއްޖޭގައި ބޭއްވުނު ގިނަ ޕާޓީ ބައިވެރިވި ފުރަތަމަ ރިޔާސީ އިންތިޚާބު ފުރިހަމަ ޢަޣްލަބިއްޔަތަކުން ކާމިޔާބުކުރެއްވި ރާއްޖޭގެ މިހާރުގެ އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވިއެވެ.
ގައުމަށް ދިމާވެފައިވާ ދަތިތަކުގެ އެންމެ ބޮޑު އެއް ސިއްރަކީ މަސައްކަތް ކުރުމުގެ މާހައުލުގައި އަންހެނުނަށް އޮތް ފުރުސަތު ހަނިވުން ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި، ޤައުމު ތަރައްޤީ ކުރުމުގައި އަންހެނުންނަށް ވަރަށް މުހިއްމު ދައުރެއް އަދާކުރެއްވިދާނޭ ކަމަށް ރައީސް ވިދާޅުވިއެވެ. މިގޮތުން ތަރައްޤީގެ މަސައްކަތްތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި ސިޔާސީ މަޤާމުތަކުގައި އަންހެނުން ތިބުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
ރޭގެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ އާއި ގަލޮޅު އުތުރު ދާއިރާގެ އަންހެނުންގެ އިންތިޤާލީ ކޮމިޓީގެ ރައީސާ އަދި އެޑިއުކޭޝަން މިނިސްޓްރީގެ ނައިބު ޝިފާ މުޙައްމަދު ވެސް ވާހަކަފުޅުދެއްކެވިއެވެ.
ޗެއަރޕާސަންގެ ވާހަކަފުޅުގައި އެމްޑީޕީގެ ކޮންގްރެސްގައި އެކުލަވާލެވޭ އަންހެނުންގެ ރޫޙްގެ ސަބަބުން އެޕާޓީގައި އަންހެނުންގެ ދައުރު ވަރަށް ބޮޑުތަން ފުޅާވެގެންދާނޭ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި ދިވެހި އަންހެނުންނަކީ ވަރަށް ކެރޭ ހިއްވަރުގަދަ ބައެއްކަން ފާހަގަކުރައްވައި ދިވެހި އަންހެނުންނަށް ވަރަށް ބޮޑަށް ތަޢުރީފްކުރެއްވަމުން، ބައެއް ފަހަރަށް ދިވެހި ފިރިހެނުންނަށް ނުކުރެވޭފަދަ ހިއްވަރުވެސް ދިވެހި ތާރީޚްގައި އަންހެނުންކޮށްފައިވާކަން މާރިޔާ ފާހަގަކުރެއްވިއެވެ.
ޝިފާގެ ވާހަކަފުޅުގައި ބައެއް މައިންބަފައިން އެމީހުންގެ ދަރިންނަށް މަޢުލޫމާތު ލިބިގަތުމުގެ ދޮރު ބަންދުކުރާ ކަމަށް ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ ބައެއް ޓީވީ ޗެނަލްތައް ނުބެލުމަށް މައިންބަފައިން ކުދިންނަށް ބާރުއަޅާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.
ދައުލަތުގެ ބައެއް ވަޒީރުންނާއި ދާއިރާތަކުގެ ރައީސުންގެ ހައިސިއްޔަތުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުން ވެސް ބައިވެރިވެވަޑައިގެންނެވި މިބައްދަލުކުރެއްވުމަށް ވަޑައިގެންނެވި އަންހެން ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަކިވަކިން ބައްދަލުކުރައްވައި އެފަރާތްތަކުގެ ހާލުއަހުވާލު ބައްލަވާލެއްވިއެވެ