ޕްރޮސެކިއުޓަރ ޖެނަރަލް އަލްއުސްތާޛު ހުސައިން ޝަމީމް މަގާމުން ވަކިކުރުމަށް ޕީޕީއެމް/ޕީއެންސީގެ ސަރުކާރުން ކުރާ މަސައްކަތް ކުށްވެރިކުރުން

މިނިވަން މުއައްސަސާތަކަށް ސިޔާސީ ނުފޫޒު ފޯރުވުމުގެ މަގުސަދުގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ ހިލާފަށް ޕްރޮސެކިއުޓަރ ޖެނަރަލް އަލްއުސްތާޛު ހުސައިން ޝަމީމް މަގާމުން ވަކިކުރުމަށް މިއަދު ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ނިންމި ނިންމުން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ކުށްވެރިކުރަމެވެ.

ޕްރޮސެކިއުޓަރ ޖެނަރަލް މަގާމުން ވަކިކުރުމަށް މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ކުރިއަށް ދިޔަ ބައްދަލުވުމަކީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކުރިއަށް ގެންދިޔަ ބައްދަލުވުމެކެވެ. މަޖިލިސް ގަވާއިދު ބަޔާންކުރާ ގޮތުން، މަޖިލީހުގެ ކޮމިޓީއަކުން އެ ކޮމިޓީއެއްގެ ބައްދަލުވުމެއް ސިއްރު ބައްދަލުވުމެއްގެ ގޮތުގައި ނިންމޭނީ އެ ގަވާއިދުގައި ބަޔާންކުރާ ސަބަބުތަކުންކުރެ ސަބަބަކަށް އެ ބައްދުލުވުމެއް ފެތޭ ނަމައެވެ. ނަމަވެސް، އެ ކޮމިޓީގެ ބައްދަލުވުން ސިއްރު ކުރުމަށް ކޮމިޓީގެ މުގައްރިރު ނިންމެވީ މަޖިލީހުގެ ގަވާއިދުގެ 46 ވަނަ މާއްދާގައި ކޮމިޓީއެއް ސިއްރުކުރެވޭނެ ކަމަށް ބަޔާންކޮށްފައިވާ އެއްވެސް ސަބަބެއް މެދުވެރިވެފައި ނުވަނީހެވެ. އަދި ޕްރޮސެކިއުޓަރ ޖެނަރަލް ވަކިކުރަށް ނިންމި ޖުޑިޝަރީ ކޮމިޓީ ރިޕޯޓުންވެސް އެކޮމިޓީގެ ބައްދަލުވުން ސިއްރުކުރަން ނިންމި ސަބަބެއް އެގެން ނެތްކަން ފާހަގަކުރަމެވެ.

ޕްރޮސެކިއުޓަރ ޖެނަރަލްގެ މައްޗަށް ޕީޕީއެމް/ޕީއެންސީގެ މަޖިލިސް މެމްބަރުން އާއްމުކޮށް ކުރައްވަމުންގެންދެވި ތުހުމަތުތަކަށް ޖަވާބުދާރީވުމަށް އާއްމުންނަށް ހުޅުވާލައިގެން ކޮމިޓީ ބާއްވައިދިނުމަށް ޕްރޮސެކިއުޓަރ ޖެނަރަލް ތަކުރާރުކޮށް އެދިވަޑައިގަތުމުންވެސް ކުއްލި ގޮތަކަށް ޖުޑިޝަރީ ކޮމިޓީގެ އެ ބައްދަލުވުން ސިއްރުކުރުމަށް މަޖިލީހުގެ ގަވާއިދާ ހިލާފަށް އެ ކޮމިޓީން ނިންމި ނިންމުމަކީ ޑިމޮކްރެޓިކް ހަމަތަކާ ހިލާފަށް، އަދި ޑިއު ޕްރޮސަސްއަށް ޖާގަނުދީ، ބަންދު ކޮޓަރިއެއްގައި އަވަސް އަރުވާލައިގެން ނިންމާފާއިވާ ނިންމުމެކެވެ. ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުން، މިފަދައިން، އިޖުރާއީ އަދުވެރިކަމަށް ޖާގަނުދީ މިނިވަން މުއައްސާތަކުގައި ތިއްބެވި ބޭފުޅުން ވަކިކުރަމުން ގެންދާ މަސައްލައަކީ މިޕާޓީ ކަންބޮޑުވާމައްސަލައެކެވެ.

ޕީޕީއެމް/ޕީއެންސީގެ ސުޕަރ މެޖޯރިޓީ މަޖިލީހުން ޕްރޮސެކިއުޓަރ ޖެނަރަލްގެ މަގާމުން އަލްއުސްތާޛު ހުސައިން ޝަމީމު ކުއްލިގޮތަކަށް ވަކިކުރުމުގެ މުޅި އިޖުރާއާތަކީ ގާނޫނުއަސާސީގައި ތަސައްވުރުކޮށްފައިވާ ގޮތާއި ދިމާ އިދިކޮޅަށް އަދި މަޖިލީހުގެ ގަވާއިދާވެސް ހިލާފަށް ކުރާ މަސައްކަތެއްކަމުން އެކަން ވަގުތުން ހުއްޓާލައި އަދި ރައީސް ޑރ.މުއިއްޒުގެ ސަރުކާރުން މިނިވަން މުއައްސަސާތަކަށް ބިރުދެއްކުމާއި ސިޔާސީ ނުފޫޒު ފޯރުވުމަށްކުރަމުންދާ މަސައްކަތް ހުއްޓާލުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ގޮވާލަމެވެ.