އިލެކްޝަންސް ކޮމިޝަން (އީސީ) އާއި އެންޓި ކޮރަޕްޝަން ކޮމިޝަން ރައީސުލްޖުމްހޫރިއްޔާގެ ބާރުގެ ދަށަށް ގެނައުމަށް އެ ކޮމިޝަންތަކުގެ ރައީސް އާއި ނައިބު ރައީސުންނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރާ ބައެއްގެ ގޮތުގައި ކަނޑައެޅުމަށް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ، ގާނޫނުއަސާސީން އެކަށައަޅާފައިވާ ފާރަވެރިވުމުގެ ނިޒާމު ފުނޑާލައި، ބާރުތައް އެއްކޮށްލުމުގެ ސިލްސިލާގެ ތެރެއަށް އިތުރުވާ ބޮޅެކެވެ. މިކަން މިޕާޓީއިން ކުށްވެރިކުރަމެވެ.
އިލެކްޝަންސް ކޮމިޝަނާއި، އެންޓި ކޮރަޕްޝަން ކޮމިޝަނުގެ އިސް ހިންގުންތެރިން އައްޔަނުކޮށް ވަކިކުރުމުގެ ބާރު ގާނޫނުން އެ ކޮމިޝަންތަކަށް ދޫކޮށްލާފައި އޮތީ ގާނޫނުއަސާސީގެ 167 ވަނަ މާއްދާއާއި، 199 ވަނަ މާއްދާގައި، އެ ކޮމިޝަންތަކަކީ މިނިވަން މުސްތަގިއްލު ކޮމިޝަންތަކަކަށް ވާންޖެހޭނޭ ކަމަށް ކަނޑައަޅާފައި އޮތުމުންނެވެ. އެ ކޮމިޝަންތަކުގެ އިދާރީ ހިންގުމުގެ ހުރިހާ ޒިންމާއެއް އުފުލާ މީހުންނަކީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ބަޔަކަށް ހެދުމަކީ ވެރިކަން ހިންގާ ބާރުގެ ސީދާ ނުފޫޒު އެކޮމިޝަންތަކުގެ މައްޗަށް ފޯރުވުމުގެ ނާތަހުޒީބު އަމަލެކެވެ. އަދި އެއީ ޑިމޮކްރެސީގައި ދިވެހިން މިކުރާ ދަތުރުގައި، އެތައް ބައެއްގެ މިންނެތް މަސައްކަތުން އެކަށައެޅި ނިޒާމުގައި ފަހަތަށް އެޅޭ ފިޔަވަޅެކެވެ.
ރާއްޖޭގައި ބާއްވާ އިންތިހާބުތައް ބޭއްވުމުގެ ޒިންމާ މަތިކޮށްފައިވާ އީސީ އާއި ކޮރަޕްޝަންގެ އަމަލުތައް ތަހުގީގު ކުރުމުގެ ޒިންމާ އޮތް އޭސީސީއަކީ ވަކި ކޮޅަކަށް ނުޖެހި މިނިވަންކަމާ އެކު މަސައްކަތް ކުރާ މުސްތަގިއްލު ކޮމިޝަންތަކަށް ވުމަކީ އެ ކޮމިޝަންތަކުގެ އަސާސީ ސިފައެކެވެ. ގާނޫނުއަސާސީގެ 167 ވަނަ މާއްދާއާއި، 199 ގައި ކަނޑައަޅާފައި އޮތް މިނިވަންކަމާއި، މުސްތަގިއްލުކަމުގެ ސިފަ ގެއްލުވާލައި ރައީސުލްޖުމްހޫރިއްޔާގެ މުށުތެރެއަށް ކޮމިޝަންތައް ލުމަށް މަސައްކަތް ކުރަމުން ދަނީ ރައްޔިތުންގެ ބާރު ކަނޑުވާލައި ކޮމިޝަންތަކުގެ މަސައްކަތަށް ރައީސުލްޖުމްހޫރިއްޔާގެ ނުފޫޒު ފޯރުވުމަށެވެ.
އީސީ އާއި އޭސީސީގެ ރައީސް އާއި ނައިބު ރައީސުންނަކީ ވެސް މި ކޮމިޝަންތައް ހިންގުމުގައި އެންމެ އިސް ދައުރެއް އަދާކުރަން ޖެހޭ ބޭފުޅުންނެވެ. ކޮމިޝަނުގެ މެމްބަރުންގެ މެދުގައި ނަގާ ވޯޓަކުން އެ މަގާމުތަކަށް ބޭފުޅުން އައްޔަނު ކުރެވޭ ގޮތަށް އޮތް މާއްދާތައް ބަދަލުކުރަނީ ސަރުކާރުން މި ކޮމިޝަންތަކުގެ މިނިވަންކަމާއި މުސްތަގިއްލުކަން ނަގާލައި ސިޔާސީ ނުފޫޒު ފޯރުވުމަށެވެ.
ރައްޔިތުންގެ މަޖިލީހުގައި އޮތް ސަރުކާރުގެ ސުޕަމެޖޯރިޓީ ބޭނުންކޮށްގެން ރައީސް ޑރ. މުހައްމަދު މުއިއްޒަށް މުޅި ދައުލަތުގެ ހުރިހާ ބާރަކަށް ނުފޫޒު ފޯރުވޭ ގޮތަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުރިހާ ބާރެއް ޖަމާކުރުމަށް ކުރަމުންދާ މަސައްކަތްތައް ވަގުތުން ހުއްޓާލުމަށް ސަރުކާރަށް އެމްޑީޕީން ގޮވާލަމެވެ. އަދި ދިވެހިރާއްޖޭގެ ރައްޔިތުން، ގާނޫނުއަސާސީގައި އެކަށައެޅި ފާރަވެރިވުމުގެ ނިޒާމު ހިމާޔަތްކޮށް އެގޮތުގައި ދެމެހެއްޓުމަށް މިޕާޓީ ކުރަންޖެހުނު ކޮންމެ މަސައްކަތެއް ކުރުމުގައި ފަސްނުޖެހޭނޭކަންވެސް ދިވެހި ސަރުކާރަށް ދަންނަވަމެވެ.