ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދިޔަ “ބިންވެރިޔާ” ސްކީމަށް ޝަރުތު ހަމަނުވާ އެތައް ބަޔަކަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ދޮގު ލިޔުން ތައްޔާރުކޮށް މަކަރާއި ހީލަތުން ބިންތައް ދީފައިވާތީ ކަންބޮޑުވުން ފާޅުކުރަމެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ބޯހިޔާވަހިކަމުން ވައްކަން ކޮށްފައިވާކަން ފަޅާއަރައި މިފަދަ ބޮޑު ހިޔާނާތެއް ހިންގާފައިވުމަކީ މި ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނާއި ވައްކަން މޫލާފައިވާ މިންވަރު ހާމަވެގެންދާ އަލިގަދަ ހެއްކެކެވެ. މި މައްސަލަ ފެންމަތިވުމާއެކު ވެސް މިހާތަނަށް އައިއިރު ވެސް އެޗްޑީސީގެ ވެރިންނާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައި ނުވުމަކީ ކޮރަޕްޝަނާއި ވައްކަމަށް މި ސަރުކާރުން ހިތްވަރު ދެމުންދާކަން ހާމަވެގެންދާ ކަމެކެވެ.
ދައުލަތުގެ ލިޔެކިޔުންތަކަށް ބަދަލު ގެނެސްގެން ގޯތީގެ ރެޖިސްޓްރީ ހަދައި ހައްގުވެރި ނޫން އެތައް ބަޔަކަށް ހުޅުމާލެއިން ބިންތަކެއް ދީފައިވާ އެޗްޑީސީ ހިންގުން ރައީސް މުއިއްޒު މިނިސްޓަރެއްގެ ފެންވަރުގައި ހަވާލުކުރެއްވި އިބްރާހިމް ފަޟުލް ރަޝީދު އެ މަގާމުން ވަކިކޮށް އޭނާއާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލަމެވެ.
އޭގެ އިތުރުން, މި މުއާމަލާތަކީ އެކަކަށް ހިންގޭނެ ފަދަ މުއާމަލާތަކަށް ނުވުމާ އެކު މި މުއާމަލާތްތަކުގައި ހިމެނޭ ހުރިހާ ފަރާތްތަކަށް ގާނޫނުގައި ބަޔާންކުރާ އެންމެ ހަރުކަށި އަދަބު ދިނުމަށް މި ޕާޓީން ގޮވާލަމެވެ. ހަމައެހެންމެ, މި ގޮތަށް އޮޅުވާލައިގެން ދީފައިވާ ބިންތައް އަނބުރާ ނަގައި “ބިންވެރިޔާ” ސްކީމްގެ ހައްގުވެރި ފަރާތްތަކަށް ބިންތައް ވީ އެންމެ އަވަހަކަށް ހަވާލުކުރުމަށް ސަރުކާރަށް ގޮވާލަމެވެ.
އެޗްޑީސީ އާއި ސަރުކާރުގެ ހިއްސާ އޮންނަ އެހެނިހެން ކުންފުނިތައް މެދުވެރިކޮށް ވައްކަމާއި ހިޔާނާތުގެ އެތަކެއް އަމަލުތަކެއް ހިންގަމުންދާއިރު ވެސް ރާއްޖޭގެ ތަހުގީގީ އިދާރާތާއި މިނިވަން މުއައްސަސާތަކުން އެއްވެސް ކަމެއް ނުކޮށް އެ ކަންކަމަށް ހިތްވަރު ދެވޭނެހެން އަމަލުކުރަމުންދާކަން ހިތާމައާއެކު މި ޕާޓީން ފާހަގަކުރަމެވެ. ރައްޔިތުންގެ މުދަލަށް ހިޔާނާތްތެރިވަމުންދާ މީހުންގެ މައްސަލަތައް ވީ އެންމެ އަވަހަކަށް ބަލައި ފިޔަވަޅު އެޅުމަށް ދައުލަތުގެ ހުރިހާ އިދާރާއެއްގެ ކިބައިން މި ފުރުސަތުގައި އެމްޑީޕީން އެދެމެވެ.
ބޯހިޔާވަހިކަމުން ވައްކަން ކުރުމުގެ ފުރުސަތު މި ސަރުކާރަށް ނުދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއް އެމްޑީޕީން ކުރާނެ ކަމުގެ ޔަގީންކަން އަރުވަމެވެ.