ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި 62 އަހަރުގެ ފިރިހެނަކު މާފުށީ ޖަލުގައި މިއަދު އަމިއްލައަށް މަރުވިކަމުގެ ހިތާމަވެރި ޚަބަރު ލިބިފައިވާތީ، ޖަލު ބަންދުގައި ތިބޭ މިހުން މަރުވުމުގެ ހާދިސާތައް ތަކުރާރުވަމުންދާކަން ފާހަގަކޮށް، އެ މައްސަލައިގައި ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން ކަންބޮޑުވުން ފާޅުކުރަމެވެ. އަދި މި ދަނޑިވަޅުގައި މަރުހޫމްގެ އާއިލާއަށް އިހުލާސްތެރި ތައުޒިޔާ ފޮނުވަމެވެ.
މިކަން ހިނގައިފައި މިވަނީ، މި ސެޕްޓެންބަރު މަހުގެ ކުރީކޮޅު މާލޭގައި އަންހެނަކު ރަހީނުކުރި އާދަމް އަތުހަރު ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫ ކަސްޓޯޑިއަލްގައި ހުއްޓައި އޭނާ އަމިއްލައަށް މަރުވުމަށް މަސައްކަތް ކުރުމުން، މާލެ ގެނެސް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް އޭނާ ނިޔާވި މައްސަލައިގައި އާއްމު ރައްޔިތުންނާއި މި ޕާޓީން ނުހަނު ކަންބޮޑުވުން ފާޅުކޮށް، އެ މައްސަލައިގައި ފުރިހަމަ ތަހުގީގެއް ހިންގުމަށާއި، އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް ޓަކައި ފިޔަވަޅުތައް އެޅުމަށް ގޮވައިލައިފައި ވަނިކޮށް ކަމުގައިވީ ހިނދު، އަނެއްކާވެސް މިފަދަ ހާދިސާއެއް ހިނގުމަކީ މި ޕާޓީން ނުހަނު ކަންބޮޑުވާ ކަމެކެވެ.
ދައުލަތުގެ ބެލުމުގެ ދަށުން ބަންދުގައި ހުންނަ ކޮންމެ މީހެއްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ ގާނޫނީ ގޮތުން ސަރުކާރުގެ މައްޗަށް ލާޒިމު ކަމެއް ކަމަށްވާއިރު، އަދި ދާދިފަހުން މި ބާވަތުގެ އެހެން ހާދިސާއެއް ހިނގައިފައި ވާއިރު، މި ގައިދީ ޖަލު ގޮޅީގައި ހަރަކާތްތެރިވަމުންދިޔަ ގޮތް ރަނގަޅަށް ބަލައި އެކަށީގެންވާ ވަގުތުގައި ފިޔަވަޅު އެޅުމުގައި އިހުމާލުތަކެއް އޮތް ކަމަށް މި ޕާޓީއަށް ގަބޫލު ކުރެވެއެވެ.
އަނެއްކާވެސް، ޖަލު ބަންދުގައި ހުރި މީހަކު މަރުވުމުގައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ އިހުމާލު އޮތް ކަމަށް ބެލުމުގެ ޖާގަ އޮތްއިރު މިކަމުގެ ފުރިހަމަ މިނިވަން ތަހުގީގެއް ހިންގައި އެ ތަހުގީގު އާންމުކުރުމަށް ދިވެހިރައްޔިތުންގެ ޕާޓީން ދައުލަތުގެ މުއައްސަސާތަކަށް ގޮވާލަމެވެ. މި ތަހުގީގުތަކުގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށް މިފަދަ ހާދިސާތައް ތަކުރާރު ނުވާނެ ގޮތަށް ފިޔަވަޅުތައް އެޅުމަށް ވެސް ހުރިހާ އިދާރާއަކަށް މި ޕާޓީން ގޮވާލަމެވެ.