އިލެކްޝަން ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނުން ކަމުގެ ހަގީގަތް ނުބަލައި ނެރުނު ސިޔާސީ ބަޔާންތައް ކުށްވެރިކުރުން

ސަރުކާރާ ދެކޮޅަށް ސިލްސިލާކޮށް ކުރަމުންދާ އިހުތިޖާޖުގެ ތެރެއިން ކުޑަކުއްޖެއްގެ ކަރާމާތަށް އަރައިގެންފައިވާ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަން (އީސީ) އާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ރައީސުލްޖުމްހޫރިއްޔާގެ މަސްލަހަތު ހިމާޔަތް ކުރުމަށް ނެރުނު ސިޔާސީ ބަޔާންތައް އެންމެ ހަރުކަށި އިބާރާތުން ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ކުށްވެރި ކުރަމެވެ.
އެއީ އެއްވެސް ހާލެއްގައި ކުޑަކުއްޖަކަށް ނިސްބަތްކޮށް، ކުޑަކުއްޖެއްގެ ކަރާމަތަށް އުނިކަން އަންނަގޮތަށް ދެކެވިފައިވާ ވާހަކަތަކެއް ނޫނެވެ. އެ މުޒާހަރާގައި މި ޕާޓީގެ މެމްބަރު މަރިޔަމް ޒުބައިރު ދެއްކި ވާހަކަތަކަކީ ކުޑަކުއްޖަކަށް އަމާޒުކޮށް ދެއްކި ވާހަކަތަކެއް ކަމަށް އަމިއްލައަށް ނިންމައި އެޗްއާރުސީއެމް އާއި އީސީއިން ސިޔާސީ ބަޔާންތަކެއް ނެރުމަކީ ވަރަށް ޒިންމާރުކަން ކުޑަ އަމަލެކެވެ. އަދި އެއީ ސިޔާސީ ބޭނުމަށް ނެރުނު ހަގީގަތެއް ނެތް ބަޔާންތަކެއްގައި ކުޑަކުއްޖެއްގެ ވާހަކަ ހިމަނައި ކުޑަކުއްޖަކު ފަލީހަތް ކުރުމެވެ. އެ ބަޔާންތަކަށް ފަހު ސަރުކާރު އަޑީގައި އޮވެ ރައްޔިތިންގެ ހައްގުގައި ތެދުވާ ހިތްވަރުގަދަ ދިވެހި ރައްޔަތުންނަށް ކުރަމުންދާ ފުރައްސާރަ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ.
އެމްޑީޕީއިން ކުރިއަށްގެންދާ އެއްވެސް ހަރަކާތެއްގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާ ހިލާފު އެއްވެސް އަމަލެއް ހިންގާފައި ނުވާނެ ކަމުގެ ޔަގީންކަން އަރުވަމެވެ. އަދި އެފަދަ އެއްވެސް ކަމެއް ކުރިއަށް އޮތް ތަނުގައި ވެސް ނުހިނގާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި އެންމެހާ ރައްޔިތުންނަށް އަރުވަމެވެ.
ގާނޫނޫއަސާސީން ކަށަވަރު ކޮށްދީފައިވާ އެތައް ހައްގަކަށް ރައީސުލްޖުމްހޫރިއްޔާ އަރައިގަންނަމުންދާއިރު އެ ޢައިރު ގާނޫނީ އަމަލުތަކާ މެދު އެއްވެސް ފިޔަވަޅެއް އަޅަން އެޗްއާރުސީއެމް ވަނީ ނުކުޅެދިފަ އެވެ. ނަމަވެސް، ހައްގުތައް ހޯދުމަށް ވަކާލާތު ކުރަމުންދާ ހިތްވަރުގަދަ ރައްޔިތުންނާ ދެކޮޅަށް ބަޔާން ނެރުމަށް އަވަސްވެގަނެ، ވަކި އާއިލާއެއްގެ މަސްލަހަތު ދަނީ ހިމާޔަތް ކުރަމުންނެވެ. ހަމައެހެންމެ، ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމަށް ހުރަސް އަޅައި ސިޔާސީ ޕާޓީތައް ފޮހެލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަސައްކަތް ކުރައްވަމުން ގެންދަވާއިރު އީސީއިން ވެސް އެ މަސައްކަތަށް އެއްބާރުލުން ދީ ރާއްޖެއަކީ އެންމެ ސިޔާސީ ފިކުރަކަށް ޖާގަ އޮތް ތަނަކަށް ހެދުމަށް ދަނީ ވާގިވެރިވަމުންނެވެ.
ރާއްޖޭގެ މުސްތަގިއްލު ކޮމިޝަންތަކުގައި ތިއްބެވި މެންބަރުންނަކީ ރައްޔިތުންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ބަދަލުގައި އަމިއްލަ މަގާމު ދިފާއު ކުރުމުގެ ވިސްނުމުގައި 24 ގަޑިއިރު ތިއްބަވާ ބޭކާރު ބަޔަކަށްވެއްޖެ އެވެ. ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ އާއިލާ ފިޔަވައި އެހެން ބައެއްގެ ހައްގުތަކަކީ ނެތް އެއްޗެއް ކަމަށް ހަދައި ރާއްޖޭގައި ރަސްކަމެއް ހިންގުމަށް މަގުފަހި ކޮށްދިނުން ހުއްޓައިލުމަށް ސިޔާސީ ނުފޫޒުގެ ދަށުވެފައިވާ މުސްތަގިއްލު ކޮމިޝަންތަކަށް އެމްޑީޕީން ގޮވާލަމެވެ.