ސަރުކާރު ހިއްސާވާ ކުންފުނިތަކުން ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާ ދިއުން ހުއްޓާލުމަށް ސަރުކާރަށް ގޮވާލުން

ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ވަޒީފާ އަދާކުރާ ގިނަ ރައްޔިތުންތަކެއް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެއް ފަހަރާ ވަޒީފާތަކުން ކަނޑަމުންދާތީ އެކަން އެންމެ ހަރުކަށި އިބާރާތުން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ކުށްވެރިކުރަމެވެ. އަދި އެކަން މިހާރުން މިހާރަށް ހުއްޓާލުމަށް ސަރުކާރަށް ގޮވާލަމެވެ.

މިފަދައިން ރައީސް މުއިއްޒުގެ ސަރުކާރުން މިކަން މިކުރަނީ ރިޔާސީ އިންތިހާބުގައި ތަކުރާރުކޮށް އެތައް ކެމްޕެއިން ޖަލްސާތަކުގައި އެކި ރަށްރަށުގައި ރައްޔިތުންނާ ބައްދަލުކޮށް ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ވަޒީފާ އަދާކުރަމުންދާ އެއްވެސް މުވައްޒަފެއް ވަޒީފާއިން ވަކިނުުކުރާނެ ކަމަށް ވިދާޅުވެ އެކަމުގެ ޔަގީންކަން ރައްޔިތުންނަށް އެރުވުމަށްފަހުކަން ވެސް ފާހަގަކުރަމެވެ.

އިގުތިސޯދީ ގޮތުން ދަތި ދަނޑިވަޅެއްގައި އެތަކެއް އާއިލާތަކެއްގެ އާމްދަނީ ހުއްޓުވާލައި އެ އާއިލާތައް ހާލުގައި ޖެއްސުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. މި އަނިޔާވެރި ފިޔަވަޅު ރައްޔިތުންނަށް އަޅަމުންދާއިރު، ސަރުކާރުގެ މި ކުންފުނިތަކުގައި ކުރިން ނުތިބޭވަރަށް ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރުންނާއި އިސް ވެރިން ސަރުކާރުން ވަނީ އެ ކުންފުނިތަކަށް އައްޔަނުކޮށްފައެވެ.

މީގެ އިތުރުން ސަރުކާރުގެ ސިޔާސީ މަގާމުތަކަށްވެސް އެތައް ބަޔަކު ދަނީ އަދިވެސް އައްޔަނުކުރަމުންނެވެ. އަދި ސިޔާސީ މަގާމުތަކުގެ އަދަދު ރައްޔިތުންނަށް ސިއްރުކޮށްފައިވީ ނަމަވެސް އެ އަދަދު މިހާރު 2،000 އާ ގާތްކުރާނެ ކަމަށް ބެލެވެއެވެ.

ރައީސް މުއިއްޒު ރިޔާސީ ކެމްޕެއިންގައި ރައްޔިތުންނަށް ވީ ވައުދުތަކަކީ ރައްޔިތުންގެ ވޯޓު ހޯދުމަށްޓަކައި ހެދި ދޮގުތަކެއްކަން މިހާރު މި ދަނީ ސާބިތުވަމުންނެވެ. އެއީ މަހުގެ އަގު 20 ރުފިޔާގައި ހިފެހެއްޓުމާއި، އަށް މަހުން ފުށިދިއްގަރުފަޅު ހިއްކުމާއި، އެކަނިވެރި މައިންނަށް ދޭ އެލަވަންސް 12،000 ރުފިޔާއަށް ބޮޑުކުރުމާއި، ސިޔާސީ މަގާމުތަކުގެ އަދަދު 700 އަށްވުރެ ގިނަނުކުރުމުގެ ވައުދާ، ރައީސް ސޯލިހުގެ ސަރުކާރުން ފްލެޓް ދިން ފަރާތްތަކަށް ފްލެޓް ހަވާލުކުރާނެ ކަމަށްވި ވައުދުތަކާއެވެ.

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ގޮވާލަނީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވަޒީފާތަކުން މުވައްޒަފުން ވަކިކުރުން ހުއްޓާލުމަށެވެ. އަދި ވަޒީފާތަކުން ވަކިކުރަމުންދާ ފަރާތްތަކުގެ ހައްގުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް މައްސަލަ ހުށަހެޅުމުގައި މި ޕާޓީގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް އޮތް ވާހަކަވެސް މިފުރުސަތުގައި ދަންނަވަމެވެ.