އިންޑިއާގެ ޚާރިޖީ ވަޒީރު ދިވެހިރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަށް އެމްޑީޕީއިން މަރުހަބާ ކިޔައިފި

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)ގެ ރައީސް ޢަބްދުﷲ ޝާހިދު، އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއަރޒް ޑރ. ސުބްރަމާނިއަމް ޖައިޝަންކަރުއާ މިއަދު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ޝާހިދުގެ އަރިހުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލްއާއި، ޕާޓީގެ ނައިބު ރައީސާ ހިސާން ހުސެއިންއާއި، ޒުވާނުންގެ ހިތްވަރުގެ ރައީސާ ރިފްޤާ ޝިހާމްއާއި، އެމްޑީޕީގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ މެމްބަރުންކަމަށްވާ އާމިނަތު ޝައުނާ އަދި ހުސެން ޝަހީމްގެ އިތުރުން ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ޝާޒްލީ ޝަފީޤް ބައިވެރިވެވަޑައިގަތެވެ.
ދިވެހިރާއްޖެއާއި އިންޑިއާގެ ގުޅުން އަބަދުވެސް ބިނާވެފައިވަނީ އެއް ޤައުމުން އަނެއް ޤައުމަށް އިޙްތިރާމްކުރުމާއި، ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ޙުރުމަތްތެރިކޮށް ހިތުމާއި، ދެޤައުމުގެ ސަރަޙައްދުގެ ސަލާމަތްތެރިކަމާއި، އަދި ސަރަޙައްދީ ސަލާމަތާއި، އިންޑިއާ ކަނޑުގެ ސަރަޙައްދުގެ އަމާންކަމާއި ރައްކާތެރިކަމަށް ކުރެވޭ މަސައްކަތްތަކުގެ މައްޗަށެވެ. ދިވެހިރާއްޖެއިން “ބައިނަލްއަޤްވާމީ 911 އަށް ގުޅައިފި” ކޮންމެ ވަގުތެއްގައިވެސް އެންމެ ފުރަތަމަ އިޖާބަދޭނީ އިންޑިއާކަމުގެ ޔަޤީންކަން ދިވެހިރާއްޖެއަށް އަބަދުވެސް އޮވެއެވެ.
އެހެންކަމުން، މިއަދުގެ ސަރުކާރުން އެކި ގޮތްގޮތަށް އިންޑިއާއާ ދެކޮޅަށް ދިވެހި ރައްޔިތުންގެ މެދުގައި ނަފްރަތު އުފެއްދުމަށް މަސައްކަތްކުރިކަމީ މިޕާޓީއިން ހިތާމަކުރާ ކަމެކެވެ. އެކި ބަސްތަކާއި މަލާމާތުގެ ޒަރީއާއިން، ގިނަ ދުވަސްވީ ރަޙްމަތްތެރިއެއް އަދި ތަރައްޤީގެ ބައިވެރިއެއް ކަމަށްވާ އިންޑިއާ، ގަނާކުރާ ޤައުމެއްގެ ގޮތުގައި ސިފަކުރުމުގެ ސަބަބުން އެކަމުގެ ނޭދެވޭ އަސަރުތައް ދިވެހިރާއްޖޭގެ އިޤްތިޞާދަށްކޮށް، ބައިނަލްއަޤްވާމީ މުޖްތަމަޢުގައި ދިވެހިރާއްޖެއަށް ލިބިފައި އޮތް މަޤާމަށް އަސަރުކޮށްފައިވެއެވެ.
އެހެންކަމުން، ރައީސް މުޢިއްޒުގެ ސަރުކާރުން އިންޑިއާއާމެދު ގެންގުޅޭ ސިޔާސަތު “އިންޑިއާ އައުޓް” އިން “ވެލްކަމް އިންޑިއާ” އަށް ބަދަލުކުރި ކުރުމަށް އެމްޑީޕީން މަރުޙަބާ ކިޔަމެވެ. އަދި މި ބަދަލަކީ ހަމައެކަނި ވަގުތީ ނުވަތަ ދެއްކުންތެރިކަމުގެ ބަދަލަކަށް ނުހަދައި، ދިވެހި ރައްޔިތުންގެ މަޞްލަޙަތަށްޓަކައި ދެމެހެއްޓެނިވި އަދި މާނަހުރި ބަދަލަކަށް ވާނެކަމަށް މި ޕާޓީއިން އުންމީދު ކުރެއެވެ. މީގެ އިތުރުން، “އިންޑިއާ އައުޓް” ކެމްޕޭނުގެ ހެދި ދޮގުތަކާއި އޭގެ ސަބަބުން ލިބުނު ގެއްލުންތަކަށް، ރައްޔިތުންގެ ކިބައިން މަޢާފަށް އެދުމަށް ރައީސް މުޢިއްޒުގެ ސަރުކާރަށް އެމްޑީޕީން ގޮވާލަމެވެ.
މިއަދުގެ ބައްދަލުވުމުގައި، އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ދިވެހިރާއްޖެއަށް ދަތުރުފުޅެއް ކުރެއްވިކަމަށްޓަކައި ޝާހިދު ޝުކުރު އަދާކުރެއްވިއެވެ. އަދި އިންޑިއާއިން މެދުކެނޑުމެއް ނެތި ވެދެމުންދާ އެހީތެރިކަމަށް އިންޑިއާއަށް ޝުކުރު އަދާކުރެއްވިއެވެ. މީގެ އިތުރުން ސިވިލް ސަރވިސްގެ 1000 މުވައްޒަފުން ތަމްރީންކުރުމަށް ރައީސް ޞާލިޙްގެ ސަރުކާރުން އިންޑިއާއާއެކު ހަދާފައިވާ އެއްބަސްވުން އައު ކުރުމާއި ގުޅިގެން އެކަމަށް މަރުޙަބާ ވިދާޅުވިއެވެ. މި އެއްބަސްވުމަކީ ދިވެހިރާއްޖޭގައި އިންސާނީ ވަޞީލަތްތައް ތަރައްޤީކުރެއްވުމަށް ރައީސް ޞާލިޙްގެ ސަރުކާރުން ފެއްޓެވި މުހިއްމު މަސައްކަތެކެވެ. މީގެ އިތުރުން، އިޤްތިޞާދީ ތަރައްޤީއާބެހޭ މިނިސްޓްރީއާއި އިންޑިއާގެ ނެޝަނަލް ޕޭމަންޓްސް ކޯޕަރޭޝަން (އެންޕީސީއައި) އާ ދެމެދު ސޮއިކުރެވުނު އެމްއޯޔޫއަށްވެސް އެމްޑީޕީން އިން ވަނީ މަރުޙަބާ ކިޔާފައެވެ. ޑިޖިޓަލް ޕޭމަންޓްތަކުގެ ނިޒާމްތައް ހަރުދަނާކުރުމުގެ މި އެއްބަސްވުމަކީ ރައީސް ޞާލިޙްގެ ސަރުކާރުން އިންޑިއާ ސަރުކާރާއެކު މަޝްވަރާކުރެވި، ސޮއިކުރުމާ ހިސާބަށް ގެނެވިފައިވާ އެއްބަސްވުމެކެވެ.
މީގެ އިތުރުން، އިންޑިއާގެ ހިލޭ އެހީގައި، ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސްގެ ސްކީމްގެ ދަށުން ހިންގުނު 6 ޕްރޮޖެކްޓެއް ނިންމުން ފާހަގަކޮށް، ދިވެހި ސަރުކާރާ ހަވާލުކޮށްފައިވާތީ، އެކަމަށްވެސް އެމްޑީޕީ އިން ވަނީ އިންޑިއާއަށް ޝުކުރު އަދާކޮށްފައެވެ. ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ތަކަކީ 2019 ވަނަ އަހަރު އެމްޑީޕީ ސަރުކާރުން އިންޑިއާއާއެކު ވެފައިވާ އެއްބަސްވުމެއް ދަށުން ހިންގަމުން އަންނަ، މުޖްތަމަޢަށް ނުހަނު ފައިދާހުރި ޕްރޮޖެކްޓްތަކެކެވެ.
ހަމައެއާއެކު، އިންޑިއާގެ އެގްޒިމް ބޭންކުގެ ފައިނޭންސިންގ އެހީގެ ދަށުން 28 ރަށެއްގައި ހިންގުނު ފެނާއި ނަރުދަމާގެ މަޝްރޫޢުތައް ނިންމައި، ދިވެހި ސަރުކާރާ ޙަވާލުކުރުމަށްވެސް މި ޕާޓީން މަރުހަބާ ކިޔަމެވެ. މި މަޝްރޫޢުތައް ހިންގާފައިވަނީ 2018 ގެ ޑިސެމްބަރުގައި ރައީސް ޞާލިހު އިންޑިއާއަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅުގައި އިންޑިއާ ސަރުކާރުން ދެއްވި 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. އަދި މި މަޝްރޫޢުތައް ފަށާފައިވަނީ ރައީސް ޞާލިޙްގެ ސަރުކާރުގައެވެ.
މި ދަތުރުފުޅުގައި އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. ޖައިޝަންކަރު އައްޑޫ ސިޓީއަށް ކުރައްވާ ޒިޔާރަތަށްވެސް އެމްޑީޕީން މަރުހަބާ ކިޔަމެވެ. މި ދަތުރުފުޅުގައި އައްޑޫގެ ބިންހިއްކުމާ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށް، ހިތަދޫ އާއި މަރަދޫ ގުޅުވާލުމަށް ހަންކެޑެ ވަށައިގެން ހެދި 4 ލޭނުގެ ޑީޓުއަރ ލިންކް ރޯޑްވެސް އިފްތިތާޙްކުރައްވާނެކަން އުފަލާއެކު ފާހަގަކުރަމެވެ. މި މަގަކީ ހަންކެޑެ މަޝްރޫޢު ކުރިއަށް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިޔުމަށާއި، އައްޑޫ ސިޓީގެ އިޤްތިޞާދު އިތުރު ހަރުފަތަކަށް ގެންދިޔުމަށް އެމްޑީޕީ ސަރުކާރުން ފެށި މަސައްކަތުގެ ތެރެއިން މުހިއްމު ބައެކެވެ. މިއީ އައްޑޫ ސިޓީގެ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން އެމްޑީޕީ ސަރުކާރުން ހިންގި މުހިއްމު މަސައްކަތެކެވެ. މި ދެ މަޝްރޫޢަށްވެސް ފަންޑުކޮށްފައިވަނީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ.
ނިމިދިޔަ 5 އަހަރު އިންޑިއާއިން ވަނީ ދިވެހިރާއްޖެއަށް އެކި ރޮނގުރޮނގުން ބޮޑެތި އެހީތަކެއް ވެދެއްވާފައެވެ. އޭގެ ތެރޭގައި ދިވެހިރާއްޖޭގައި ހިންގޭ ޢުމްރާނީ ތަރައްޤީގެ އެންމެ ބޮޑު މަޝްރޫޢުކަމަށްވެސް ގްރޭޓަރ މާލޭ އޭރިއާ ކަނެކްޓިވިޓީ ޕްރޮޖެކްޓް ހިމެނެއެވެ. މީގެ އިތުރުން އައްޑޫ ސިޓީގައި ޤާއިމްކޮށްފައިވާ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްއާއި، ކޯސްޓްގާޑުގެ އައު ޢިމާރާތާއި، އުތުރު ތިލަފަޅުގައި ޤާއިމްކޮށްފައިވާ އެމް.އެން.ޑީ.އެފްގެ ބަނދަރާއި ޑޮކްޔާޑާއި، އައްޑޫގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫޢާއި، 36 ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތްކުރުމުގެ މަޝްރޫޢާއި، ކޫއްޑޫ އަދި ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްތައް ބޮޑުކުރުމުގެ މަޝްރޫޢާއި، ހަނިމާދޫ އަދި އައްޑޫ އެއަރޕޯޓްތަކުގެ މަޝްރޫޢާއި އައި.ޖީ.އެމް.އެޗް ގެ މަޝްރޫޢަކީވެސް އިންޑިއާ ސަރުކާރުގެ އެހީގައި ހިންގާފައިވާ ޕްރޮޖެކްތްތަކެވެ. މީގެ އިތުރުން ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސްގެ ދަށުން 60 އަށްވުރެ ގިނަ ރަށުގައި 47 ޕްރޮޖެކްޓެއް އިންޑިއާގެ ހިލޭ އެހީގައި ހިންގުނެވެ. މި ޕްރޮޖެކްޓްތަކުގެ އަގު 250 މިލިއަން ދިވެހި ރުފިޔާއަށްވުރެ މަތިވާނެއެވެ. އަދި ކޮވިޑް-19 ބަލިމަޑުކަމާ ކުރިމަތިލުމުގައިވެސް އަދި އެކަމުން އަރައިގަތުމަށްވެސް އިންޑިއާއިން ދިވެހިރާއްޖެއަށް ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނެވެ. އެގޮތުން އިންޑިއާއިން ވަނީ ވެކްސިން، ސިއްހީ ދާއިރާއަށް ބޭނުންވާ އެކިއެކި ސާމާނު، މާލީ އެހީތެރިކަން އަދި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނެވެ.