އެމްޑީޕީ ސަރުކާރުން ރައްޔިތުންގެ މަޖީލީހަށް ހުށަހަޅާ ފާސްކުރި 2024 ގެ ދައުލަތުގެ ބަޖެޓަކީ 49 ބިލިއަން ރުފިޔާއެވެ. މި ބަޖެޓްގައި ތުޅާދޫ، ގޮއިދޫ، ފުޅަދޫ އަދި ފެހެންދޫގައި ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް 38.5 މިލިއަން ރުފިޔާ ވަނީ ބަޖެޓްކުރެވިފައެވެ.
30 ސެޕްޓެމްބަރ 2024 ގެ ނިޔަލަށް 2024 ޓީޖީއެސްޓީ ގެ ގޮތުގައި ދައުލަތަށް 7.1 ބިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީގެ މާލީ ހިސާބުތަކުން ދައްކައެވެ. މިއީ 2023 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު 6.4 ބިލިއަން ރުފިޔާ އާއި އަޅާބަލާއިރު %34 ކުރިއެރުމެކެވެ. ޓޫރިޒަމް ދާއިރާގެ ރޭންކިންގ ގެ 4 ވަނަ، ބ.އަތޮޅުގައި ހިންގަމުންދާ 17 ރިޒޯޓްގެ 3368 އެނދާއި އެކު ބ.އަތޮޅުން 136 މިލިއަން ރުފިޔާގެ އާމްދަނީއެއް ހަމައެކަނި ޓީޖީއެސްޓީ އާމްދަނީ ގޮތުގައި ދައުލަތަށް ހިއްސާކޮށްފައި ވެއެވެ.
ނަމަވެސް، އެމްޑީޕީ ސަރުކާރުން 2023 ވަނަ އަހަރު ބ،ތުޅާދޫ ގައި އިމާރާތްކުރަންފަށާ އަދި ބާރު ސްޕީޑްގައި ކުރިއަށް ދިޔަ 30 އެނދުގެ 4.4 މިލިއަން ރުފިޔާގެ އަގުހުރި ހޮސްޕިޓަލް ޕްރޮޖެކްޓް، 18 މަސްތެރޭ ނިންމުމަށް އެމްޓީސީސީ އާއި އެކު ހެދިފައިވާ މަސައްކަތުގެ އެއްބަސްވުން 31 އޮކްޓޯބަރ 2024 ގެ ނިޔަލަށް ނިމި، މުއްދަތު އިތުރުކުރުމާއި ހަމަޔަށް ޕްރޮޖެކްޓްގެ ޕްރޮގްރެސް %30 ގައި ހުރިއިރު އެމްޑީޕީ ސަރުކާރުން %80 ގެ މަސައްކަތް ނިންމާފައިވާ، ބޮޑު ފްޓްބޯޅަ ދަނޑުގެ ނުނިމިހުރި މަސައްކަތްތަކަށް ބަޖެޓްކުރެވުނު 0.75 މިލިއަން ރުފިޔާގެ މަސައްކަތްވަނީ ނުފެށިއެވެ. ބ.ގޮއިދޫގެ ސްކޫލް ސްޓާފްރޫމް، 1.4 މިލިއަން ރުފިޔާގެ ޕްރޮޖެކްޓްގެ ކޮންކްރިޓް ސްޓްރަކްޗަރގެ މަސައްކަތާއިއެކު ޕްރޮޖްކްޓް ހުއްޓިފަ އޮންނަތާ 6 މަހަށް ވުރެ ގިނަވެފައި ވާއިރު، މެޖިސްޓްރޭޓް ކޯޓްގެ މަސައްކަތަށް 0.19 މިލިއަން ރުފިޔާ ބަޖެޓްކުރެވިފައި ވީނަމަވެސް މަޝްރޫޢު ހިންގަނީ ފިނިހަކަ ދުވެލީގައެވެ. ބ.ފުޅަދޫގައި އިމާރާތްކުރަމުން ދިޔަ ސްކޫލް 01 ކުލާސް ރޫމްގެ 0.8 މިލިއަން ރުފިޔާގެ ޕްރޮޖެކްޓާއި އަދި އެރަށުގައި ގާއިމުކުރަމުން ދިޔަ، 4.9 މިލއަން ރުފިޔާގެ ފެނާއި ނަރުދަމާ ނިޒާމް ހުއްޓިފަ އޮންނަތާ 9 މަސް ވަނީ ވެފައެވެ. ބ.ފެހެންދޫގައި އިމާރާތް ކުރަންފަށާ އަދި ބާރުސްޕީޑް ގައި ކުރިޔަށް ދިޔަ، 4.3 މިލިއަން ރުފިޔާގެ ފެނާއި ނަރުދަމާ ނިޒާމްގާއިމްކުރުން %45 ގެ މަސައްކަތް ކުރިއަށްގޮސް ހުއްޓިފަ އޮންނަތާ މަސް ތަކެއްވަނީ ފާއިތު ވެފައެވެ.
2024 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި ބ.ތުޅާދޫގައި އަލުން ތަރައްޤީކުރުމަށް ބަޖެޓްކުރެވި މިއަދާއި ހަމައަށްވެސް ނުފެށިފައިވާ 13 މިލިޔަން ރުފިޔާގެ ޕީއެސްއައިޕީ ޕްރޮޖެކްޓްތަކުގެ ތެރޭގައި ހޭންޑް ބޯޅަ ކޯޓް ތަރައްޤީކުރުމާއި، އެއަރޕޯޓް ގާއިމުކުރުމާއި، ފެންހިންދާ ނިޒާމް ގާއިމުކުރުމާއި، ބަނދަރުނެރުފައިކަށި އަޕްގުރޭޑް ކުރުމާއި، މަގުތައް ޒަމާނީ ފެންވަރަށް ހެދުމާއި، ކުނިމެނޭޖްކުރާ މަރުޒަކު އަޕްގުރޭޑްކުރުމާއި އަދި އިތުރު 100 ހައުސިންގ ޔުނިޓް އެޅުން ހިމެނެއެވެ. ބ.ގޮއިދޫގައި އަލުން ފެށުމަށް ބަޖެޓްކުރެވި ނަމަވެސް އަމަލީ މަސައްކަތް ނުފެށިހުރި، 2 މިލިޔަން ރުފިޔާގެ ޕީއެސްއައިޕީ ޕްރޮޖެކްޓްތަކަކީ ސްކޫލް މަލްޓި ޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތާއި، ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމާއި އަދި ބަނދަރު މަރާމާތުކުރުން ފަދަ މުހިންމު ތަރައްޤީގެ މަޝްރޫއުތަކެވެ. ބ.ފުޅަދޫއަށް ބަޖެޓްކުރެވި އަމަލީ މަސައްކަތް ނުފެށިހުރި، 2.7 މިލިޔަން ރުފިޔާގެ ޕީއެސްއައިޕީ ޕްރޮޖެކްޓްތަކުގެ ތެރޭގައި ސްކޫލް އޮފީސް އިމާރާތުގެ މަސައްކަތާއި، މިސްކިތް އިމާރާތްކުރުމާއި އަދި ހައުސިންގ ޔުނިޓް އިމާރާތްކުރުން ހިމެނެއެވެ. އަދި ބ.ފެހެންދޫގައި ތަރައްޤީކުރުމަށް 2024 ވަނަ އަހަރު ބަޖެޓްކުރެވި މިއަދާއި ހަމައަށްވެސް ނުފެށިހުރި، 2.6 މިލިޔަން ރުފިޔާގެ ޕީއެސްއައިޕީ ޕްރޮޖެކްޓްތަކަކީ ފުޓްބޯޅަ ދަނޑު ގާއިމުކުރުމާއި އަދި މިސްކިތް އިމާރާތް ކުރުމެވެ.
ދިވެހިރައްޔިތުންގެ ވިޔަފާރިތަކުން ދައުލަތަށް މި އަހަރު ލިބުނު ޓެކްސް ފައިސާއިން ރައްޔިތުންނާއި ގުޅުންހުރި ޒަރޫރީ އަދި ރަށު ތަރައްގީގެ މަޝްރޫޢުތައް ނުހިންގާ ބޮޑުތަނުން އިހުމާލުވެ، 2024 ގެ ސެޕްޓެމްބަރ ނިޔަލަށް މިއަހަރަށް ފާސްކުރި 49 ބިލިއަން ރުފިޔާގެ ބަޖެޓް ހުސްކޮށް އިތުރު 5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް މަޖިލީހުން ފާސްކުރިއިރު، މިއަދާއި ހަމައަށްވެސް 2024 ގެ ބަޖެޓް ހުސްކުރިގޮތުގެ ތަފްސީލް ހާމަކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓްކޮމިޓީން ދެކޮޅުހެދުމާއި، ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ މާލީ ހިސާބުތަކުން މި މައުލޫމާތު ރައްޔިތުންނަށް ފެންނަން ނެތުމާއި އަދި މި ބަޖެޓުން ދިވެހިރާއްޖޭގެ އެއްވެސް ރަށެއްގައި ހިންގި ތަރައްޤީގެ މަޝްރޫޢުއެއް ފެންނަން ނެތުމަކީ ދިވެހި ރައްޔިތުންނާއި އަދި ލާމަރުކަޒީ ޤާނޫނުގެ ދަށުން އުފެދިފައިވާ ރައްޔިތުންގެ ހިދުމަތުގައި ދެމިތިބި ކައުންސިލް އިދާރާތަކުގެ ކަންބޮޑުވުން އިންތިހާއަށް އޮތްކަމެކެވެ.
ޕީއެންސީގެ ސަރުކާރުގެ 52 ހަފްތާ ކާމިޔާބީތައް ހާމަކޮށް 17 ނޮވެމްބަރ 2024 ވަނަ ދުވަހު މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން މީސްމީޑިޔާގައި އާންމުކޮށްފައިވާ ޕޯސްޓްގައި ބ.ފުޅަދޫ އަދި ފެހެންދޫގެ ފެނާއި ނަރުދަމާ ނިޒާމްގެ މަސައްކަތް އަލުން ފެށިއްޖެކަމަށް ވިދާޅުވިނަމަވެސް، ބ.ފުޅަދޫ އަދި ފެހެންދޫގެ ކައުންސިލް އިދާރާއިން މިކަން ދޮގުކުރެެެވެ. ރައްޔިތުންނަށް އޮޅޭގޮތަށް ދޮގު މަޢުލޫމާތާއި އަދި ޚަބަރު ފެތުރުން ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓަރ ހުށަހެޅުއްވި 2025 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި ތުޅާދޫ ދާއިރާގެ ކައުންސިލް އިދާރާތަކަށް ލާމަރުކަޒީ ޤާނޫނުން ރައްޔިތުންނަށް ހިދުމަތްދިނުމަށް ދައުލަތުގެ ބަޖެޓުން ލާޒިމުކުރާ ބްލޮކް ގްރާންޓްގެ %33 އުނިކުރެވިފައި އޮތް އޮތުން ކުށްވެރިކުރަމެވެ.
2024 ވަނަ އަހަރު ފާސްކުރެވުނު ދައުލަތުގެ ބަޖެޓްގައި ހިމެނިގެން، ތުޅާދޫ ދާއިރާގައި އެކި މަރުހަލާތަކުގައި ނުހިގާ ހުއްޓިފައޮތް، 38.5 މިލިއަން ރުފިޔާގެ ތަރައްޤީގެ މަޝްރޫޢުތަކަކީ ޤާނޫނު އަސާސީން ކޮންމެ ދިވެހި ރައްޔިތަކަށް، ކުދި ބޮޑު އާބާދީތައް ތަފާތު ކުރުމެއްނެތި ހަމަހަމަ ކަމާއިއެކު ސަރުކާރުން ކަށަވަރުކޮށްދެންޖެހޭ ހައްޤުތަކެކެވެ. ތުޅާދޫ ދާއިރާގައި ހުއްޓިފައި ހުރި ސާފުބޯފެނާއި ނަރުދަމާ، ތަޢުލީމީ، ދީނީ، އިޖްތިމާޢީ އަދި ސިއްހަތާއި ގުޅުންހުރި ތަރައްޤީގެ މަޝްރޫޢުތަކަކީ ތުޅާދޫ ދާއިރާގެ އެމްޑީޕީގެ ލޮބުވެތި މެމްބަރުންނާއި، އިސްލާހީ މަސައްކަތުގައި ދެމިތިބި އަދި ހައްޤުތައް ކަށަވަރުކުރުމަށް ވަކާލާތުކުރާ ދާއިރާގެ ރައްޔިތުންގެ ނުހަނު ބޮޑު ކަންބޮޑުވުން އޮތްކަމެކެވެ.
2025 ގެ ދައުލަތުގެ ބަޖެޓްގައި ޕީއެސްއައިޕީ ޕްރޮޖެކްޓްތަކުގެ ތަފްސީލް އުނިކޮށް، ބަޖެޓްކޮމިޓީން ސިއްރުބަޖެޓެއް ދިރާސާކޮށް ނިންމާ، މަޖިލީހުގައި ބަޖެޓްބަހުސް ކުރިއަށްދާ މި ހައްސާސް ދަނޑިވަޅުގައި ހަލުވި ފިޔަވަޅުތަކެއް މަތީގައި ބަޖެޓަށް ވޯޓަށް އަހާ ފާސްކުރުމާއި ދިމާލަށް ރައްޔިތުންގެ މަޖިލީހުގެ މިސްރާބު ހުރިކަމީ މިކަމުގެ ބިރުވެރިކަމާއި، ނާމާންކަމާއި އަދި ދިވެހިރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތްކަމެކެވެ.
ވީމާ، ރައްޔިތުންގެ މަޖިލީހުގެ ބަޖެޓްކޮމިޓީން ފާސްކޮށް މަޖިލީހުގެ ތަޅުމަށް ހުށަހެޅި، ކުރިއަށްދާ 2025 ވަނަ އަހަރުގެ ބަޖެޓް ބަހުސްގައި ބައިވެރިވެ ތުޅާދޫ ދާއިރާގެ ރައްޔިތުންގެ ހައްޤުގައި ވަކާލާތުކޮށް އަދި ބަޖެޓަށް ވޯޓުދެއްވާއިރު މަތީގައި ދެންނެވިފައިވާ ޕީއެސްއައިޕީ ޕްރޮޖެކްޓްތައް ހިމެނޭކަން ކަށަވަރުކޮށް ދިނުމަށް އަދުގެ ސަރުކާރަށާއި އަދި ތުޅާދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަށް ގޮވާލަމެވެ.
27 ނޮވެމްބަރ 2024