ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންނަށް ބިރު ދައްކައި އެ ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލަ ވަކި ގޮތަކަށް ނިންމުމަށް ރައީސުލްޖުމްހޫރިއްޔާ ނުފޫޒު ފޯރުވުން ހުއްޓައިލުމަށް ގޮވައިލުން

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންނަށް ބިރު ދައްކައި އެ ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލަ ވަކި ގޮތަކަށް ނިންމުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނުފޫޒު ފޯރުވަމުންދާ ކަމަށް ސުޕްރީމް ކޯޓުން އިސްތިއުފާ ދެއްވި ފަނޑިޔާރު ޙުސްނުއް ސުޢޫދު ވިދާޅުވެފައިވާތީ އެ މައްސަލަ ތަހުގީގުކޮށް ފަނޑިޔާރުގޭގެ މިނިވަން ކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް ދައުލަތުގެ އެންމެހާ އިދާރާތަކަށް ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ގޮވާލަމެވެ.
ގާނޫނުއަސާސީ އަށް 6 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުން ގާނޫނުއަސާސީގެ 73 ވަނަ މާއްދާ އަށް ގެނައި އިސްލާހު ބާތިލްކުރަން ހުށަހެޅި މައްސަލަ ބެލުމުގެ އިހުތިސާސް ސުޕްރީމް ކޯޓަށް ލިބިގެންވާ ކަމަށް އެ ކޯޓުން ނިންމުމާއެކު، އެ ކޯޓުގެ ފަނޑިޔާރުންގެ މައްސަލަ ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް އޮންނަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) މެދުވެރިކޮށް ބަލަމުން ދަނީ އެއްވެސް އަސާސެއް ނެތި އެ މައްސަލަ ސަރުކާރު ބޭނުންވާ ގޮތަށް ނިންމުމަށް ނުފޫޒު ފޯރުވުމަކީ ނުހަނު ބޮޑު ކަންބޮޑުވުމެކެވެ.
އޭގެ އިތުރުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ރައްޔިތުންގެ މަޖިލީހުން ބިލެއް ފާސްކޮށްފައި ވަނީ ވެސް ރައީސް މުއިއްޒުގެ އެންގެވުމަށް އެ މައްސަލަ ސަރުކާރު ބޭނުންވާ ގޮތަށް ނިންމުމުގެ ބޭނުމުގައި، ނުފޫޒު ފޯރުވުމަށެވެ.
އާރާއި ބާރުވެރިކަން މިއަދު އޮތުމުން އެ މައްސަލަތައް ނުބެލޭނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒުއަށް އޮތް ނަމަވެސް މުޅި ރާއްޖޭގެ ދުސްތޫރީ ނިޒާމު ފުނޑުފުނޑު ކޮށްލުމަށް އެމަނިކުފާނު އިސްވެ ހުންނަވައި ދެމުންދާ ހަމަލާތައް ތަހުގީގުކޮށް ހަރުކަށި އަދަބު ދިވެހި ރައްޔިތުން ދޭނެކަން ހަނދުމަކޮށް އަރުވަމެވެ.
އަމިއްލަ ފަރުދަކު ވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެ ހުރި މީހަކު ވިޔަސް، ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވުމަކީ ގާނޫނުއަސާސީގެ 141 ވަނަ މާއްދާއާ ހިލާފު ކަމެއްކަން ގާނޫނުއަސާސީގައި ބަޔާންކޮށްފައިވެ އެވެ. ވީމާ، ދިވެހިރާއްޖޭގެ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތަށް ފަނޑިޔާރުގޭގެ މިނިވަންކަން ކަށަވަރު ކޮށްދިނުމަށް ދައުލަތުގެ އެންމެހައި އިދާރާތަކަށް ގޮވާލަމެވެ.
ދައުލަތުގެ ތިން ބާރު ވެސް ރައީސުލްޖުމްހޫރިއްޔާގެ އަތަށް މަހައިލުމަށް ވެރިކަން ކުރާ ޕާޓީން ހިންގަމުންދާ ޣައިރު ދުސްތޫރީ އަދި ޣައިރު ގާނޫނީ އަމަލުތަކާ ދެކޮޅަށް ތެދުވެ، އެ ކަންކަމާ މެދު މެެދުކެނޑުމެއް ނެތި އިހުތިޖާޖު ކުރުމަށް ރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް އެމްޑީޕީން ގޮވާލަމެވެ

4 މާރޗް 2025