MDP/PR_2025/001
ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދުގެ ނަން މަތީގައި ވަގު ފޯމެއް ފުރައި ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)އަށް ވެއްދުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރުމަށް ކަމާ ގުޅުންހުރި
.އިދާރާތަކަށް ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)އިން ގޮވާލަމެވެ
ޕީއެންސީއަށް ވަނުމަށް ފޯމު ފުރާފައި ނުވާ މި ޕާޓީގެ ބައެއް އާންމު މެމްބަރުންނާއި ގައުމީ މަޖިލީހުގެ މެމްބަރުން ވެސް އެމްޑީޕީގެ ދަފްތަރުން އުނިކޮށް ޕީއެންސީގެ ހިމަނާފައިވާތީ އެ މައްސަލަ އިލެކްޝަންސް ކޮމިޝަނުގެ ސަމާލުކަމަށް މި ޕާޓީން ވަނީ އެކި ފަހަރު މަތިން ގެނެސްފަ އެވެ. އެ މައްސަލާގައި އިލެކްޝަންސް ކޮމިޝަން (އީސީ) އާއެކު ބޭއްވި ބައްދަލުވުމުގައި ވެސް މި ޕާޓީން ވާނީ ވަގު ފޯމެއް ބަލައިގަނެ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ޕާޓީ އީސީން ބަދަލުކޮށްފިނަމަ އެ މެމްބަރެއްގެ ގޮނޑި ގެއްލުމުގެ ފުރުސަތު ގާނޫނުއަސާސީއަށް މިފަހުން ގެނައި ބަދަލާއެކު އޮތްކަމުގެ ކަންބޮޑުވުން ހިއްސާކޮށްފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތަށް ޕީއެންސީއަށް އެއް ލައްކަ މެމްބަރުން ހަމަކުރަން ކަމަށް ބުނެ މީހުންގެ ސޮއި ފޯޖުކޮށްގެން ހުށަހަޅަމުންދާ ފޯމުތައް ޕްރޮސެސް ކުރުން ހުއްޓާލުމަށް ވެސް މި ޕާޓީން އީސީގައި އެދިފައިވާނެ އެވެ.
މި ހުރިހާ ކަންބޮޑުވުންތަކެއް ހިއްސާކޮށްފައި ވަނިކޮށް އީސީގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ނަމުގައި ހުށަހެޅި ވަގު ފޯމެއް އެޕްރޫވް ވެގެންދިޔުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. މި މައްސަލާގައި މެމްބަރު ޒިޔާދުގެ ނަމުގައި ހުށަހެޅި ވަގު ފޯމުގެ ކޮޕީއެއް ހޯދުމަށް މިއަދު މެންދުރު 14:00 ގައި މި ޕާޓީން އީސީއަށް ދިޔުމަށް ވަނީ ނިންމާފަ އެވެ.
ޑިޕާޓްމަންޓު އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) ގެ ޑޭޓާބޭސްއިން ވެރިކަން ކުރާ ޕާޓީން ކުރަމުންދާ ވައްކަންތައް ހުއްޓުވައި ދައުލަތުގެ އިދާރާތަކަށް ނުފޫޒު ފޯރުވައި ޕާޓީއަށް މެމްބަރުން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތައް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ކަމާ ގުޅުންހުރި އިދާރާތަކަށް އެމްޑީޕީން ގޮވާލަމެވެ.