6 ފެބްރުބަރީ 2025 ދުވަހުގެ ރޭ ދަންވަރުގެ ވަގުތު ކައިރިވެފައިވަނިކޮށް ޖަމާލުއްދީން ސްކޫލުން ސަޔާސީ ނުފޫޒުގައިޖެހި، ނެރެފައިވާ ބަޔާން މިޕާޓީގެ އަންހެނުންގެ ރޫހުން ހަރުކަށި ޢިބާރާތުން ކުއްވެރިކުރަމެވެ. އެހެނީ މިބަޔާނުގައި ގަލޮޅު ދެކުނު ދާއިރާގެ އިއްޒަތްތެރި މެމްބަރު މީކާއިލް އަޙްމަދު ނަސީމް ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ޙައިޞިއްޔަތުން ކުރައްވަމުން ގެންދަވާ ޤައުމީ މަސައްކަތަކީ ޖަމާލުއްދީން ސްކޫލުންދެކޭ އަޚްލާޤީ މިންގަނޑުންބޭރު މަސައްކަތެއްކަމަށް ބުނެ، އެބޭފުޅާއަކީ ޖަމާލުއްދީނުގެ ދަރިވަރުންނަށް ދައްކަންބޭނުންވާ ނަމޫނާ ދަރިވަރެއްނޫންކަމަށް ބަޔާން ކޮށްފައިއޮތް އޮތުމަކީ، ސްކޫލު ސިޔާސީ އޮއެވަރުގައި ޖެހިގެން ބުނެފައިވާ ވާހަކަތަކެއްކަން ސާފުކޮށް އެނގެން އޮތަތީއެވެ.
ތައުރީފު ހައްޤު، ޖަމާލުއްދީން ސްކޫލުގެ ކުރީގެ ދަރިވަރަކަށް، ސްކޫލުން ސިޔާސީ ޙާމަލާއެއްދޭން މި ނެރުނުބަޔާން ވެގެންމިދިޔައީ، ސިޔާސީ ދާއިރާއަށް އަންހެނުންނެރުމަށް މި ރޫޙުން ކުރަމުންދާ މަސައްކަތަށް އިތުރު ގޮންޖެހުމަކަށެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ނުކުމެ ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރަންފަށައިފި ކަމަށްވާނަމަ، ތިމާ ކިޔެވި ސްކޫލުތަކުންވެސް ތިމާ ބަލައި ނުގަންނާނެ ކަމުގެ ބިރު މިބަޔާނުން ތަޢާރަފުކޮށް ދީފިއެވެ.
މިހާރުވެސް އެކިއެކިގޮތްގޮތުން ކުރާ ފުރައްސާރަޔާ އުނދަގޫތަކުގެ ސަބަބުން އަންހެނުން ސިޔާސީ ދާއިރާގައި މަސައްކަތް ކުރުމަށް ޖެހިލުންވެފައިވާ ދަނޑިވަޅެއްގައި، ސިޔާސީ މަސައްކަތަކީ ހުތުރު މަސައްކަތެއްކަމަށާއި، އެމަސައްކަތް ކުރާމީހެއްގެ ކުރިއެރުންތައް ސްކޫލުންވެސް ފާހަގަ ކުރަން ބޭނުންނުވާކަމަށް ދޭހަވާ ގޮތަށް ސްކޫލަކުން ބަޔާން ނެރުމުން، އަނެއްކާވެސް މިދާއިރާއަށް ނުކުންނަށް ބޭނުންވާ ދަރިވަރުންނަށް އިތުރު ގޮންޖެހުމަކާ ކުރިމަތިލާން ޖެހުނީއެވެ. އަދި މިފަދަ ގޮންޖެހުންތަކުގެ އަސަރު އަބަދުވެސް އެންމެބޮޑަށް ކުރަނީ އަންހެނުންނަށެވެ.
މި ބަޔާނުން އަނެއްކާވެސް އަންހެނުން ސިޔާސީ ދާއިރާއަށް ނުނިކުންނާންވީ އިތުރު ސަބަބެއް އުފައްދާދިނީއެވެ. ޤައުމު ބިނާކުރުމުގައި ތައުލީމީ މީހުންގެ، އަދި ޚާއްސަކޮށް ސިޔާސަތު ބައްޓަން ކުރުމުގައި އަންހެނުންގެ ހިއްސާ އިންތިހާއަށް ބޭނުންވެފައިވާ މި ދަނޑިވަޅުގައި ސިޔާސީ މަސައްކަތަކީ، ތައުރީފު ހައްޤުނުވާ، ހުތުރު މަސައްކަތެއްކަމަށް ދައްކައިދޭން ޖަމާލުއްދީން ސްކޫލުން ބަޔާނެއް ނެރެ، މިހިންގި ޢަމަލަކީ ވަރަށް ޒިންމާދާރުކަން ކުޑަ ޢަމަލެއް ކަމުގައި މިރޫޙުން ދެކެމެވެ.
އަދި ސްކޫލްތަކުންވެސް، ސިޔާސީ ދާއިރާއަށް ކިޔަވައިގެން ތިބި މޮޅުކުދިން ވެއްދުމަށް ބާރުއެޅުމަށާއި، އަދި ޚާއްޞަކޮށް، އަންހެންކުދިން ސިޔާސީ ދާއިރާއަށް ވަނުމުގެ ޝަޢުޤުވެރިކަން ގެއްލޭފަދަ ކަންކަން ނުކުރުމަށް، އެމްޑީޕީގެ އަންހެނުންގެ ރޫޙުން ގޮވާލަމެވެ. އެހެނީ މިޤައުމުގެ ކުރިއެރުން ގުޅިފައިއޮތީ ސިޔާސަތު ކަނޑައަޅާ މޭޒުދޮށުގައި މިންތީގެ ހަމަހަމަކަން އޮތުމާއެކު، ތަޢުލީމާއި ތަޖުރިބާހުރި ޤާބިލު މީހުން ތިބެގެން ކަމަށްވާތީއެވެ.
އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި، ސިޔާސީ ދާއިރާއަކީ ހަމައެކަނި ފިރިހެނުންނަށް ޚާއްޞަ ދާއިރާއެއް ނޫނެވެ. އަންހެނުންނަށްވެސް މިދާއިރާގައި ފިރިހެނުންނާއި އެއްހަމައެއްގައި މަސައްކަތް ކުރަންޖެހޭނެއެވެ. އެހެންކަމުން، ސްކޫލްތަކުން ވެސް ދަރިވަރުންގެ މެދުގައި މި ވިސްނުން އަށަގެންނެވުމަށް މަސައްކަތްކުރުމަކީ މުޙިންމު ކަމެކެވެ. އަދި ކުރީގެ ދަރިވަރުންގެ ތެރެއިން ސިޔާސީ ދާއިރާގައި ކުރިއަރަމުންދާ ފަރާތްތަކުގެ ކާމިޔާބީތައް ފާހަގަކޮށް، އެފަދަ ފަރާތްތަކަކީ މިހާރުގެ ދަރިވަރުންނަށް ނަމޫނާ ބަޔަކަށް ހެދުމަކީވެސް މުހިންމު ކަމެކެވެ.
އެމްޑީޕީގެ އަންހެނުންގެ ރޫހުން އެދެނީ، ޖަމާލުއްދީން ސްކޫލުން ނެރެފައިވާ މި ބަޔާން އަނބުރާ ގެންގޮސް، އިއްޒަތްތެރި މެންބަރު މީކާއިލް ނަސީމްގެ ކާމިޔާބީތަކަށް ތަޙުނިޔާ ދެންނެވުމެވެ. އަދި ސްކޫލްތަކުން ވެސް ސިޔާސީ ދާއިރާއަށް ޝައުގުވެރިވާ ދަރިވަރުންނަށް ހިތްވަރު ދިނުމަށް ގޮވާލަމެވެ. އަޅުގަނޑުމެންގެ ޤައުމުގެ ކުރިމަގު ބިނާވެގެންދާނީ ތަފާތު ދާއިރާތަކުން ކުރިއަރާފައިވާ، އަދި ޚާއްޞަކޮށް ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ ޤާބިލު އަންހެނުންނާއި ފިރިހެނުންގެ މައްޗަށް ކަން ޔަޤީނެވެ.
7 ފެބްރުވަރީ 2025