27 އޮކްޓޯބަރ 2010
ރާމިޒް
މާދަމާރޭ ފެށުމަށް ހަމަޖެހިފައިވާ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ 2 ވަނަ ކޮންގްރެސްގެ ތެރޭގައި އެޕާޓީގެ ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިން އިފްތިތާޙްކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެމްޑީޕީން ބުނެފިއެވެ.
މާދަމާއިން ފެށިގެން މިއަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް އޮންނަ އެމްޑީޕީގެ ކޮންގްރެސް، ނިންމުމުގެ ރަސްމިއްޔާތުގައި އެޕާޓީގެ ކެމްޕެއިން އިފްތިތާޙްކުރުމުގެ އިތުރުން އިޞްލާޙުކޮށްފައިވާ އެމް.ޑީ.ޕީ.ގެ އަސާސީ ޤަވާއިދު ފާސްކުރުމާއި، ކޮންގްރެސްއިން ތަޞްދީޤުކުރަން މަތިކޮށް، ޤައުމީ މަޖިލީހުން ފާސްކޮށްފައި ހުރި ޤަރާރުތަކާމެދު ގޮތެއް ނިންމުމުގެ އިތުރުން ކޮންގްރެސްއިން އިންތިޚާބު ކުރުން ލާޒިމްކުރާ މަޤާމްތަކުގެ އިންތިޚާބު، އިންތިޤާލީ މަރުޙަލާގައި ބޭއްވުމާބެހޭ ޤަރާރު ހުށަހެޅުން އޮންނާނޭ ކަމަށް އެމްޑީޕީން ބުނެއެވެ.
ތިން ދުވަހަށް ދެމިގެންދާ މި ކޮންގްރެސްގެ ހަވާސާ ބައްދަލުވުމުގައި އަންހެނުންގެ ރޫޙުގެ އިންތިޤާލީ ހިންގާ ކޮމިޓީ ހޮވުން އޮންނާނެއެވެ އަދި ލޯކަލް ކައުންސިލް އިންތިޚާބުތަކާބެހޭ ގޮތުން މަޝްވަރާކުރުމާއި، އެމް.ޑީ.ޕީ.ގެ މެނިފެސްޓޯ ތަންފީޒު ކުރުމުގައި ކާމިޔާބުވީ މިންވަރު ދައްކުވައިދޭ ޕްރެޒެންޓޭޝަނެއް ދިނުމާއި، އެކަމާ ގުޅޭ ވީޑިއޯ އެއް ދެއްކުން ހިމެނެއެވެ.
އެމްޑީޕީގެ 2 ވަނަ ކޮންގްރެސް ނިންމަވާލެއްވުމުގެ ގޮތުން އެމްޑީޕީގެ ނައިބު ރައީސް އިބްރާހީމް ޙުސައިން ޒަކީ އާއި، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވާހަކަފުޅު ދައްކަވާނެއެވެ. އެއަށްފަހު އޮންނާނީ އެމްޑީޕީގެ ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ރަސްމީކޮށް އިފްތިތާޙްކުރުމެވެ.
މި ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތު އެމްއެންބީސީ ވަން ފިޔަވައި އެހެން ޗެނަލްތަކުން ލައިވްކުރާނޭ ކަމަށާއި އަދި ކޮންގްރެސް ނިމުމުގެ ރަސްމިއްޔާތު ރާއްޖޭގެ ހުރިހާ މީޑިއާއަކުން ލައިވް ކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެމްޑީޕީން ބުނެއެވެ.