ނ. މިލަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި-އިލެކްޝަނުން ސަރުކާރު ޕާޓީ ބަލިވުމުން ފެނަކަ ކޯޕަރޭޝަނުން އެމްޑީޕީއަށް ނިސްބަތްވާ މުވައްޒަފުންނަށް ފިޔަވަޅު އެޅުން ކުށްވެރި ކުރުން

އިއްޔެ ބޭއްވި ނ. މިލަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި-އިލެކްޝަންގައި ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓުގެ މައްޗަށް ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ކެންޑިޑޭޓު އާމިނަތު އަޡުމާ ކުރި ހޯދުމާއި ގުޅިގެން އެ ރަށުގެ ފެނަކަ ކޯޕަރޭޝަން ބްރާންޗުގައި މަސައްކަތް ކުރަމުންދާ މި ޕާޓީއަށް ނިސްބަތްވާ މުވައްޒަފުންނާ ދެކޮޅަށް ފިޔަވަޅު އެޅުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ.
އެގޮތުން، ބައެއް މުވައްޒަފުން ވަނީ ތަހުގީގެއް ފަށާފައިވާ ކަމަށް ބުނެ އެ ތަހުގީގުގައި އިތުރަށް ކަންކަން ބަލަން ޖެހޭތީ 14 ދުވަހަށް ސަސްޕެންޑު ކޮށްފަ އެވެ. މިގޮތަށް އެ މުވައްޒަފުން ސަސްޕެންޑު ކޮށްފައިވަނީ އެއްވެސް ސަބަބެއް ބަޔާން ކުރުމެއް ނެތި އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށެއް ނޫނެވެ.
ސަރުކާރުން ތާއީދު ނުކުރުމަކީ އެ މީހަކު އަދާކުރަމުންދާ ވަޒީފާއިން އެކަހެރިކޮށް ސަސްޕެންޑު ކުރުމަށް އޮތް ހުއްޖަތެއް ނޫނެވެ. އިންތިހާބުތަކުގައި ވާދަކުރުމާއި ވޯޓުލުމަކީ ދިވެހި ކޮންމެ ރައްޔިތަކަށްމެ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހައްގެއް ކަމަށްވާއިރު އެ ހައްގުގެ ބޭނުންކުރާ މީހުންނާ ދެކޮޅަށް އެ މީހަކު ނިސްބަތްވާ ސިޔާސީ ފިކުރަށް ބަލައި ފިޔަވަޅު އެޅުމަކީ މި ސަރުކާރުގެ ވަރަށް ފިނޑި އަމަލެކެވެ.
މި އިންތިހާބު މި ޕާޓީގެ ކެންޑިޑޭޓު ކާމިޔާބު ކުރެއްވީ ސަރުކާރުން އެ އިންތިހާބަށް ނުފޫޒު ފޯރުވަމުން ދަނިކޮށް ވަރަށް ތަނަވަސް އަގުލަބިއްޔަތަކުންކަން މި ފުރުސަތުގައި ފާހަގަކުރަމެވެ. ވަޒީފާގެ ބިރު ދައްކައި އިދިކޮޅު ހިޔާލުތަކުގެ އަޑު ކަނޑުވައިލުމަށް ދައުލަތުގެ އިދާރާތަކާއި ސަރުކާރުގެ ކުންފުނިތަކުން ކުރަމުންދާ
މަސައްކަތްތައް ވަގުތުން ހުއްޓާލުމަށް އެމްޑީޕީން ގޮވާލަމެވެ.

9 ފެބްރުއަރީ 2025